މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ ދައުލަތުގެ ދަރަންޏަށް 4.5 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ ކުއާޓަލީ ޑެޓް ބުލެޓިން އިން އެނގޭ ގޮތުގައި މިދިޔަ ހަ މަހު އެންމެ ބޮޑަށް އިތުރުވެފައިވަނީ ދައުލަތުން ދީފައިވާ ގެރެންޓީތަކެވެ. މިދިޔަ ހަ މަހުން ދައުލަތުގެ ބޭރުގެ ދަރަނި ފަސް ޕަސެންޓަށް އިތުރުވެފައިވާ އިރު އެތެރޭގެ ދަރަނި ވަނީ ހަތް ޕަސެންޓަށް އިތުރުވެފަ އެވެ. އަދި ގެރެންޓީ ދިންވަރު 14 ޕަސެންޓަށް އިތުރުވެފައިވެ އެވެ.

ބޭރުގެ ދަރަނި އިތުރުވެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ނަގާފައިވާ ލޯނުން އިތުރު ފައިސާ ދައުލަތަށް ލިބުމާ އެކު އެވެ. އެތެރޭގެ ދަރަނި އިތުރުވެފައި ވަނީ ޓްރެޝަރީ ބިލް ވިއްކުމުންނެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއާއި) އަށް 100 މިލިއަން ޑޮލަރު ސަރުކާރުން ޓީބިލްގެ ގޮތުގައި ވިއްކާފައިވެ އެވެ.

ސަރުކާރުން ބުނި ގޮތުގައި ސްޓޭޓް ބޭން އޮފް އިންޑިޔާ އަށް ވިއްކި ޓީބިލްގެ ފައިސާ، ހިލޭ އެހީގެ ގޮތުގައި އިންޑިޔާ އިން ދިނުމަށް އެއްބަސްވެފައިވެ އެވެ. އިންޑިޔާ ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، މި އަހަރު އިތުރު 50 މިލިއަން ޑޮލަރު އެސްބީއައި އަށް ޓީބިލް ގޮތުގައި ވިއްކުމަށް ހަމަޖެހިފައިވެ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާ ބަލާ އިރު މިއަހަރުގެ ފުރަތަމަ ހަ މަހުގެ ދަރަނި ވަނީ ފަސް ޕަސެންޓަށް އިތުރުވެފަ އެވެ.

މި އަހަރުގެ މިހާތަނަށް ދައުލަތުގެ ދަރަނި 49 ބިލިއަނަށް ވަނީ އަރައިފަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 61.3 ޕަސެންޓެވެ. އަދި ލޯނު ގެރެންޓީއާ އެކު ދައުލަތުގެ ދަރަނި 64.9 ބިލިއަން ރުފިޔާ އަށް އަރަ އެވެ. ލޯނު ގެރެންޓީއާ އެކު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 72 ޕަސެންޓްގަ އެވެ.

ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލާއިރު، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ދައުލަތުގެ ޖުމްލަ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓުމަށް އެންމެ އެކަށީގެންވަނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 60 ޕަސެންޓެވެ. މި މިންގަނޑަށްވުރެ ރާއްޖޭގެ ދަރަނި ވަނީ އިތުރުވެފަ އެވެ.