"ބްލޫޓޫތު ޓެކްނޮލޮޖީ"އާ މެދު އާންމުކޮށް ހީވެފައި އޮންނަނީ، އެއީ މާ ދުރަށް ދަތުރުކުރާ ސިގްނަލެއް ނޫން ކަމަށެވެ. ނަމަވެސް، ކަމަކުދާކަށް ނެތެވެ. ބްލޫޓޫތު ޑިވައިސްއަކަށް، ކިލޯމީޓަރެއްހާ ދުރުން ވެސް ވަދެވިދާނެ ކަމަށް އެބަ ބުނެ އެވެ.
ބްލޫޓޫތު ޓެކްނޮލޮޖީ އުފެދިގެން އައިއިރު ބެލެވުނީ، އެއީ ކައިރި ކައިރީގައި އޮންނަ ދެ ޑިވައިސްއެއް ވަޔަލެސްކޮށް ގުޅުވައިދޭ، ކައިރި ރާސްތާ ޓެކްނޮލޮޖީއެއް ކަމަށެވެ. އެއް ޑިވައިސް އަނެއް ޑިވައިސްއާ މުއާސަލާތުކުރުމަށް، ދެ ޑިވައިސް ދޭތެރޭގައި ހުރުން އެންމެ އައުލާ ދުރުމިނަކީ 10 މީޓަރު ނުވަތަ 33 ފޫޓެވެ. ނަމަވެސް 100 މީޓަރަށް ވުރެ ދުވުރުނުވުމަކީ ޝަރުތެކެވެ.
ދުނިޔެ އަށް ބްލޫޓޫތު ޓެކްނޮލޮޖީ ތައާރުފުކުރި ފަހުން އަހަރުތަކެއް ފާއިތުވި ނަމަވެސް، ބްލޫޓޫތު ޓެކްނޮލޮޖީ ބޭނުންހިފެނީ، "ފައިލް ޓްރާންސްފާ"ކުރުމަށެވެ. ސްމާޓްފޯނާއި ސްޕީކަރު ގުޅުވާލުމަށެވެ. އަތުކުރީ ގަޑި، ސްމާޓްފޯނާ ގުޅުވާލުމަށެވެ. ގަރާޖުގެ ދޮރު ހުޅުވުން ފަދަ އެތައް ފަސޭހައެއް ހައްލުކޮށްދޭ ވަސީލަތަކަށް ބްލޫޓޫތު ވަނީ ވެފަ އެވެ.
މި އަދު ޓެކްނޮލޮޖީ އުޅެނީ ޒަމާނަށް ވުރެ ކުރީގަ އެވެ. ބްލޫޓޫތު ވެސް ދަރަޖަތަކަކަށް ފަހު، ފަަސް ވަނަ ދަރަޖާގައި އުޅޭއިރު، 400 މީޓަރު ނުވަތަ 1000 ފޫޓު ދުރުން މުއާސަލާތުކުރެވޭ ވަސީލަތަކަށް ވެއްޖެ އެވެ. އަދި ނެޓްވޯކްތައް ގުޅުވައިދީ ޑްރޯންތަކުގައި ބޭނުންހިފޭ ޓެކްނޮލޮޖީއަކަށް ވެއްޖެ އެވެ.
ބްލޫޓޫތު ޓެކްނޮލޮޖީ ގާއިމުކުރެވޭ ޑިވައިސްތައް އިތުރުވެ، ބޭނުން ބޮޑުވުން ވަނީ ނުރައްކަލަކަށް ވެސް ވެފަ އެވެ. މި ޓެކްނޮލޮޖީ ޑިވައިސްތަކުގައި ގާއިމުކުރުމުގައި، ސިގްނަލް ދަތުރުކުރާ ދުރުމިން ވަޒަންނުކޮށް ދޫކޮށްލުން ވަނީ ހެކަރުންނަށް ފަސޭހަ މަގަކަށް ވެސް ވެފަ އެވެ.
"ބްލޫޓޫތު ސްޕެޝަލް އިންޓަރެސްޓް ގްރޫޕް" (ސިގް) އަކީ ބްލޫޓޫތު މިންގަނޑުތައް ކަނޑައެޅުމަށް ހަވާލުވެ އޮންނަ ޖަމާއަތެކެވެ. ސިގް އިން ބުނާ ގޮތުގައި މިއީ މިހާރު މީހުން ހޭލުންތެރިވާން ޖެހިފައި އޮތް މައުލޫއެކެވެ. އެހެން ނަމަވެސް، ސިގް އަށް އެނގުމެއް ނެތި ޑިވެލޮޕަރުން މި ޓެކްނޮލޮޖީ އާންމުންނަށް ދޫކުރުމުގައި ހައްދު އޮޅުވާލުން ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. އެ މީހުން ބުނި ގޮތުގައި، މި އަހަރު ވެސް، މި ޓެކްނޮލޮޖީ މެދުވެރިކޮށް އައިއޯއެސް އަދި ވިންޑޯޒް ޑިވައިސްތައް ވެސް ހެކަރުން ޓްރެކްކޮށްފައި ވެ އެވެ.