ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އަގުހެޔޮ ފްލެޓުތަކުން ބައެއް ހައުސިން ޔުނިޓުތަކުގެ ފައުންޑޭޝަން ތައްޔާރުކޮށް، ކޮންކްރީޓް އެޅުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ބީއެމްއެލްއިން ބުނީ ހުޅުމާލެ އެކެއްގައި އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިމާރާތްކުރާ 364 ހައުސިން ޔުނިޓްގެ ތެރެއިން 182 ޔުނިޓްގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.


އެމްއެމްއޭއިން ހުރިހާ ބޭންކްތަކަށް ލާޒިމުކޮށްފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގައި އެންމެ ފުރަތަމައަށް ބައިވެރިވި، ލީސް-ޓު-އޯން (ކުލި ދައްކައި ހަލާސްކުރުމުން މިލްކުވުން) މޮޑެލްގެ ދަށުން އަލަށް އިމާރާތްކުރާ 3،260 އެފޯޑަބަލް ހައުސިން ޔުނިޓްތަކުގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ހިނގަމުން އަންނަ ކަމަށް ބީއެމްއެލްއިން މިއަދު ބުންޏެވެ. 

"މި ހުރިހާ ޔުނިޓެއް 2028 ގެ މެދުތެރޭގައި ނިންމުމަށްޓަކައި ތާވަލާ އެއްގޮތަށް މަސައްކަތް ހިނގަމުންދޭ. އަދި އިތުރު 740 ހައުސިންގ ޔުނިޓް އެޅުމަށް ބޭންކުން މިވަނީ ނިންމާފައި،" ބީއެމްއެލްއިން މީޑިއާއާ ހިއްސާކުރި ލިޔުމުގައި ވެ އެވެ.

އެ ބޭންކުން ބުނިގޮތުގައި ހައުސިން ޔުނިޓުތައް ދޫކުރާނީ އެމްއެމްއޭގެ ހުއްދައާ އެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން މިހާރު ކުރިއަށްދާ ފްލެޓްތަކުގައި ފައުންޑޭޝަން އެޅުމުގެ މަސައްކަތް-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން މިހާރު ކުރިއަށްދާ ފްލެޓްތަކުގައި ފައުންޑޭޝަން އެޅުމުގެ މަސައްކަތް-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެ މަސައްކަތް ހަވާލުކޮށްފައިވާ ރާއްޖޭގެ ކުންފުނިތަކަކީ އަމިން ކޮންސްޓްރަކްޝަނާއި އެފްޑަބްލިއު ކޮންސްޓްރަކްޝަނާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އެވެ. ރާއްޖެއިން ބޭރުގެ ކުންފުނިތަކަކީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް އަދި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން އެވެ.