ބޮލީވުޑްގެ އެކްޓްރެސް ދިޝާ ޕަޓާނީ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ދަ ޕޯޓަލް އޮފް ފޯސް"އާ އެކު ހޮލީވުޑަށް ނުކުމެއްޖެ އެވެ.

މި ފިލްމުގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު، މި ތަޖުރިބާއާ ގުޅޭ ގޮތުން ދިޝާ ބުނެފައި ވަނީ މިއީ "އުފާވެރި އަދި އެހާމެ ބިރުވެރި" ތަޖުރިބާއެއް ކަމަށެވެ.

"ސްޓެޓިގާޑްސް ވާސަސް ހޮލިގާޑްސް ސާގާ" ފްރެންޗައިޒްގެ ފުރަތަމަ ފިލްމު ކަމަށްވާ "ދަ ޕޯޓަލް އޮފް ފޯސް"ގައި ދިޝާ ކުޅެނީ "ޖެސިކާ" ކިޔާ މުހިންމު ރޯލެކެވެ.

އެ ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އުމުރުން 33 އަހަރުގެ ދިޝާ ބުނީ ފިލްމުގެ ޓްރެއިލާ ނުކުންނާނެ ވަގުތަކަށް އޭނާ ހުރީ ވަރަށް ކެތްމަދުވެފައި ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގެ ތަފާތު ތަރިންނާ އެކު މަސައްކަތްކުރުމަކީ އޭނާގެ ފަންނު އިތުރަށް ކުރިއަރުވަން ލިބުނު ބޮޑު ފުރުސަތެއް ކަމަށް ވެސް ބުންޏެވެ.

ދިޝާ ބުނި ގޮތުގައި، ފިލްމު ކުޅުމަކީ ބަހާއި ސަރަހައްދުތަކަށް ވުރެ ފުޅާ ކަމެއްކަން މި މަސައްކަތުން އޭނާއަށް އިހުސާސް ކުރެވުނެވެ.

"ދަ ޕޯޓަލް އޮފް ފޯސް"އަކީ މަޝްހޫރު އެކްޓަރު ކެވިން ސްޕޭސީ ގާތްގަނޑަކަށް 20 އަހަރަށް ފަހު ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމެވެ. އެ ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ދުނިޔެ ކޮންޓްރޯލް ކުރުމަށްޓަކައި ދެ ޖަމާއަތެއްގެ މެދުގައި ކުރެވޭ ހަނގުރާމައެއްގެ މައްޗަށެވެ. ދިޝާ އެ ފިލްމުގައި ފެންނާނީ މި ދެ ޖަމާއަތުގެ ލީޑަރެއްގެ ދަރިއެއްގެ ގޮތުގަ އެވެ.

ލާޑޯ އޮހޮޓްނިކޯވް އުފައްދާފައިވާ މި ސިނަމެޓިކް ޔުނިވާސްގައި ދިޝާ އާއި ކެވިން ސްޕޭސީގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޓައިރީސް ގިބްސަން އަދި ޑޮލްފް ލުންޑްގްރެން ވެސް ފެންނާނެ އެވެ.

ދިޝާ އަކީ އަބަދުވެސް އެކްޝަން ފިލްމުތަކަށް ލޯބިކުރާ އެކްޓްރެސްއަކަށް ވުމާ އެކު، އިންޑިއާގައި އޭނާ ދަސްކުރި ކަންތައްތައް ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ދައްކާލުމަކީ ލިބުނު ފަހުރެއް ކަމަށް އޭނާ ބުންޏެވެ.