މަދީނާއާ ކައިރި ސަރަހައްދެއްގައި މިިސައިލެއް ހުއްޓުވައި ހަލާކުކޮށްލާފައިވާ ކަމަށް ޔަމަނުގެ ހޫތީންނާ ހަަނގުރާމަކުރަން ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ އިއްތިހާދުން މިއަދު ބުނެފި އެވެ.

އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މަދީނާގެ ކައިރިން ކްރޫޒް މިސައިލެއް ހުއްޓުވައި، ހަލާކުކޮށްލާފައިވާ ކަމަށް ސައުދީ އިއްތިހާދުގެ ތަރުޖަމާން ތުުރުކީ އަލްމާލިކީ ވިދާޅުވި އެވެ. 

އެކަމަކު، އެ ހަމަލާގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. 

ހޫތީން ބުނީ ސައުދީއަށް މިއަދު އެއްވެސް ހަމަލާއެއް ދީފައި ނުވާނެ ކަމަށެވެ.

ހޫތީން ސައުދީއަށް ދޭ ހަމަލާތައް އިތުރުކޮށްފައިވާއިރު އެ މީހުންގެ ގާބިލުކަން ކުރިއަށް ވުރެ އިތުރުވެފައިވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ލުބުނާނުގެ ކުރީގެ ޖެނެރަލެއް ކަމަށްވާ ހަސަން ޖޫނީ އަލްޖަޒީރާއަށް ވިދާޅުވެފައިވާ ގޮތުގައި ސައުދީ ގައުމީ ތެޔޮ ކުންފުނި އަރަމްކޯގެ މައި އިދާރާއަށް ދިން ހަމަލާއިން ފެންނަނީ ކުރިއަށް ވުރެ ދުރަށް ހަމަލާތައް ފޮނުވާލުމުގެ ގާބިލުކަން ހޫތީންނަށް ލިބިފައިވާ ކަމެވެ.

އަރަމްކޯގެ މައި އިދާރާ ހުންނަނީ ދަހުރާންގަ އެވެ. 

ޖޫނީ ވިދާޅުވި ގޮތުގައި މިސައިލްތައް ހުއްޓުވައި ހަލާކުކުރުމުގެ ގާބިލުކަން ސައުދީގައި ހުރި ނަމަވެސް ހޫތީންގެ އެފަދަ ހަމަލާތަކަކީ ސައުދީއަށް އޮތް ބޮޑު ނުރައްކަލެކެވެ.

އަރަމްކޯގެ މައި އިދާރާއަށް އަންގާރަ ދުވަހު ދިން ހަމަލާގައި ރޯވި އަލިފާން ވަގުތުން ނިއްވާލާފައިވާ ކަމަށާއި އެ ހަމަލާގައި މީހަކަށް ކަމެއް ނުވާ ކަމަށް ސައުދީ ސަރުކާރުން ބުންޏެވެ.