ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަބީޝެކް ބަޗަން، އޭނާގެ އަންހެނުން އަދި ދުނިޔޭގެ ރީތީގެ ރާނީ އައިޝްވާރިޔާ ރާއީ ބަޗަންއާ އެކު ރެޑް ކާޕެޓްގައި ހިނގުމަކީ އޭނާއަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި އެކަމާ އިންތިހާއަށް ބިރުގަންނަ ކަމަށް ހާމަކޮށްފި އެވެ.
ލިލީ ސިންގްގެ ޕޮޑްކާސްޓެއްގައި އަބީޝެކް ބުނީ އައިޝްވާރިޔާއަކީ ރެޑް ކާޕެޓްގައި ވަރަށް ކެރޭ، ހުނަރުވެރި އަދި ފްރޮފެޝަނަލް މީހެއް ކަމަށެވެ. ނަމަވެސް އޭނާއާ އެކު އެފަދަ ބޮޑެތި އިވެންޓްތަކުގެ ރެޑް ކާޕެޓަށް އެރުމަކީ އޭނާއަށް "ބިރުވެރި" ކަމެއް ކަމަށް އަބީޝެކް ސިފަކުރި އެވެ.
"އައިޝްވާރިޔާ ރެޑް ކާޕެޓުން ފެނިފައިވޭތަ؟ އޭނާ އެކަމަށް ވަރަށް މޮޅުވާނެ. އެކަމަކު އަހަރެން އެތަނަށް އެރުމުން ހީވަނީ 'ލަކުޑި ބުރިއެއް' ހެން. އަތް ބާއްވާނެ ގޮތެއް ނޭނގިގެން ވެސް، ވަރަށް އުނދަގޫ އިހުސާސްތަކެއް ކުރެވޭ،" އަބީޝެކް ބުންޏެވެ.
އަބީޝެކް ބުނީ އޭނާގެ މި ހާސްކަމުގެ ސަބަބުން މޫނުމަތިން ފެންނަ ސީރިއަސްކަން ފޮޓޯގްރާފަރުންނަށް ބައެއް ފަހަރު އޮޅޭ ކަމަށެވެ.
އެއް ފަހަރަކު ފޮޓޯގްރާފަރަކު އޭނާ ކައިރީގައި "ސަރ، އަހަރެމެންނަށް ކޮން ކުށެއްތޯ ކުރެވުނީ؟ ކީއްވެތޯ ތިހާ ބޮޑަށް ރުޅި އައިސްފައި ތި ހުންނަނީ؟" އެހެން އެހި ކަމަށް ވެސް އޭނާ އަބީޝެކް ބުންޏެވެ.
ނަމަވެސް އެއީ ރުޅި އައުން ނޫން ކަމަށާއި އެއީ އޭނާ އެ ވަގުތު ހާސްވެފައި ހުރުމުން ހީވިގޮތް ކަމަށް އަބީޝެކް ބުންޏެވެ.
މީގެ އިތުރުން، އެމީހުންގެ އާއިލީ ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަބީޝެކް ބުނީ ދަރިފުޅު އާރާދިޔާ ތަރުބިއްޔަތު ކުރުމުގައި އޭނާ އާއި އައިޝްވާރިޔާ ގެންގުޅެނީ އެއް ހަމައެއް ކަމަށެވެ.
ގޭތެރޭގައި ވަކި ކަމެއް ކުރަން ޖެހޭނީ އަންހެނުން ނުވަތަ ފިރިހެނުން ކަމަށް ބުނެ ވަކި ރޯލުތަކެއް ކަނޑައަޅާފައި ނޯންނާނެ ކަމަށާއި އެމީހުން ބޭނުންވަނީ އަމަލުން ދަރިފުޅަށް ނަމޫނާ ދައްކަން ކަމަށް ވެސް އަބީޝެކް ބުންޏެވެ.
އަބީޝެކް އާއި އައިޝްވާރިޔާ ކައިވެނިކުރީ 2007 ވަނަ އަހަރު އެވެ.