ގަލްފުގެ ގައުމުތަކުން ކަނޑު މަގުން މުދާ އުފުލުމުގައި ބޭނުންކުރަމުން އަންނަ މައި ކަނޑުއޮޅިތަަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން، ސައުދީ އަރަބިއްޔާއިން އިސްވެ އުފައްދާފައިވާ ދިފާއީ އިއްތިހާދުގައި ރާއްޖޭން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ސައުދީން އިސްވެ އިތުރު 13 ގައުމަކުން ގުޅިގެން، މިދިޔަ މަހު އިއުލާނުކުރި އިއްތިހާދުގެ ބޭނުމަކީ، ބާބުލްމަންދަބު ކަނޑުއޮޅި އާއި، ރަތްކަނޑު އަދި އަދަން ކަނޑުއޮޅީގައި ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި، ބައިނަލްއަގުވާމީ ވިޔަފާރި އާއި ހަކަތަ ފޯރުކޮށްދޭ މަގުތައް ރައްކާތެރިކުރުމެވެ.
އެ އިއްތިހާދުގައި ރާއްޖޭން ބައިވެރިވުމަށް، "ޗާޓާ އޮފް ދަ މަލްޓިނެޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގައި ރާއްޖޭން ބައިވެރިވެ ސޮއިކޮށް އެ މުއާހަދާ ތަސްދީގުކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮނުއްވި މައްސަލަ ދިރާސާކޮށް މަޖިލީހުގެ ހާރިޖީ ކޮމިޓީން ދިރާސާކޮށް ނިންމީ އެ ކަމަށް ރުހުން ދިނުަމަށެވެ.
އެ މުއާހަދާގައި ސޮއިކޮށް ތަސްދީގުކުރަން ރުހުން ދޭން ނިންމައި ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ ތެރެއިން 58 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެ މުއާހަދާގައި ބައިވެރިވާން ރުުހުން ދޭން ނުފެންނަ ކަމަށް އެންމެ މެންބަަރަކު ވޯޓު ދެއްވި އިރު ވަކިކޮޅަކަށް ވޯޓު ދެއްވަން ބޭނުންނުވާ ހަ މެންބަރަކު ތިއްބެވި އެވެ. އެ ހަތް މެމްބަރުންނަކީ ވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުންނެވެ.
އެ ކޯލިޝަން އުފެއްދި ގައުމުތަކުން ބުނެފައިވަނީ، އިއްތިހާދުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މެންބަރު ގައުމެއްގެ އަމިއްލަ ސިޔާދަތީ ނިންމުމެއް ކަމަށެވެ. މި އިއްތިހާދުގެ ހަރަކާތްތައް ކުރިއަށްގެންދާނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމައަށް އިހްތިރާމުކޮށް، ދައުލަތްތަކުގެ ސިޔާދަތަށް އިހުތިރާމްކޮށް، ކަނޑުދަތުރުފަތުރުގެ މިނިވަންކަން ހިމާޔަތްކުރެވޭ ގޮތަށް ކަމަށް އެ ގައުމުތަކުން ވަނީ ބުނެފަ އެވެ.
ސައުދީއަކީ މި އިއްތިހާދު އުފެއްދި، އިސްކޮށް ހަރަކާތްތެރިވާ ގައުމުގެ އިތުރުން ކޯލިޝަންގެ ދާއިމީ ހެޑްކުއާޓަރުގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.
އެ އިއްތިހާދުގައި މިހާތަނަށް ބައިވެރިވެފައިވާ ގައުމުތަކުގެ ތެރޭގައި ސައުދީގެ އިތުރުން، ތުރުކީ، ކުވެއިތު، ބަހްރެއިން، ގަތަރު، އުރުދުން، މިސްރު، ޕާކިސްތާން، ޖިބޫތީ، ސޯމާލިއާ، ބަންގްލަދޭޝް، ޔަމަން އަދި ކޮމޮރޯސް ހިމެނެ އެވެ.
އެ އިއްތިހާދު އުފައްދާފައިވަނީ، އީރާނުން ވާގިވެރިވާ، ޔަމަނުގެ ހޫތީންގެ ޖަމާއަތުން މިދިޔަ ޖުލައި މަހު ސައުދީ އާ ދެކޮޅަށް ކަނޑުމަގުން ބްލޮކޭޑެއް އިއުލާނުކޮށް، އޭގެ ފަހުން ސައޫދީއާ ގުޅުންހުރި އުޅަނދުފަހަރަށް ހަމަލާތަކެއް ދީ، ރަތްކަނޑުގައި ވިޔަފާރި އުޅަނދުފަހަރަށް ހުރި ނުރައްކާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.