ރާއްޖޭގެ ވެރިއަކަށް އޭރެއްގައި ހުންނަވާ ބޭފުޅަކަށް ބޮޑެތި ބާރުތަކެއް ލިބިފައިވާތީ، އެ ބޭފުޅަކު ބޭނުން ނަމަ ހުރިހާ ކޯޓެއްގެ ޓިނު ނެގި ދާނެ ކަމަށާއި، އެކަމަކު ބާރުތަކުގެ ނާޖައިޒު ފައިދާ ނުނަންގަވާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މި އަތޮޅުގެ އެންމެ ފަހު ރަށް، ކުޑަރިކިލު ބަނދަރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވެރިއަކަށް ހުންނަ މީހަކު ބޭނުންވެއްޖެ ނަމަ ސުޕްރީމް ކޯޓާއި ހައި ކޯޓު އަދި ހުރިހާ ކޯޓުތަކެއްގެ ފުރާޅުން ޓިނު ނެގިދާނެ ކަމަށެވެ.

އެކަމަކު، އެ ގޮތަކަށް ކަންތައްތަކެއް ނުކުރައްވާނެ ކަމަށް، ބަނދަރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

"ވެރިއަކަށް ހުންނަ މީހަކަށް ހުރޭ ވަރަށް ބައިވަރު ބާރުތައް ލިބިފައި. ވެރިއަކަށް ހުންނަ މީހަކު ބޭނުންވެއްޖިއްޔާ ހަމައެކަނި ގޮސް ސުޕްރީމް ކޯޓު ފުރާޅުން އެކަންޏެއް ނޫން، އެއްފަހަރާ ސުޕްރީމް ކޯޓާއި ހައި ކޯޓާ ހުރިހާ ކޯޓުތަކެއްގެ ފުރާޅުން ޓިނު ނެގިދާނެ. އެއީ އެ ބާރު ބޭނުން ކޮށްފިއްޔާ. އެހެން ނަމަވެސް، އަޅުގަނޑުމެންނަކީ އެ ބާރު، ހަމަގައިމު ވެސް އަޅުގަނޑަކީ އެ ލިބިފައިވާ ބާރު އެގޮތަށް ނާޖައިޒު ގޮތުގައި ބޭނުންކުރާނެ މީހެއް ނޫން." ރައީސް ވިދާޅުވި އެވެ.

ރައްޔިތުން ޓެކްސް ދައްކަނީ އެ މީހުންނަށް ރަނގަޅު ކަންތައްތައް ކޮށްދޭން ކަމަށާއި ކޮންމެ މީހަކު ވެސް ޓެކްސް ދައްކާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް، މިހާރު އިދިކޮޅުގައި ތިބި މީހުންނަށް ވެރިކަން ކުރަން ލިބުނު ފުރުސަތުގައި އެކަމެއް ނުކުރި ކަމަށާއި ބަޖެޓުގައި ޕީއެސްއައިޕީއަށް ތިން ބިލިއަން ރުފިޔާ ޖެހިއަސް އެކަމެއް ވެސް ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުޑަރިކިލަށް ވަޑައިގެން، މި ރަށުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: އެމްޑީޕީ
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުޑަރިކިލަށް ވަޑައިގެން، މި ރަށުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: އެމްޑީޕީ

އެ ކަންކަން ކުރާނެ ގޮތުގެ ޕްލޭނެެއް ނެތަސް، މިހާރު މުޅި ނިޒާމް ބަދަލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެއާއެކު، އެ މަނިކުފާނު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ދައުލަތަށް ލިބެން ހުރި ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރުމުން ފައިސާއެއް ނުހުންނާނެ ކަމަށެވެ. އެ މައްސަލަ ތަހުގީގުކޮށް ޖަލަށް ލުމުން، ޔާމީން ދޫކޮށްލަން ގޮވާލިއަސް އެކަން ކުރާނެ ގޮތަކާ މެދު އެ މަނިކުފާނު ސުވާލު އުފެއްދެވި އެވެ.

"ކޯޓުތައް މިނިވަންކަމާ އެކީގައި މަސައްކަތްކުރަން ޖެހޭ. އެ ބޭފުޅުންގެ މުއައްސަސާއަށް އަޅުގަނޑުމެން ފުރުސަތު ދޭންޖެހޭ. މިނިވަންކަމާއެކު މަސައްކަތްކުރުން އެއީ ހެޔޮ ވެރިކަމެއްގެ އެއް ސިފަ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ވެސް ޝަރުއީ ދާއިރާ ހިނގާނީ މިނިވަންކަމާއެކީ،" ރައީސް ވިދާޅުވި އެވެ.

ވެރިކަން ލިބުމުން ގާނޫނު އަސާސީން ލިބިފައިވާ ބާރަކީ ބޭނުންގޮތަކަށް ލިބިފައިވާ އެއްޗަކަށް ހަދާ ނަމަ ގައުމު ވެއްޓޭނީ، އެމްޑީޕީގެ ކެންޑިޑޭޓް ވިދާޅުވި ގޮތުގައި އަނދަވަޅަކަށެވެ.

ރައީސް ވަނީ، އެ މަނިކުފާނު ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ކޮށްދެއްވާނެ ކަންތައްތައް އިއުލާނުކުރައްވައިފަ އެވެ. އޭގެ ތެރޭގައި؛

- ސްކޫލުގެ މަލްޓިޕާޕަސް ހޯލު އެޅުން

- ޒުވާނުންގެ މަރުކަޒު ހެދުން

- އޭޓީއެމް ހިދުމަތް ދިނުން

- ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުން

- ކުޑަކުދިންގެ ޕާކެއް ހެދުން

އެ ބައްދަލުވުވުމަށް ފަހު ރައީސް ވަނީ މި ސަރުކާރުން އިމާރާތްކުރި ބަނދަރު ހުޅުވައިދެއްވައިފަ އެވެ.