ތިން އަހަރު ފަހުން ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބެލުންތެރިންނާ ބައްދަލުކުރާ ފުރަތަމަ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.
އަންނަ މަހުގެ 11 ގައި ރިލީޒްކުރާ މި ފިލްމުގެ މައިގަނޑު ތަރިންނަކީ ޕްރިޔަންކާ އާއި ފަރުހާން އަޚްތަރާއި ޒާއިރާ ވަސީމެވެ. ޝޮނާލީ ބޯސް ޑައިރެކްޓްކޮށްފައިވާ "ދަ ސްކައި އިޒް ޕިންކް" އަކީ 2015 ގައި މަރުވެފައިވާ އިންޑިއާގެ ޒުވާން މޯޓިވޭޝަނަލް ސްޕީކާ އަދި ލިޔުންތެރިޔާ އައިޝާ ޗައުދަރީގެ ބައޮގްރަފިކަލް ޑްރާމާއެކެވެ.
ފިލްމުގައި އައިޝާގެ ރޯލް ކުޅެފައި ވަނީ ދާދި ފަހުން ފިލްމު ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައިވާ ޒާއިރާ އެވެ. ޕްރިޔަންކާއި އާއި ފަރުހާން ފެނިގެންދާނީ އޭނާގެ މައިންބަފައިންގެ ރޯލުންނެވެ.
މިއަދު ޓްރެއިލާ ދައްކާލާ "ދަ ސްކައި އިޒް ޕިންކް" އަންނަ މަހު ސިނަމާތަކަށް ގެނައުމުގެ ކުރިން މިހާރު ކުރިއަށްދާ ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި އަންނަ ހުކުރު ދުވަހު ފިލްމު ޕްރިމިއާކުރާނެ އެވެ.
ޕްރިޔަންކާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2016 ގެ "ޖެއި ގަންގާޖަލް" އެވެ.
"ޕަތީ ޕަތުނީ އޯރް ވޯ" ގެ ޝޫޓިން ނިންމާލައިފި
އަންނަ ޑިސެމްބަރި މަހު ރިލީޒްކުރާ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ގެ ޝޫޓިން ނިންމާލައިފި އެވެ.
މުދައްސަރު އަޒީޒު ޑައިރެކްޓްކުރާ މި ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ކާތިކް އާރިޔަން އާއި ބޫމީ ޕެޑްނޭކަރްގެ އިތުރުން މެއި މަހު ރިލީޒްކުރި "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ތައާރަފުވި ބަތަލާ އަނަންޔާ ޕާންޑޭ އެވެ.
"ޕަތީ ޕަތުނީ އޯރް ވޯ" އަކީ 1978 ގައި ހަމަ އެ ނަމުގައި ރިލީޒްކުރި ފިލްމުގެ ރިމެކެވެ. ބަލްދޭވް ރާޖް ޗޯޕްޅާ ޑައިރެކްޓްކުރި ފިލްމުގެ ތަރިންނަކީ ދާދި ފަހުން މަރުވި ބަތަލާ ވިދިޔާ ސިންހާ އާއި ސަންޖީވް ކުމާރާއި ރަންޖީތާ ކޯރެވެ. މި ފިލްމުގައި ކިޔައި ދެނީ ކައިވެނިން ބޭރުން ފިރިއަކު އޮފީސް ސެކްރެޓަރީއަކާ އެކު ބާއްވާ ސިއްރު ލޯބީގެ ގުޅުމެއްގެ ސަބަބުން ދިމާވާ ކަންތައްތަކެކެވެ.
"ޕަތީ ޕަތުނީ އޯރް ވޯ" ރިލީޒްކުރާނީ ޑިސެމްބަރު 6 ގަ އެވެ.
"ޕާގަލްޕަންތީ" ގެ ފަސްޓްލުކް ދައްކާލައިފި
އަންނަ ނޮވެމްބަރު މަހު ރިލީޒްކުރާ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" ގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.
އިނގިރޭސިވިލާތުގައި ބޮޑު ބައި ޝޫޓްކޮށްފައިވާ މި ފިލްމަކީ އަނީސް ބަޒްމީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ބޮޑު ކާސްޓެއް ހިމެނޭ ފިލްމުގެ ތަރިންގެ ތެރޭގައި އަނިލް ކަޕޫރް، އިލިއާނާ ޑި ކްރޫޒް، ޖޯން އަބްރަހަމް، ކްރިތީ ކަރްބަންދާ، ޕުލްކިތު ސަމްރާޓް، އުރުވަޝީ ރޯޓެލާ އަދި އަރުޝަދު ވަރްސީ ހިމެނެ އެވެ.
"ޕާގަލްޕަންތީ" ސިނަމާތަކަށް އަންނާނީ ނޮވެމްބަރު މަހުގެ 22 ގަ އެވެ. މި ފިލްމު ބެކުންތެރިންނަށް ގެނެސްދިނުމުގެ ކުރިން އަނީސް ވަނީ މިއީ ފްރެންޗައިޒެއް ކަމަށް ވެސް ބުނެފަ އެވެ.
ރާޖަށް އިތުރު ހޮރޯ-ކޮމެޑީއެއް
މިދިޔަ އަހަރު ބޮޑު ތަރުހީބެއް ލިބުނު ހޮރޯ-ކޮމެޑީ "އިސްތިރީ" އަށް ފަހު، ރާޖްކުމާރު ރާއޯ ވަނީ "ރޫހީ އަފްޒާ" ކިޔާ މި ޖޯންރާގެ އެހެން ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި "އިސްތިރީ" އާއި "ރޫހީ އަފްޒާ" ގެ ވެސް ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ އިތުރު ހޮރޯ-ކޮމެޑީއަކަށް ރާޖް މިހާރު ވަނީ ސޮއިކޮށްފަ އެވެ. އެކަމަކު އެ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
މިހާރު ވެސް ރާޖްގެ އަތުގައި ދިނޭޝްގެ އެހެން ފިލްމެއް ރިލީޒްކުރަން ތައްޔާރުވެފައި އެބައޮތެވެ. އެއީ ކުރިން މިދިޔަ މަހުގެ 15 ގައި ރިލިޒްކުރަން ނިންމި ކޮމެޑީ ފިލްމު "މޭޑް އިން ޗައިނާ" އެވެ.
ރާޖް އާއި މޯނީ ރޯއި ލީޑް ރޯލް ކުޅެފައިވާ ފިލްމު ރިލީޒްކުރާނެ ކަމަށް މިހާރު ބެލެވެނީ އަންނަ މަހުގެ 25 ގަ އެވެ.
"އިސްތިރީ" ގެ ބޮޑު ކާމިޔާބީ އަށް ފަހު އޭގެ ދެވަނަ ބައެއް ހަދަން ވެސް ވަނީ ނިންމައިފަ އެވެ.
ރާޖް އާއި ޖާންވީ ކަޕޫރް ފެނިގެންދާ "ރޫހީ އަފްޒާ" އަކީ އަންނަ އަހަރުގެ މާޗް 20 ގައި ރިލީޒްކުރާ ފިލްމެކެވެ.