މާތްވެގެންވާ މައްކާ އާއި މަދީނާ ސަރަހައްދަށް ދިން ހަމަލާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން މިއަދު ކުށްވެރިކޮށްފި އެވެ.

އޯއައިސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މައްކާ އާއި މަދީނާ ސަރަހައްދަށް ޔަމަނުގެ ހޫތީން ދިން ނުބައިނުލަފާ ހަމަލާ އާއި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ހޫތީން ކުރިއަށް ގެންދާ އުދުވާނީ ހަމަލާތައް އެ އޯއައިސީގެ ޖެނެރަލް ސެކްރެޓޭރިއަޓުން ކުށްވެރިކުރާ ކަމަށެވެ. ކުށެއްނެތް އާއްމުންގެ ހިތްތަކުގައި އެ ހަމަލާތަކުގެ ސަބަބުން ބިރުވެރިކަން އުފެދޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"މިހަމަލާތަކުން، ކުށެއްނެތް އާއްމުންގެ ހިތްތަކަށް ބިރުވެރިކަން ވައްދައި، މުގައްދަސް ތަންތަނާއި މިސްކިތްތަކުގެ ހުރުމަތް ކެނޑޭ އަދި ދުނިޔޭގެ ކަންކޮޅުތަކުަގައި ތިބި މުސްލިމުންގެ އިހުސާސްތަކަށް އަސަރުކުރުވަ އެވެ." އޯއައިސީގެ ބަޔާނުގައި ބުންޏެވެ. 

ހޫތީންނަކީ ހަނގުރާމަވެރި ޓެރަރިސްޓް ޖަމާއަތެއް ކަމަށް ސިފަކޮށް އެ ބަޔާނުގައި ބުނީ ހުރުމަތްތެރިވެގެންވާ ތަންތަނަށާއި މިސްކިތްތަކަށާއި މަދަނީ ތަންތަނަށް ހަމަލާދޭން ހޫތީން ހިންގާ އަމަލުތަކަކީ އިސްލާމީ އުސޫލުތަކާއި ބައިނަލްއަގުވާމީ ހަމަތަކާ ހިލާފު ކަންތައްތައް ކަމަށް އޯއައިސީން އިގުރާރުވާ ކަމަށެވެ. 

އެފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ އަދި ކެތްކުރެވޭނެ ކަންތައްތައް ނޫން ކަމަށާއި އެފަދަ އަމަލުތައް ހިންގާ މީހުން ހުއްޓުވަންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް ވެސް އޯއައިސީގެ ބަޔާނުގައި ބުންޏެވެ.

ޔަމަންގެ ހޫތީ ހަނގުރާމަވެރިން މައްކާ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް އެ ސަރަހައްދަށް ވަނުމުގެ ކުރިން ވައްޓާލާފައިވާ ކަމަށާއި ހަމަލާތަކުގެ ނުރައްކާ ދެ ހަރަމްފުޅާއި އަޅުވެރިންނަށް ފޯރަން ފަށައިފި ނަމަ އެއީ ރަތް ރޮނގު ފަހަނަޅައި ދިއުން ކަމަށް ސައޫދީ ކޯލިޝަނުން ވަނީ ބުނެފަ އެވެ.

އެކަމަކު ހޫތީން ހަމަލާ ދިން ކަމަށް އިންކާރު ކުރެ އެވެ. ހޫތީން ބުނީ ހަމަލާ ދެނީ ސައޫދީގެ ތެލުގެ ވަސީލަތްތަކަށް ކަމަށާއި އެއީ މައްކާ އާއި މަދީނާއާ ވަރަށް ދުރު ކަމަށެވެ. 

 ހޫތީންގެ ނުަރައްކަލާ ދެކޮޅަށް، ސައޫދީ އިސްވެ އޮންނަ ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ ވިދާޅުވީ މައްކާ ސަރަހައްދުގައި ވަނުން މަނާ ވައިގެ ސަރަޙހައްދަށް ހޫތީންގެ ޑްރޯން ވަނުމުގެ ކުރިން އިންޓަސެޕްޓްކޮށް ވައްޓާލާފައިވާ ކަމަށެވެ. އޭގެ ބައިތައް ވެއްޓުނީ މައްކާގެ ދެކުނަށް ކަމަށް ކޯލިޝަނުން ބުންޏެވެ.

މާލިކީ ވިދާޅުވި ގޮތުގައި މިއީ މައްކާއަށް ހަމަލާ ދިނުމަށް ހޫތީން މަސައްކަތްކުރި ދެ ވަނަ ފަހަރެވެ. އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ހަމަލާދޭން މަސައްކަތްކުރީ ޖުލައި 27، 2017 ގަ އެވެ.

މި ހާދސާ ހިނގާފައިވަނީ ހޫތީން ޚަމީސް މުޝައިތު، އަބްހާ އަދި ތާއިފަށް ދިން މިސައިލާއި ޑްރޯން ހަމަލާތަކުގައި އާންމުންގެ 13 މީހުން ޒަހަމްވެ، ހަތް ގެއަކަށާއި ދެ ވެހިކަލަކަށް ގެއްލުންވި ކަމަށް ކޯލިޝަނުން ބުނިތާ އެއް ދުވަސް ފަހުންނެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު، ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ސަރުކާރުގެ ސިފައިންނާއި ހޫތީންނާ ދެމެދު ކުރިމަތިލުންތައް ވަނީ އިތުރުވެފަ އެވެ. ހޫތީން، ވެރިރަށް ސަންއާ އާއި އެތައް ޕްރޮވިންސެއް 2014 ވަނަ އަހަރު ހިފުމާ ގުޅިގެން، ސައޫދީ އިސްވެ އޮންނަ އަރަބި ކޯލިޝަނުން، ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ސަރުކާރަށް ތާއީދުކޮށް 2015 ގައި ހަނގުރާމައިގެ ތެރެއަށް ވަން ފަހުން، އެ ގައުމު ވަނީ ހަނގުރާމައިގެ ތެރެއަށް ގެނބިފަ އެވެ.