ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ބޮޑު ފިލްމު "ލަވް އެންޑް ވޯ"ގެ ޝޫޓިން ދެ އަހަރު ދުވަހުގެ މަސައްކަތަށް ފަހު ނިންމާލައިފި އެވެ.
ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަދި ވިކީ ކޯޝަލް ލީޑު ރޯލުތައް ކުޅެފައިވާ އެ ފިލްމުގެ ޝޫޓިން ނިންމާލުމާ އެކު، ފިލްމުގެ ކްރޫ އާއި އެކްޓަރުން ވަނީ ވަދާއީ ޝުއޫރުތައް ފާޅުކޮށް، އެކަން ފާހަގަކޮށްފަ އެވެ.
ބަންސާލީގެ ޓީމުން ބައެއް މީޑިއާތަކަށް ބުނި ގޮތުގައި، ޝޫޓިންގެ މަސައްކަތް މުޅިން ނިމުމާ ގުޅިގެން ޑައިރެކްޓަރު ބަންސާލީ މިހާރު ތައްޔާރުވަމުން އަންނަނީ ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތްތައް ފެށުމަށެވެ.
އެޑިޓިން އާއި ވިޝުއަލް އިފެކްޓްސް ކަހަލަ މުހިންމު މަސައްކަތްތަކަށް ފަހު، އެ ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު ޖެނުއަރީ 21 ގަ އެވެ.
ހިންދީ ބަހުގެ އިތުރުން ތަމަޅަ އަދި ތެލުގޫ ބަހުން ވެސް އެ ފިލްމު ރިލީޒްކުރުމަށް ވަނީ ނިންމައިފަ އެވެ.
މި ފިލްމަކީ ރަންބީރާއި އާލިއާ އަދި ވިކީ އެކުގައި ބަންސާލީގެ ޑައިރެކްޝަނެއްގެ ދަށުން ފެންނާނެ ފުރަތަމަ ފިލްމެވެ.
މީގެ ކުރިން ރަންބީރު ވަނީ 2007 ވަނަ އަހަރު ބަންސާލީގެ "ސާވަރިޔާ" އިން ބޮލީވުޑަށް ތައާރަފުވެފަ އެވެ. އާލިއާ ވަނީ ބަންސާލީގެ "ގަންގޫބާއީ ކަތިޔާވާޑީ" (2022) ގައި މަސައްކަތްކޮށް އެންމެ މޮޅު އެކްޓްރެސްގެ ގައުމީ ފިލްމް އެވޯޑް ވެސް ހޯދައިފަ އެވެ.
ނަމަވެސް، މިއީ ވިކީ ކޯޝަލް، ބަންސާލީއާ އެކު މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
"ލަވް އެންޑް ވޯ" އިއުލާންކުރީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.
މި ފިލްމު ކުރިން މި އަހަރު ޑިސެމްބަރުގައި ރިލީޒްކުރަން ރޭވި ނަމަވެސް، ތަފާތު ސަބަބުތަކާ ހުރެ ފިލްމު ރިލީޒްކުރާ ތާރީހު ވަނީ އަންނަ އަހަރުގެ އިންޑިއާގެ ޖުމްހޫރީ ދުވަހާ ގުޅުވައިގެން ލިބޭ ބަންދާ ދިމާކޮށް ރިލީޒްކުރާ ގޮތަށް ފަސްކޮށްފަ އެވެ.
މި ފިލްމަކީ ކޮން ކަހަލަ ފިލްމެއް ކަމެއް އަދި ކޮން ކަމެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމެއް ވެސް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.