އެއާޕޯޓުގެ އެއާސައިޑް ޕެޓްރޯލް މަގުގެ ތާރު އެޅުމުގެ މަސައްކަތުގެ 30 ޕަސެންޓް ނިންމައި އަދި ފެންސް ޖެހުމުގެ 70 ޕަސެންޓް މަސައްކަތް ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ، އެއާސައިޑް ޕެޓްރޯލު ރޯޑުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަމަށެވެ. އެއާސައިޑް މަގު އޮންނަނީ ބްރިޖާ ގުޅިފައިވާ ހައިވޭ އާއި ޖެހިގެން އޮންނަ ޓީއެމްއޭގެ ބަސްތައް ދަތުރުކުރާ މަގާ ޖެހިގެންނެވެ.
އެއާސައިޑް ހައިވޭ މަގުގެ ދިގުމިނުގައި 1.2 ކިލޯމީޓަރު ހުންނާނެ އެވެ. މި މަސައްކަތް ނިމުމުން އެއާޕޯޓުގެ އިރުމަތީ އޭޕްރަނާއި ހުޅަނގު އޭޕްރަނާ ގުޅާ ލެވޭނެ އެވެ.
އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް މިހާރު ވެސް އެއާޕޯޓުގައި ދަނީ ކުރަމުންނެވެ. އެގޮތުން އާ ރަންވޭގެ ހުރިހާ މަސައްކަތްތައްވަނީ ނިންމައިފަ އެވެ. އެ ރަންވޭ އަކީ ދުނިޔޭގައި މިހާރު ބޭނުން ކުރާ އެންމެ ބޮޑެތި މަތިންދާ ބޯޓުކަމުގައިވާ އޭ-380 މަރުކާގެ ބޯޓު ޖެއްސޭ ގޮތަށް ތަރައްގީކޮށްފައިވާ ރަންވޭގެ ދިގު މިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރު ހުރެ އެވެ.
އެއާޕޯޓުގައި ޓެކްސީވޭ އާއި ނެވިގޭޝަން ލައިޓިންގެ މަސައްކަތްތަކާއި ވިނަ އިންދުމުގެ މަސައްކަތުގެ އިތުރުން ބިން އެއްވަރު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި މަތިންދާބޯޓް ޕާކު ކުރުމަށް ބޭނުންވާ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ފަށާފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ހަރަދު ކުރެ އެވެ.