ދިފާއީ ރޮނގުން ދެ ގައުމުގެ މެދުގައި އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސައޫދީ އަރަބިއްޔާ އާއި އިނގިރޭސި ވިލާތުން އިއްޔެ ސޮއިކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނަށް މިހާރު ވަޑައިގެން އުޅުއްވާ ސައޫދީގެ ދިފާއީ ވަޒީރު ޚާލިދު ބިން ސަލްމާން އާއި އިނގިރޭސި ވިލާތުގެ ދިފާއީ ވަޒީރު ބެން ވެލޭސް މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އިނގިރޭސި ދިފާއީ ވުޒާރާގެ މައި މަރުކަޒުގަ އެވެ. މި އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ ސައޫދީ އަރަބިއްޔާގެ ދިފާއީ ވުޒާރާގެ ގާބިލުކަން އިތުރުކޮށްދިނުމަށް އިނގިރޭސި ވިލާތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އޭގެ އިތުރުން، ސައޫދީ އަރަބިއްޔާގެ އަސްކަރީ ސިނާއަތުގެ އަމިއްލަ އުފެއްދުންތެރިކަމާއި ގާބިލުކަން އިތުރަށް ތަރައްގީކޮށްދިނުމުގައި އިނގިރޭސި ވިލާތުން އެހީތެރިވުމަކީ ވެސް މިއެއްބަސްވުމުގެ އެއް މަގްސަދެވެ. އަދި ސައޫދީ އަރަބިއްޔާ އާއި އިނގިރޭސި ވިލާތާ ދެމެދު އަސްކަރީ ދާއިރާ އިންނާއި ދިފާއީ ދާއިރާ އިން އެއްބާރުލައި އެހީތެރިވުމަށް ވެސް މި އެއްބަސްވުމުގައި ކަނޑައަޅާފައިވެ އެވެ.

ސައޫދީ އަރަބިއްޔާގެ ނޫސްތަކުން ބުނާ ގޮތުގައި ސައޫދީ ދިފާއީ ވަޒީރު ޚާލިދު، އިނގިރޭސި ދިފާއީ ވަޒީރާ އެކުގައި އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ވެސް، ދިފާއީ ކަންކަމާއި އަސްކަރީ ދާއިރާ އިން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންނެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބެން ވެލެސް ވިދާޅުވީ ސައުދީ އަރަބިއްޔާއަކީ އިނގިރޭސި ވިލާތުގެ މުހިންމު ބައިވެރިންގެ ތެރެއިން ބައިވެރިއެއް ކަމަށެވެ. އެހެންކަމުން ސައޫދީއާ އެކުގައި މިފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުން ދެ ގައުމުގެ ގާތްކަން ކުރިއަށް ވުރެ ވެސް އިތުރުވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ވެސް ދެ ގައުމު ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ބެން ވެލޭސް ވިދާޅުވި އެވެ.