މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ބަންގްލަދޭޝްގެ ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
އެ މީހުން ހައްޔަރުކޮށް އެ މީހުންނާ ގުޅުން ހުރި މާލޭގެ ގެސްޓުހައުސްއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް ފެނުނު ތަކެއްޗާ ބެހޭ ތަފްސީލް ހާމައެއް ނުކުރެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
- ތޯހިދުލް އިސްލާމް، 35،
- މޮނީރް ބެޕާރީ، 37،
- ޖަކިރް މުންޝި، 46،
- އެމްޑީ އަބު ޒަބެރް ޕްރަމަނިކު، 37،
- އެމްޑީ އުސްމާން، 23،
- މޮހައްމަދު ބަބްލޫ އަލީ، 34،
- އެމްޑީ ރައިހާން، 32،
- އަފްރަނުލް ހޮގް އާޝިކު، 34،
- މުހައްމަދު ރަކިބް ހޮސެއިން، 30،
މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު އެންމެން ވެސް މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ގއ. އަތޮޅު ޕޮލިސް އާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގއ. މާމެންދޫގެ ދެ ގެޔަކުން 17.7 ކިލޯ ޑްރަގް ހޯދައި އެ މައްސަލާ ގުޅުންހުރި ކަމުގެ ތުހުމަތަށް ދެ މީހަކު ވެސް މިދިޔަ ބުދަ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ.
އިއްޔެ މާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ވެސް ކިލޯއަކަށް ވުރެ ގިނަ ޑްރަގާއި މަސްތުވާތަކެތި ހުރި ވޭޕް ކާޓްރިޖްތަކެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި ތިން ޒުވާނަކު ހައްޔަރުކޮށްފައިވެ އެވެ.
އެ އޮޕަރޭޝަނުގައި މާފަންނު ގެއެއް ބަލާ ފާސްކުރިއިރު 1.7 ކިލޯގެ ޑްރަގާއި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ 230 ވޭޕް ކާޓްރިޖް އަދި 26 ފުޅި ވޭޕް ފްލޭވާ އަދި ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.