މާލޭގެ އާބާދީގެ 10 ޕަސެންޓް މީހުންނަށް ނޭނގި ތިއްބާ ކޮވިޑް-19 ޖެހިފައި ވުން ގާތް ކަމަށް އެންޓިބޮޑީސް ހުރި މިންވަރު ބަލަން ހެދި ދިރާސާއިން ދައްކައިފި އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޑިރެކްޓާ އޮފް ރިސާޗް ޑރ. ރަހީމާ އަބްދުއްރަހީމް މިރޭ ވިދާޅުވީ، ކޮވިޑް-19 ޖެހިފައިވާ މިންވަރު ބަލަން ހެދި އެންޓިބޮޑީސް ދިރާސާގެ ނަތީޖާ އިން ފެންނަ ގޮތުން މާލެއިން ޓެސްޓް ހެދި 13.4 ޕަސެންޓު މީހުންގެ ގައިން ކޮވިޑަށް ރިއެކްޓުކުރާ އެންޓިބޮޑީސް ހުރި ކަމަށެވެ. އަދި އޭގެ ތެރެއިން 10 ޕަސެންޓަކީ ކޮވިޑަށް ޕޮޒިޓިވްވި ކަން މީގެ ކުރިން އެނގިފައި ނުވާ މީހުން ކަމަށް ވިދާޅުވި އެވެ.

"މާލޭގެ އާބާދީ އަކީ 208،000 ނަމަ، ކޮވިޑަށް ހުށަހެޅިފައި ވަނީ 38،000 މީހުން،" އޭނާ ވިދާޅުވި އެވެ.

ކުރިން ކޮވިޑް ޖެހުނު ކަމަށް ބުނި މީހުންގެ ތެރެއިން އެންޓިބޮޑީސް ފެނިފައި ވަނީ 58 މީހުންގެ ފަރާތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ގިނަ ދުވަހު ފަރުވާ ދީފައިވާ މީހެއް ނަމަ، އެ މީހެއްގެ ހަށިގަނޑުގައި ގިނަ އެންޓިބޮޑީސް ހުންނަ ކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް މީގެ ތެރެއިން [ކުރިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން] 42 ޕަސެންޓު [މީހުންގެ] އެންޓިބޮޑީސް ހުންނަންވާ ވަރަށް ނުހުންނަ ކަމަށް މި ދައްކަނީ،" އޭނާ ވިދާޅުވި އެވެ.

އެންޓިބޮޑީސް ހުރި މިންވަރު ބަލަން ހެދި ދިރާސާ އިން ދައްކާ ގޮތުގައި ކޮންމެ ތިން ބިދޭސީއަކުން އެއް ބިދޭސީއެއްގެ މީހުންނަށް މިހާތަނަށް ކޮވިޑް ޖެހިފައި ވެ އެވެ. އަދި ދިވެހިންގެ ތެރެއިން ކޮންމެ 11 މީހެއްގެ ތެރެއިން އެކަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ.

"އެހެންވީމާ ދަންނަވާލަން ޖެހޭނީ ދިވެހިން އިތުރަށް ބަލައިގެންނޭ އުޅެން ޖެހޭނީ،" ރަހީމާ ވިދާޅުވި އެވެ.

މި ދިރާސާ އިން ފާހަގަ ކުރެވުނު އިތުރު ކަންތައްތަކުގެ ތެރޭގައި އެންޓިބޮޑީސް އެންމެ ގިނައިން ފެނުނީ މެދުއުމުރުފުރައިގެ މީހުންގެ ގައިން ކަމާއި އުމުރުން ދުވަސްވީ މީހުންގެ ގައިން ހީކުރި ވަރަށް ވުރެ ގިނައިން އެންޓިބޮޑީސް ފެނުން ހިމެނެ އެވެ.

މި މީޑިއާ ބްރީފިންގައި ބައިވެރިވި އެޗްޕީއޭގެ އެޕިޑަމިއޮލޮޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މި ދިރާސާގެ ނަތީޖާ ޖުމްލަ ގޮތެއްގައި ހުރީ އުންމީދު ކުރި ގޮތާ އެއްގޮތަށް ކަމަށެވެ. އެހެންވެ، ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ނުގެންނާނެ ކަމަށް ވިދާޅުވި އެވެ.