އެޕަލް "އެއާޕަވާ" ވަޔަލެސް ޗާޖަރުތައް ގަނޑުކޮށް އުފައްދަނީ

އައިފޯނުގެ އެކި މޮޑެލްތަކުގައި "ވަޔަލެސް ޗާޖިން" ގާއިމުކުރިތާ ދުވަސްތަކެއް ވެއްޖެ އެވެ. އެޕަލް އިން އެކަމަކު ވަޔަލެސް ޗާޖަރެއް އަދިވެސް ނުއުފައްދަ އެވެ. ނަމަވެސް، ވަޔަލެސް ޗާޖަރުތައް އުފައްދަން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށް، މަސައްކަތްތައް ފަށައިގަންނަ ހިސާބަށް ދެވިއްޖެ ކަމަށް ބުނާތީ އިވެ އެވެ.


އެޕަލް އިން އުފައްދަން މަސައްކަތްކުރަނީ "އެއާޕަވާ ވަޔަލެސް ޗާޖިން މެޓް" އެކެވެ. އެއީ އެއްފަހަރާ ދެތިން ޑިވައިސް ޗާޖުކުރެވޭ ވަރުގެ ކުޅަދާނަ ކުނަލެކެވެ. އެޕަލް އަށް ވަޔަލެސް ޗާޖަރެއް ނުއުފެއްދިގެން އުޅެނީ ޓެކްނޮލޮޖީ ނެތިގެނެއް ނޫނެވެ. އެޕަލް އިން ބޭނުންވާ ގޮތަށް، ބޭނުން ޑިޒައިނަށް އެކަން ނުވެގެންނެވެ.

ވަޔަލެސް ޗާޖަރެއް އުފައްދަން އެޕަލް އެޕަލް މަސައްކަތް ފެށިކަން އިއުލާންކުރީ 2017 ވަ އަހަރު އެެވެ. އެ މީހުން އެއިރު ބުނި ގޮތުގައި، 2018 ގައި އާންމު މާކެޓަށް ނެރެވޭ ވަރު ވާނެ އެވެ. އެހެން ނަމަވެސް ކޫސަނި ސަބަބުތަކާ ހެދި ދިގުދެމިގެން ވަނީ ގޮސްފަ އެވެ. ލެބޯޓަރީގައި "އެއާޕަވާ ވަޔަލެސް ޗާޖިން މެޓް"އެއް އުފެއްދި ކަމަށް ބުނާ ވާހަތަކެއް ވެސް ދެކެވުނެވެ. އެހެން ނަމަވެސް، އެޕަލް އިން އުންމީދުކުރި ފެންވަރު ނެތުމުން ދިރާސާކުރަން މަޑުޖައްސާލީ ކަމަށް ވެ އެވެ.

އެޕަލް އިން އުފައްދާ ވަޔަލެސް ޗާޖަރާ ބެހޭ ގޮތުން މިހާރު ބުނެވެނީ ދެން ލަސްތަކެއް ނުވާނެ ކަމަށެވެ. މި މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ދަންނަ މީހަކު ބުނި ގޮތުގައި، ވަޔަލެސް ޗާޖަރުތައް ގަނޑުކޮށް އުފައްދަން ފަށައިފި އެވެ. އެޕަލް އިން ކޮންމެއަކަސް، މިކަމާ ބެހޭ ގޮތުން އަދި އެކައްޗެއް ވެސް ނުބުނެ އެވެ. އެހެންކަމުން މި ވާހަތަކުގައި ހުރީ ކިހާ ބަރުދަނެއްކަން އަދި ކަށަވަރު ނުވެ އެވެ.