ބޮލީވުޑްގެ ތަރިން ކަމަށްވާ ޝާހްރުކް ޚާނާއި އަޖޭ ދޭވްގަން އަދި ޓައިގާ ޝްރޯފް ދުންފަތުގެ ބާވަތްތައް އުފައްދާ ބްރޭންޑެއް އިޝްތިހާރުކުރުމުގައި ބައިވެރިވުމުން އެއީ ކުށެއްކަން އަންގައި، އެކަމަށް ޖަވާބުދާރީވުމަށް އިންޑިއާ ސަރުކާރުން އެ ތަރިންނަށް ނޯޓިސްއެއް ފޮނުވައިފި އެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ޝާހު އާއި އަޖޭ އަދި ޓައިގާއަށް ފޮނުވީ "ޝޯ-ކޯޒް" ނޯޓިހެކެވެ. އެ ނޯޓިސް ފޮނުވާފައި ވަނީ "ވިމަލް އިލައިޗީ/ޕާން މަސާލާ"ގެ އިޝްތިހާރުތަކާއި އިޝްތިހާރާ ގުޅުންހުރި ތަކެތީގައި އެ ތަރިން ބައިވެރިވެފައި ވާތީ އެވެ.

މަހާރާޝްތުރާ ސްޓޭޓުގައި ދުންފަތުގެ މާއްދާތައް އެކުލެވޭ ޕާން މަސާލާ ވިއްކުމަކީ މަނާކަމެކެވެ.

ޝޯ-ކޯޒް ނޯޓިސްއަކީ މީހަކު ނުވަތަ ކުންފުންޏަކުން ގާނޫނާއި ގަވާއިދާ ނުވަތަ އުސޫލަކާ ހިލާފުވެގެން، އެ ބަޔަކާ މެދު ފިޔަވަޅެއް ނާޅަންވީ ސަބަބު ބަޔާންކޮށް ސާފުކޮށްދިނުމަށް އެދި ސަރުކާރުގެ އިދާރާއަކުން، ކޯޓަކުން ނުވަތަ ވަޒީފާ ދޭ ފަރާތަކުން ފޮނުވާ ރަސްމީ އެންގުމެކެވެ.

އެފްޑީއޭގެ ނޯޓިސްގައި ބުނެފައިވާ ގޮތުގައި، އެ ތަރިން އިޝްތިހާރުކުރާ "ވިމަލް" ބްރޭންޑަކީ މަނާކޮށްފައިވާ އުފެއްދުންތަކާ ގުޅުންހުރި ބްރޭންޑަކަށް ވާތީ، އެއީ ނުސީދާކޮށް މަނާ އުފެއްދުމެއް އިޝްތިހާރުކުރުން ކަމަށް ބެލެވެ އެވެ.

އެފްޑީއޭގެ ކޮމިޝަނަރު ތުކާރާމް މުންދޭގެ އެންގެވުމުގެ ދަށުން ފޮނުވި އެ ނޯޓިސްގައި، އެ އިޝްތިހާރާ ގުޅޭ ހުރިހާ ކޮންޓެންޓްތައް އުނިކުރުމަށާއި 19 ދުވަހުގެ ތެރޭގައި އެކަމުގެ ތަފްސީލީ ޖަވާބެއް ދިނުމަށް ތަރިންނަށް އަންގާފައިވެ އެވެ.

އޭގެ އިތުރުން، އެ ތަރިންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކާއި ވެބްސައިޓްތަކުގައިވާ މި ބްރޭންޑާ ގުޅޭ ކޮންޓެންޓްތަކާ މެދު އަމަލުކުރާނެ ގޮތުގެ އިރުޝާދުތައް ވެސް އެ ނޯޓިސްގައި ވަނީ ދީފަ އެވެ. 

އެ ތިން ތަރިން އެކުގައި "ވިމަލް އިލައިޗީ"ގެ އިޝްތިހާރު ކެމްޕޭނުގައި ބައިވެރިވާން ފެށީ 2024 ވަނަ އަހަރު އެވެ. ނަމަވެސް، އެފްޑީއޭގެ އާ އެންގުމާ އެކު، އެ ބްރޭންޑާ ގުޅޭ ހުރިހާ ހަރަކާތްތަކެއްގައި ބައިވެރިވުން ވަގުތުން ހުއްޓާލުމަށް ތަރިންނަށް ވަނީ އަންގައިފަ އެވެ.