އެމެރިކާގެ އެޓްލާންޓާގައި، ހަމުގެ އަންހެން ޑޮކްޓަރަކު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި ނަށައި ރެޕް ކުރާ މައްސަލައެއް ހޫނުވެ، އެތައް ބަޔަކު އޭނާއާ ދެކޮޅަށް ޝަކުވާ ކުރަން ފަށައިފި އެވެ.

ޑރ. ވިންޑެލް ބޫ ކުރާ ކަމަކީ އޮޕަރޭޝަނަށް ހޭނައްތާ ޕޭޝަންޓް ކައިރީގައި، އެހީތެރިންނާ ވެސް ބައިވެރިވެގެން ލަވަ ޖަހައިގެން ނަށައި، ރެޕްކޮށް ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކުރުމެވެ. އަދި ވީޑިއޯތަކާ އެކު ވިންޑެލް ސޯޝަލް މީޑިއާގައި އޭނާ ޕްރޮމޯޓް ކުރަނީ "ސައުތު އީސްޓްގެ އެއް ނަމްބަރު އަންހެން ޕްލާސްޓިކް ސާޖަން" ގެ ގޮތުގަ އެވެ.

"ރެޕިން ޑޮކްޓާ" ގެ ނަމުގައި މިހާރު މަޝްހޫރުވެފައިވާ ވިންޑެލް މިދިޔަ މަހުގެ ފަހުކޮޅު ކުރި އޮޕަރޭޝަނެއްގެ ތެރޭގައި ވެސް ނަށައި، ރެޕްކޮށް ވީޑިއޯ ކުރުމަށް ފަހު ފޭސްބުކްގައި ޕޯސްޓްކޮށްފައިވެ އެވެ. އެކަމަކު ގިނަ ބައެއްގެ ފާޑުކިޔުންތައް ކުރިމަތިވެ އޭނާއާ ދެކޮޅަށް ގިނަ ބަޔަކު ޝަކުވާ ވެސް ކުރަމުންދާތީ ބައެއް ވީޑިއޯތައް ވަނީ ޑިލީޓްކޮށްލައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވިންޑެލް އެޓްލާންޓާގައި އޮޕަރޭޝަންތައް ކުރާ އިރު، އެކަމުގެ ރަސްމީ ހުއްދަ ވެސް ޖޯޖިއާ މެޑިކަލް ބޯޑުން އޭނާ އަށް ދީފައެއް ނުވެ އެވެ. އެކަމަކު އެތަނުގެ ހުއްދައާ ނުލައި އެޓްލާންޓާގައި ޕްރްކެރިސްޓް ކުރެވޭ ކަމަށްވެ އެވެ.

ނަމަވެސް ވިންޑެލްގެ އަމަލުތައް ހުރި ގޮތުން އޭނާއާ ދެކޮޅަށް 100 އެއްހާ އަންހެނުން މިހާރު ވަނީ ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ތިން އަންހެނެއްގެ ވަކީލާ ސޫޒަން ވިޓް ސީއެންއެން އަށް ބުނި ގޮތުގައި ވިންޑެލްއާ ގުޅޭ ގޮތުން އޭނާގެ އޮފީހަށް ލިބޭ ޝަކުވާގެ ކޯލްތަކާއި އީމެއިލްތަކާ ހެދި މިހާރު ނުކުޅަދާނަވާ ހިސާބަށް ހިނގައްޖެ އެވެ.

"ވިންޑެލްގެ އަމަލުތައް ހުރި ގޮތުން އެތައް ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އަންނަ އިރު ވެސް އޭނާއާ ދޭތެރޭ ކަމާ ބެހޭ ފަރާތްތަކުން މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅައި އޭނާ ލައްވައި މަސައްކަތް ކުރުވުމަކީ ވެސް އަހަރެމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް،" ސޫޒަން ބުންޏެވެ. "ވިންޑެލްގެ އަމަލުގެ ސަބަބުން ޕޭޝަންޓުންނަށް ރައްކާތެރި ކަމެއް ނެތް ކަމުގެ ބިރު ވަރަށް ބޮޑު."

ރިޕޯޓްތައް ބުނާ ގޮތުން މީގެ ކުރިން ވެސް ވިންޑެލް އިސްކޮށް ހުރެގެން މީގެ ހައެއްކަ މަސް ކުރިން ކުރި ފަސް އޮޕަރޭޝަނެއްގައި އޭނާގެ އަތުން ބޮޑެތި ގޯސްތައް ހެދިފައިވެ އެވެ.

"އެކަމަކު އެ ހާލުގައި ވެސް އޭނަ ޕޭޝަންޓުންގެ ސިއްހަތާ ކުޅެ، އާމްދަނީ ހޯދުމަކީ ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭ މައްސަލައެއް،" ސޫޒަން ބުންޏެވެ.

މި މައްސަލާގައި މީޑިއާތަކުން ވިންޑެލް އާއި އޭނާގެ ވަކީލާ ސުވާލު ކުރުމުން އެ މީހުން ވަނީ އެއްވެސް ވާހަކައެއް މީޑިއާގައި ދައްކަން އިންކާރުކޮށްފަ އެވެ.