ފެނަކަ ކޯޕަރޭޝަނުން ޖެނެރޭޓަރު ސެޓް އަމިއްލަ އަށް އެސެމްބްލްކޮށް، ޚިދުމަތް ފުޅާކޮށްފި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ކަރަންޓު އުފެއްދުމަށް ބޭނުންވާ ޖެން ސެޓުތައް އެސެމްބްލް ކުރަން ފެށީ މި އަހަރުގެ ޖޫން މަހު އެވެ. މިއީ އެ ކުންފުނިން ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި، އީޖާދީ ވިސްނުންތަކާ އެކު އިތުރަށް ފުޅާކޮށް، ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިންނެ ފެށި މަސައްކަތެއް ކަމަށް ފެނަކައިން ބުންޏެވެ.
ޖެން ސެޓުތައް ފެނަކައިން އެސެމްބްލް ކުރަނީ ބޭރުން ސްޕެއާޕާޓުތައް ގެނެސް ރަށްރަށުގައި ހުންނަ ފެނަކައިގެ ވޯކްޝޮޕްތަކުގައި އެ ކުންފުނީގެ އަމިއްލަ އިންޖިނޭރުންނެވެ. މިހާތަނަށް ހަ ރަށަކަށް ބޭނުންވާ ޖެން ސެޓު އެސެމްބްލްކޮށް ހިދުމަތް ދޭން ވަނީ ފަށައިފަ އެވެ.
ފެނަކައިން ބުނީ އެ ކުންފުނިން 100 ކިލޯވޮޓުން ފެށިގެން 1،000 ކިލޯވޮޓާ ހަމައަށް ޑީސަލް އިންޖީނު އެސެމްބްލް ކުރާ ކަމަށެވެ. އަދި ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭގައި ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅުވެފައި ކާމިޔާބު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ހިދުމަތާ އެކު ރާއްޖެއިން ބޭރުން އިންޖީނު އެތެރެކުރުމަށްވުރެ ހަރަދު ކުޑަވާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ. އަދި ވަގުތު ސަލާމަތްވެފައި، އިތުބާރު ހުރި ހިދުމަތެއް ދިނުމަށް މަގުފަހިވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޖެން ސެޓް އެސެމްބްލް ކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް، ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ގދ. ތިނަދޫގައި ގާއިމު ކުރާ ސަރަހައްދީ ވޯކްޝޮޕް އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އޮޕަރޭޝަނަށް ގެނައުމަށް މަސައްްކަތް ވަނީ ފަށައިފަ އެވެ.
ފެނަކައިން ބުނިގޮތުގައި ތިނަދޫގައި ހުޅުވާ ވޯކްޝޮޕް ވާނީ ރާއްޖޭގައި ޖެން ސެޓް މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނެ ވޯކްޝޮޕަށެވެ. މި ވޯކްޝޮޕުގައި ޒަމާނީ ވަސީލަތްތައް ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ރަށްރަށަށް ބޭނުންވާ އާރުއޯ ޕްލާންޓްތައް އެސެމްބްލް ކުރުމުގެ ހިދުމަތް ވެސް ފެނަކައިން ފޯރުކޮށްދެ އެވެ. މި ހިދުމަތް ވެސް ފުޅާ ކުރާނެ ކަމަށް ފެނަކައިން ބުންޏެވެ.