ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ފަށައިފި އެވެ.
ދަރަވަންދޫގައި އެ ހިދުމަތް ފެށުމަށް މިއަދު ހެނދުނު ބޭއްވި ހާއްސަ ހަފުލާގައި އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ އަދި ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު އަހްމަދު ވަހީދު ބައިވެރިވެ ވަޑައިގަތެވެ.
އެ ހަފުލާގައި ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު އާއި ކައުންސިލްގެ މެމްބަރުންގެ އިތުރުން ރަށުގެ ރައްޔިތުންނާއި އިމިގްރޭޝަންގެ އޮފިސަރުން ވަނީ ބައިވެރިވެފަ އެވެ. އަދި އެ ހަފުލާގައި ވަނީ އެ ރަށުން ޕާސްޕޯޓުގެ ހިދުމަތް އެންމެ ފުރަތަމަ ހޯދި ދެމީހުންނަށް ޕާސްޕޯޓު ހަވާލު ވެސް ކޮށްފަ އެވެ.
އިމިގްރޭޝަނުން ބުނީ ބ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ މީހުންނަށް މިހާރު "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު، "ކަލެކްޝަން ޕޮއިންޓް"ގެ ގޮތުގައި އެ އަތޮޅު އޭދަފުށީގެ އިތުރުން ދަރަވަންދޫ ވެސް ހިޔާރުކުރެެވޭނެ ކަމަށެވެ.
އިމިގްރޭޝަނުން މިހާރު ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ވެސް އެއް ރަށަކުން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. އަދި ހިދުމަތް ހޯދާ މިހުންގެ އަދަދަށް ބަލައި އިތުރު ރަށްރަށުގައި ވެސް ޕާސްޕޯޓުގެ ހިދުމަތް ވަނީ ފަށައިފަ އެވެ.
ހުރިހާ އަތޮޅެއްގައި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިިދިޔަ އަހަރު އޮކްޓޯބަރުގައި އެ ވައުދު ވަނީ ފުއްދައިފަ އެވެ.