ބޮލީވުޑްގެ ސެލެބްރިޓީ ކަޕުލް އައިޝްވާރިޔާ ރާއީ އާއި އަބީޝެކް ބައްޗަން، ކައިވެނި ޕާޓީއެއްގައި ސަލްމާން ހާންގެ މަޝްހޫރު ލަވަ "ސަލާމް-އޭ-އިޝްގު"އަށް ނަށާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ އާންމުވެއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެއީ މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ކައިވެނި ޕާޓީއެއްގައި އެ ދެމަފިރިން ނަށާ ވީޑިއޯއެކެވެ. ސޯޝަލް މީޑިއާގައި އެ ވީޑިއޯ އާންމުވެ ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ ލިބިފަ އެވެ.
އައިޝްވާރިޔާ އާއި އަބީޝެކްގެ އިތުރުން އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ އަންހެނުން ނީތާ އަމްބާނީ ވެސް ސްޓޭޖެއްގެ މަތީގައި އެމީހުންނާ އެކު ނަށަނިކޮށް އެ ވީޑިއޯގައި ފެނެ އެވެ. އެ ކައިވެނި ޕާޓީ ބޭއްވީ ވެސް އަމްބާނީގެ ޖިއޯ ވޯލްޑް ސެންޓަރުގަ އެވެ.
"ސަލާމް-އޭ-އިޝްގު"އަކީ ސަލްމާން އާއި ޕްރިޔަންކާ ޗޯޕްރާ ލީޑް ރޯލު ކުޅުނު، ހަމަ އެ ނަމުގައި 2007 ވަނަ އަހަރު ގެނެސްދިން ފިލްމެއްގެ ލަވައެކެވެ. އަދި އެއީ އިންޑިއާގެ ކައިވެނިތަކުގައި ވަރަށް ގިނައިން ޖަހާ އުޅޭ ލަވައެކެވެ.
އައިޝްވާރިޔާ އާއި އަބީޝެކްއާ ދެމެދުގައި މައްސަލަތަކެއް އުޅޭ ކަމަށް މިދިޔަ އަހަރު އަޑު ފެތުރުނު ނަމަވެސް، މިހާރު އެކި ހަފުލާތަކުން ދެމީހުން އެކުގައި ފެންނާތީ އެ އަޑުތައް ވަނީ މައިތިރިވެފަ އެވެ.
ސަލްމާންގެ ލަވައަކަށް އައިޝްވާރިޔާ ނެށުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނު މައިގަނޑު ސަބަބަކީ ސަލްމާން އާއި އައިޝްވާރިޔާއަކީ ކުރީގެ ލޯބިވެރިންނަށް ވާތީ އެވެ.
އައިޝްވާރިޔާ އާއި ސަލްމާންގެ ލޯބީގެ ގުޅުން ފެށުނީ 1999 ގައި ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް"ގައި އެމީހުން މަސައްކަތް ކުރި ދުވަސްވަރު އެވެ. އެ ދުވަސްވަރު މިއީ ބޮލީވުޑްގެ އެންމެ މަގުބޫލު ޖޯޑެވެ.
ނަމަވެސް ފަހުން، ސަލްމާންގެ ބައެއް އަމަލުތަކާއި އޭނާގެ ރުޅިގަދަ ކަމުގެ ސަބަބުން އެ ގުޅުން ގޯސްވި އެވެ. އައިޝްވާރިޔާ މަސައްކަތް ކުރި ފިލްމު ސެޓުތަކަށް ސަލްމާން ގޮސް ހަމަނުޖެހުން ހިންގި ކަމަށް ވެސް އޭރު ނޫސްތަކުން ރިޕޯޓްކުރި އެވެ. އަދި 2002 ގައި އައިޝްވާރިޔާ ވަނީ ސަލްމާނާ ވަކިވިކަން އިއުލާންކޮށްފަ އެވެ.
އައިޝްވާރިޔާ ބުނި ގޮތުގައި، އެ ގުޅުމަކީ އޭނާގެ ހަޔާތުގެ "ބިރުވެރި ހުވަފެނެއް" ފަދަ ކަމެކެވެ. ސަލްމާންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ވެސް އޭނާ ތުހުމަތުކުރި އެވެ.