ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ލަވް އެންޑް ވާ"ގެ މަސައްކަތް ކުރިއަށް ގެންދާއިރު، ފިލްމުގެ އެއްވެސް މައުލޫމާތެއް ނުވަތަ މަންޒަރެއް ލީކުވިޔަ ނުދިނުމަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ފިލްމުގެ ސެޓުގައި މަސައްކަތްކުރާ ކްރޫ މެމްބަރުންނާއި މުވައްޒަފުން ހިމެނޭހެން 500 އަށް ވުރެ ގިނަ މީހުން ލައްވައި ވަނީ "ނޮން-ޑިސްކްލޯޝާ އެގްރީމަންޓް" ނުވަތަ ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރުވައިފަ އެވެ.
ސެޓަށް ފޯނު ވެއްދުމާއި ފޮޓޯ ނެގުން ވަނީ ވަރަށް ހަރުކަށިކޮށް، މަނާކޮށްފަ އެވެ. މިއީ ފިލްމުގެ މަންޒަރުތަކާއި ތަރިންގެ "ލުކްސް" ސޯޝަލް މީޑިއާއަށް ލީކުވިޔަ ނުދިނުމަށް އެޅި ފިޔަވަޅެކެވެ.
"ލަވް އެންޑް ވޯ"ގެ ލީޑް ރޯލުތައް ކުޅެނީ ރަންބީރު ކަޕޫރު، އާލިއާ ބަޓް އަދި ވިކީ ކޯޝަލް އެވެ. އާލިއާ ވަރަށް ފަހުން ބުނި ގޮތުގައި، އެ ފިލްމުގެ ޝޫޓިން މިހާރު އޮތީ ނިމުމަކާ ގާތްވެފަ އެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަހު ރިލީޒްކުރަން ކުރި ތާވަލުކުރި އެ ފިލްމު މިހާރު ވަނީ މި އަހަރަށް ފަސްކޮށްފަ އެވެ. ނަމަވެސް، ސީދާ ތާރީހެއް އަދި މިހާތަނަށް އިއުލާންކޮށްފައެއް ނުވެ އެވެ.
ބަންސާލީއަކީ އާންމުކޮށް ވެސް އޭނާގެ ފިލްމުތަކުގެ ސެޓުތަކުގައި ސިއްރު ހިފެހެއްޓުމަށް ވަރަށް ބޮޑަށް އިސްކަންދޭ ޑައިރެކްޓަރެކެވެ. މީގެ ކުރިން ރަންބީރާއި އާލިއާގެ ބައެއް ފޮޓޯތައް ސެޓުން ލީކުވެފައި ވާތީ، މިފަހަރު ސަލާމަތީ ފިޔަވަޅުތައް ކުރިއަށް ވުރެ ވަރުގަދަކުރީ ކަމަށް ރިޕޯޓުތައް ބުންޏެވެ.