އެމެޒޯން ޕްރައިމް ވީޑިއޯގެ ފިޔަގަނޑު ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަބީރް ހާނާ ހަވާލުކޮށްގެން ދެވަނަ ބޮޑު ހަނގުރާމައިގެ މައްޗަށް ސިލްސިލާއެއް ހަދަން ނިންމައިފި އެވެ.
ކަބީރަކީ ސަލްމާން ހާން ލީޑް ރޯލުން ފެނިގެން ދިޔަ ކާމިޔާބު ފިލްމްތައް ކަމަށްވާ "ބަޖިރަންގީ ބައިޖާން" އާއި "އޭކް ތަ ޓައިގާ" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ޑައިރެކްޓަރެވެ.
އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަނެއްކާ ވެސް ސަލްމާން ފެނިގެންދާ "ޓިއުބް ލައިޓް" އެވެ. އެ ފިލްމް ރިލީޒް ކުރާނީ ޖޫން 25 ގަ އެވެ.
އެމެޒޯން އިން ބުނީ ކަބީރާ ހަވާލުކޮށްފައިވާ ސިލްސިލާއަކީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ސްބާޝް ޗަންދްރަބޯސް ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ކުރި މަސައްކަތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށެވެ.
މި ސިލްސިލާގެ ވާކިން ޓައިޓްލްއަކަށް ހަމަޖައްސައިފައި ވަނީ "ދަ ފޮގެޓްން އާމީ" އެވެ.
އެމެޒޯން އިން ބުނީ މީގެ މަސައްކަޔް ފަށާނީ މި އަހަރުގެ ފަހުކޮޅު ކަމަށެވެ.
މި ޕްރޮޖެކްޓާ ބެހޭ ގޮތުން ކަބީރު ބުނީ އިންޑިއާގެ ވާހަކައަކަށް އިންޓެނަޝަން ސީރީޒެއް ހަދަން ފުރުސަތު ލިބުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ. އެކަމަކު އެއާ ބެހޭ ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
"މިއީ އަހަރެމެން މި ހަދާ ހިންދީ ފިލްމްތަކަށް ވުރެ އެތައް ގުނަ ބިޔަ ބޮޑު، ވަރުގަދަ ޕްރޮޖެކްޓަކަށް ވާނެ،" އޭނާ ބުންޏެވެ.
އެމެޒޯން ޕްރައިމް ވީޑިއޯ ރަސްމީކޮށް އިންޑިއާގައި ލޯންޗް ކުރާނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން މިހާރު ވެސް ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް އެކިއެކި މަރުހަލާތަކުގައި އެބަ ހުއްޓެވެ.
"އަހަރެމެންގެ ޓާގެޓަކީ އިންޑިއާގައި ތިބި ހުނަރުވެރިންގެ ބޭނުން ހިފައި، އެ މީހުން ލައްވައި އިންޑިއާގެ ރަހަތަކާ އެކު ރަނގަޅު އުފެއްދުންތަކެއް އިންޓަނެޝަނަލް އޯޑިއަންސާ ހަމައަށް ގެނެސް ދިނުން،" އެމެޒޯން ޕްރައިމް ވީޑިއޯގެ ގްލޯބަލް ކޮންޓެންޓް ހެޑް ރޯއިސް ޕްރައިސް ބުންޏެވެ.
ނެޓްފްލިކްސް އިން ވެސް މިހާރު އަންނަނީ އިންޑިއާ އަށް ވަރަށް ބޮޑަށް ލޯ އަޅަމުންނެވެ.