ޖުލައި 1995 ގައި މުޅި ދުނިޔެ ސިއްސުވާލީ ބޮސްނިޔާގެ ޝްރެބެނިކާގައި ހިންގި ބިރުވެރި ގަތުލުއާންމާ އެކު އެވެ. ބޮސްނިޔާގެ ސާބު ސިފައިން އިސްވެ ތިބެ، 8000 އަށް ވުރެ ގިނަ ބޮސްނިއާގެ މުސްލިމް ފިރިހެނުންނާއި ފިރިހެން ކުދިންގެ ގަޔަށް ބަޑި ޖަހައި ރަހުމެއް ނެތް ގޮތުގައި މަރާލި އެވެ. މި ބިރުވެރި ގަތުލްއާންމުން ސަލާމަތްވުމަށް އެސްމިރު ބައިރަކްތާރަވިޗް (ބަޖްރަކްތަރެވިޗް) ގެ މައިންބަފައިން ކަމަށްވާ އެލްމިރް އާއި އެމީނާ ފިލައިގެން ޝްރެބެނިކާއިން ނުކުމެގެން، އެ ގައުމުން ބޭރަށް ވެސް ދެވުނެވެ.

ނަމަވެސް އެމީނާގެ ބައްޕަ އާއި ހަތަރު ދަރިން ހިމެނޭ ގޮތަށް އާއިލާގެ ގިނަ ބަޔަކު މި ގަތުލުއާންމުގައި މަރާލި އެވެ. މި ގަތުލުއާންމު ހިންގި މީހުންގެ އަޑީގައި އޮތް ހަމައެކަނި މަގްސަދަކީ ބޮސްނިޔާގެ މުސްލިމުންގެ ނަސްލު މުޅިން ފޮހެލުމެވެ. 

އަލްޖަޒީރާގެ ކުޅިވަރު ވީޑިއޯ ސެގްމެންޓް "ގޭމް ތިއަރީ" ން މިއަދު އާންމު ކުރި ވީޑިއޯ ގުޅުވާލާފައި ވަނީ ބޮސްނިޔާ ވޯލްޑް ކަޕަށް ކުރި ދަތުރުގައި ބަޖްރަކްތަރެވިޗް އަދާކުރި ދައުރަށެވެ. އެ ވީޑީއޯގައި އޭނާގެ ވާހަކަ ގެނެސްދީފައި ވާނީ އެ ގަތުލުއާންމުން ޝިކާރއަކަށްވި އާއިލާގައި އޭނާގެ މައިންބަފައިންނާ ގުޅުވަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ބޮސްނިއާ ކުޅުނު މެޗެއްގައި އެސްމިރު
ވޯލްޑް ކަޕް ކޮލިފައިންގައި ބޮސްނިއާ ކުޅުނު މެޗެއްގައި އެސްމިރު

ގަތުލުއާންމަށް ދިހަ އަހަރު ފުރުނު ފަހުން، 2005 ގައި އެމެރިކާގެ ވިސްކޮންސިންއަށް އުފަންވި އެސްމިރު ބޮޑުވީ ބޮސްނިޔާގެ ސަގާފަތާއި އާދަކާދައިގެ ތެރޭގަ އެވެ. އެމެރިކާގައި ދިރިއުޅުނު ނަމަވެސް ގޭތެރޭގައި ވާހަކަދައްކަނީ ބޮސްނިޔާ ބަހުންނެވެ ޝްރެބެނިކާގެ ހިތާމަވެރި ހާދިސާއަކީ އޭނާގެ ހިތުގައި އަބަދުވެސް ބީވުމެއް ނެތް ވޭނެކެވެ. އެސްމިރު ބުނެފައިވާ ގޮތުގައި އޭނާގެ މައިންބަފައިންނަށް އާއިލާގެ ގިނަ ބަޔަކު ގެއްލުމުގެ ހިތާމަ އަކީ ކިޔައިދޭން ވެސް ދަތި ވޭނެކެވެ.

އެމެރިކާގެ މޭޖާ ލީގު ފުޓްބޯޅައިގެ ނިއު އިންގްލެންޑް ރިވޮލިއުޝަނުން ވިދާލައި، ނެދަލޭންޑްސްގެ ޕީއެސްވީ އަށް ބަދަލުވުމާ އެކު، އިންޓަނޭޝަނަލް ފެންވަރުގައި ކުޅޭނެ ގައުމެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ.

އެމެރިކާގެ ސީނިއާ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ވެސް އޭނާ އަށް އޮތެވެ، އެސްމިރު ނިންމީ އޭނާގެ އަސްލު ގުޅިފައިވި ގައުމު ބޮސްނިޔާގެ ޓީމަށް ކުޅުމަށެވެ.

އެސްމިރު ޖޯޒީ ދައްކާލަނީ
އެސްމިރު ޖޯޒީ ދައްކާލަނީ

އޭނާ އަމިއްލައަށް ބޮސްނިޔާ އިހްތިޔާރު ކުރުމުން، އެ ގައުމުގެ އެތައް ބައެއްގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދިނެވެ. އެއީ ނަސްލު ނައްތާލަން އުޅުނު މީހުންގެ މައްޗަށް ލިބުނު ދިރިހުރި ރައްދެއް ކަމަށް ގަތުލްއާންމަށް ހާއްސަކޮށް ހަދާފައިވާ، ސެރެބްރެނިކާ މެމޯރިއަލް ސެންޓަރުގެ ޑިރެކްޓަރު އެމިރު ސުލްޖާގިޗް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ބޮސްނިއާގެ ރައްޔިތުންނަށް. އެސްމިރު ގެނެސްދިން އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބޮސްނިޔާގެ ފުޓްބޯޅަ ތާރީޚު ބަދަލުކޮށްލި މެޗުން ބޮސްނިޔާ އަށް ވޯލްޑް ކަޕްގެ ޖާގަ ލިބުމެވެ.  މާޗް 31 ގައި ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފްގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ނަތީޖާ ނެރުމުގެ ބުރަ ޒިންމާ އުފުލީ އެސްމިރު އެވެ. 

ޝްރެބެނިކާގެ ގަތުލުއާންމުން ސަލާމަތްވި ދަރިއަކު ޖެހި ކާމިޔާބު ޕެނަލްޓީއާ އެކު އިޓަލީ މުބާރާތުން ކަޓައި، ބޮސްނިޔާ ވަނީ ވޯލްޑް ކަޕަށް ކޮލިފައިވި އެވެ. މިއީ މުޅި ބޮސްނިޔާގެ ރައްޔިތުންނަށް ލިބުނު ބޮޑު އުފަލެކެވެ.

ބޮސްނިއާ ވޯލްޑް ކަޕަށް ކޮލިފައިވުމުން އުފާފާޅު ކުރުމަށް އެ ގައުމުގައި ބޭއްވި ބޮޑު އެއްވުން
ބޮސްނިއާ ވޯލްޑް ކަޕަށް ކޮލިފައިވުމުން އުފާފާޅު ކުރުމަށް އެ ގައުމުގައި ބޭއްވި ބޮޑު އެއްވުން

އެ ލަނޑާ އެކު ބޮސްނިޔާ ވޯލްޑް ކަޕަށް ކޮލިފައިވުމުން، އެމިރު ސުލްޖާގިޗް އެކްސްގައި ކުރި ޕޯސްޓްގައި ބުނީ އެސްމިރު އުފަންވިޔަ ނުދޭން، ގަތުލްއާންމު ހިންގި މީހުން ޕްލޭން ކުރި ކަމަށެވެ. 
""މި ކުއްޖާ ދުނިޔެއަށް ނޭވާނުލުމަށާއި، އަހަރެންގެ އަމިއްލަ ދަރިން ދުނިޔެއަށް އުފަންނުވުމަށާއި، އަހަރުމެންގެ އެއްވެސް ދަރިއަކު ދުނިޔެއަށް ނައުމަށް ރޭވުންތަކެއް ރޭވުނެވެ. އެކުދިންގެ ހިނިތުންވުމާއި ހީލުމުގެ އަޑަކީ (އެ ރޭވުންތަކާ ދެކޮޅަށް) ހިފުނު އެންމެ ބޮޑު ބަދަލުހިފުމެވެ.،" އެކްސްގައި ކުރި ޕޯސްޓްގައި ސުލްޖާގިޗް ލިޔެފައިވެ އެވެ. 

ބޮސްނިޔާގެ ނަސްލު ފޮހެލަން އުޅުނުތާ 30 އަހަރު ފަހުން، އެސްމިރު ބަޖްރަކްތަރެވިޗް ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މައިދާނުގައި މިރޭ ކުޅޭނެ އެވެ.

ގަތުލްއާމުގެ ޝިކާރައަކަށްވި ބޮސްނިއާގެ އާއިލާތަކުން ސިފަ ކުރާ ގޮތުގައި، އުމުރުން 21 އަހަރުގެ އެސްމިރުއަކީ ލޭއޮހޮރުވުމާއި ނަފުރަތުގެ މައްޗަށް އުންމީދު ކުރިހޯދިކަމުގެ ދިރިހުރި ހެއްކެކެވެ.

ބޮސްނިޔާއިން މިރޭ ނުކުންނާނީ މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން އެއް ގައުމު ކަމަށްވާ ކެނޑާއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ މެންދަމު 12 ޖަހާއިރު އެވެ.