ޗައިނާގެ އާއިލާތަކަށް އެންމެ ކަމުދާ ޖަޒީރާ ގައުމަަކަށް ރާއްޖެ ހޮވިއްޖެ

ޗައިނާގެ އާއިލާތަކުގެ މެދުގައި ޗުއްޓީ ހޭދަކުރަން ދާން އެންމެ ކަމުދާ ޖަޒީރާ ގައުމުގެ ގޮތުގައި ރާއްޖެ ހޮވިއްޖެ އެވެ.


މި އެވޯޑް ރާއްޖެ އަށް ލިބުނީ ގްލޯބަލް ޓްރެވަލާ އާއި ގްލޯބަލް ޓައިމްސް މަޖައްލާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ބޭއްވި ޗައިނީސް ފެމިލީސް ފޭވަރިޓް އައުޓްބައުންޑް ޓްރެވަލް ޗޮއިސަސް އެވޯޑް ހަފްލާގަ އެވެ. ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ ރިޓްޒް ކާލްޓަން ހޮޓަލުގައި ބޭއްވި މި ހަފްލާގައި، ރާއްޖޭގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޗައިނާ އަށް ކަނޑައަޅާފައިވާ ޕީއާރު އެޖެންޓެވެ.

ޗައިނާގައި ނެރޭ އެންމެ ބޮޑު ދެ ޓްރެވަލް މަޖައްލާ ކަމަށްވާ ގްލޯބަލް ޓްރެވަލާ އާއި ގްލޯބަލް ޓައިމްސް ގުޅިގެން މި އެވޯޑް ހަފްލާ ބާއްވާތާ އަށް އަހަރު ވަނީ ވެފަ އެވެ. މި އަހަރުގެ ހަފްލާގައި 10 އެވޯޑެއް ދީފައިވެ އެވެ. އޭގެ ތެރޭގައި ޗައިނާގެ އާއިލާތަކުގެ މެދުގައި އެންމެ މަގްބޫލް ޖަޒީރާ ގައުމުގެ އިތުރަށް، އެންމެ މަގްބޫލް މަންޒިލާއި ސިޓީ އާއި ކްރޫޒްލައިނާއި ހޮޓެލް ބްރޭންޑް އަދި ޗައިނާ އާއި ބޭރުގެ އެއާލައިން ހިމެނެ އެވެ.

ރާއްޖެ އަށް މި އެވޯޑް ލިބިފައިވާ އިރު، ޗައިނާ އިން ބޭރަށް ދަތުރުކުރާ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލް މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް މިދިޔަ ސެޕްޓެމްބަރު މަހު ހެދި ސާވޭއަކުން ވެސް ދައްކާފައިވެ އެވެ.

ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާ އިން ކަމަށްވީ ނަމަވެސް، ޗައިނާ މާކެޓް ވަނީ ދަށަށް ދާން ފަށައިފަ އެވެ. އެ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޗައިނާ އިން 30،714 މީހުން ރާއްޖެ އައިސްފައި ވިޔަސް، މިދިޔަ އޮކްޓޯބަރު މަހު އެ އަދަދު ވަނީ 4.1 ޕަސެންޓް ދަށްވެ، 29،444 މީހުންނަށް ތިރިވެފަ އެވެ. އަދި ޗައިނާ އިން ރާއްޖޭގެ ޓޫރިޒަމް މާކެޓުގައި ހިއްސާ ކުރާ މިންވަރު ވެސް ވަނީ 25.1 ޕަސެންޓަށް ދަށް ވެފަ އެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ