އެންމެ ގިނަ ބަޔަކު ގެންގުޅޭ ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކް މެދުވެެރިކޮށް، ރީޗާޖް ކުރުމާއި އެޑްއޮންސް ގަނެވޭ ގޮތް އުރީދޫން އިއްޔެ ހަދައިފި އެވެ.

ފޭސްބުކްގެ މެނޫ އަށް ގޮސް، ސެޓިންސް އެންޑް ޕްރައިވެސީ ހިޔާރުކޮށް "މޮބައިލް ސެންޓަ-އުރީދޫ މޯލްޑިވްސް" ކްލިކް ކުރުމުން އުރީދޫގެ ނަންބަރުތަކަށް ރިޗާޖްކޮށް އެޑްއޮންސް ގަނެވޭނެ އެވެ.

މި ހިދުމަތް އުރީދޫން ދެނީ ފޭސްބުކް ހިންގާ ކުންފުނި "މެޓަ"އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

އުރީދޫން ބުނީ މި ހިދުމަތް ތައާރަފުކުރީ މެޓަގެ ރަސްމީ ޑިޖިޓަލް ޗެނަލްތަކުގެ އިތުރުން، އާންމު ބޭނުންތަކުގެ ޕްލެޓްފޯމްތައް މެދުވެރިކޮށް، ފަސޭހަކަމާއެކު ހިދުމަތް ހޯދޭނެ ގޮތް އެ ކުންފުނީގެ ކަސްޓަމަރުންނަށް ހޯދައިދޭން ކަމަށެވެ.

ފޭސްބުކް މެދުވެރިކޮށް، ރިޗާޖާއި އެޑްއޮންގެ ހިދުމަތް ހޯދުމުން އުރީދޫގެ ކަސްޓަމަރުންނަށް ހިލޭ ފޮޓޯ އާއި ވީޑިއޯ ބެލޭނެ އެވެ. މި ހިދުމަތް މިހާރު ދެނީ ފޮޓޮ އާއި ވީޑިއޯ ނުބެލޭ ގޮތަށެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، ފޭސްބުކަކީ ރާއްޖޭގެ ގިނަ ބަޔަކު ބޭނުންކުރާ ޕްލެޓްފޯމެއް ކަމަށް ވުމުން މި ހިދުމަތާއެކު އެ ކުންފުނީގެ ކަސްޓަަމަރުންނަށް އިތުރު ލުޔެއް ލިބޭނެ ކަމަށެވެ. އަދި ކުރިމަގުގައި ވެސް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މެޓައާއެކު އަޅުގަނޑުމެންގެ ޕާޓްނާޝިޕް އިިތުރަަށްް ވަރުގަދަކޮށް، އީޖާދީ ހައްލުތަކާ އެކު އަޅުގަނޑުމެންގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަކީ އަޅުގަނޑުމެންްނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނިޔާޒް ވިދާޅުވި އެވެ.

އުރީދޫން ވަނީ ވައިބާއާ ގުޅިގެން އެ އެޕްލިކޭޝަނުން އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް މި އަހަރު ހަމަޖައްސައިފަ އެވެ.