ޕްރިޔަންކާ ޗޯޕްރާގެ ހޮލީވުޑްގެ އާ ފިލްމު "ދަ ބްލަފް"ގެ ޓްރެއިލާ އާންމުކޮށްފި އެވެ. 

ޑައިރެކްޓަރު ފްރޭންކް އީ. ފްލާވާސްގެ އެކްޝަން އެޑްވެންޗާ ފިލްމު "ދަ ބްލަފް"ގެ ޓްރެއިލާ އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޕްރައިމް ވީޑިއޯ އިން ގެނެސްދޭ އެ ފިލްމު ސްޓްރީމްކުރަން ފަށަނީ އަންނަ މަހު 25 ގަ އެވެ. 

ޕްރިޔަންކާއާ އެކު، "ދަ ބްލަފް"ގެ ލީޑް ރޯލު ކުޅެފައި ވަނީ ޕްރައިމް ވީޑިއޯގެ މަޝްހޫރު ސީރީޒް "ދަ ބޯއިސް"ގައި އުޅޭ ކާލް އާބަން އެވެ.

މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ނުރައްކާތެރި މާޒީއެއް އޮތް، ކުރީގެ ކަނޑުފޭރޭ އަންހެނެއް (ޕްރިޔަންކާ)ގެ މައްޗަށެވެ. އޭނާގެ ކުރީގެ ކެޕްޓަން (ކާލް) ބަދަލުހިފަން އައުމުން، އޭނާގެ އާއިލާ ސަލާމަތްކުރުމަށް ކުރާ މަސައްކަތްތައް މި ފިލްމުގައި ދައްކާނެ އެވެ. 

"ދަ ބްލަފް"ގެ މުހިންމު ރޯލުތަކުން ސަފިއާ އޯކްލީ-ގްރީން، ޓެމުއޭރާ މޮރިސަން، އިސްމައިލް ކްރޫޒް ކޯޑޯވާ، ޒެކް މޮރިސް އަދި ޑޭވިޑް ފީލްޑް ފެންނާނެ އެވެ. 

މިއީ، "އެވެންޖާސް" ކަހަލަ މަޝްހޫރު ފިލްމުތަކުގެ ޑައިރެކްޓަރުން ކަމަށްވާ ރުސޯ ބްރަދާސްގެ އޭޖީބީއޯ އާއި އެމަޒަން އެމްޖީއެމް ސްޓޫޑިއޯސް ގުޅިގެން އުފައްދާ ފިލްމެކެވެ.

އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި މަންޒަރުތައް ނަގާފައިވާ މި ފިލްމު ކުޅުމަށް ޕްރިޔަންކާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ވަރުގަދަ އެކްޝަން ތަމްރީނުތަކެއް ހަދައިފަ އެވެ.

ގިނަ އަހަރުތަކެއް ފަހުން ޕްރިޔަންކާ މިހާރު ވަނީ އިންޑިއާގެ ދެ ފިލްމެއް ކުޅެން ވެސް ތައްޔާރުވެފަ އެވެ. އެއީ ދެކުނު އިންޑިއާގެ ފިލްމު "ވަރްނާސީ" އާއި ބޮލީވުޑްގެ ފިލްމު "ޖީ ލޭ ޒަރާ" އެވެ. "ވަރަނާސީ" ރިލީޒްކުރަނީ 2027 ގަ އެވެ. "ޖީ ލޭ ޒަރާ" ރިލީޒްކުރާ ތާރީހެއް އަދި ނޭނގެ އެވެ.