އޮންލައިން ޓްރޭޑިންގެ ވިޔަފާރި ކުރާ "ކިންގްސް ކެޕިޓަލް ހޯލްޑިންގް"ގެ ނަމަށް ހުތުރުވާ ގޮތަށް ދޮގު މައުލޫމާތު ފެތުރިކަމަށް ބުނެ، ބީއެމްއެލް އާއި އެމްއެމްއޭގެ މައްޗަށް ދައުވާކުރަން ނިންމައި އޭގެ ތަފުސީލުތައް މިއަދު ދީފި އެވެ.

އެމްއެމްއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި އެކި މީސްމީހުންގެ އަތުން ފައިސާ ނަގައިގެން އެ ފްރޯޑް ހިންގަނީ ފޭސްބުކާއި ޓެލްގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން ކަމަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް އަނބުރާ ދޭނެ ކަމަށް ބުނި ނަމަވެސް އިންވެސްޓް ކުރުމުގެ ބަދަލުގައި އަމިއްލަ ބޭނުންތަކަށް އެ ސްކީމްގައި ފައިސާ ބޭނުންކުރާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެ ސްކީމުގައި ކުރީކޮޅު ފައިސާ ނަގާ މީހުންނަށް އަނބުރާ ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ މީހުން ދޭ ފައިސާއިން ކަމށާއި އެހެންވެ، އެފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫން ކަމަށާއި އެ ސްކީމް ރޫޅޭއިރު، ބައިވެރިވި ގިނަ މީހުންނަށް ފައިސާ ވެސް އަނބުރާ ނުލިބޭނެ ކަމަށް އެމްއެމްއޭ އިން އެ ބަޔާނުގައި ބުނެފައި ވެ އެވެ. އެކަމަކު އެއީ ކޮން ބައެއް ކަމެއް ބަޔާނުގައި ބުނެފައެއް ނެތެވެ.

ކިންގްސްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވީ އެއީ އޭނާގެ ކުންފުންޏަށް އަމާޒުކޮށް ނެރެފައިވާ ބަޔާނެއް ކަމަށާއި އޭގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ކުރާ ދައުވާ އަންނަ ހަފުތާގެ ތެރޭގައި ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ. ބީއެމްއެލްއާ ދެކޮޅަށް ދައުވާ ކުރަނީ، އެ ކުންފުނީގެ އެކައުންޓްތައް ޑީއެކްޓިވޭޓް ކުރި މައްސަލައިގައި ލިބުނު ގެއްލުމަށް ބަދަލު ހޯދުމަށެވެ.

އަލްހާން މިއަދު ވެސް ވިދާޅުވީ އެ ފައިސާ ބޭނުން ކުރަނީ ފޮރެކްސްގައި ކަމަށެވެ. ކިންގްސް ކުންފުނީގެ ގާނޫނީ ވަކީލުން ކަމަށްވާ، ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު މުހައްމަދު ހަލީމާއި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، ރާއްޖޭގައި ފޮރެކްސް ޓްރޭޑް ނުކުރެވޭނެ ކަމަށް އެއްވެސް ގާނޫނެއްގައި ނުވަތަ ގަވައިދެއްގައި ވެސް ނެތް ކަމަށެވެ. ހަލީމް ވިދާޅުވީ، ފޮރެކްސް ޓްރޭޑް ކުރާ ބަޔަކު ފަންޑެއް ރަޖިސްޓާ ކުރަން ނުޖެހޭނެ ކަމަށެވެ.

"އެމްއެމްއޭ އިން ވެސް، ސީއެމްޑީއޭ އަދި ބޭންކް އޮފް މޯލްޑިވްސް އިން ވެސް ވާހަކަ ދައްކަނީ އެއްވެސް އުރުއްޕެއް ނެތް ގޮތަށް،" ހަލީމް ވިދާޅުވި އެވެ.

ކިންގްސް ކުންފުނީގެ ގާނޫނީ ވަކީލު މުހައްމަދު ހަލީމު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ--ފޮޓޯ:މިހާރު
ކިންގްސް ކުންފުނީގެ ގާނޫނީ ވަކީލު މުހައްމަދު ހަލީމު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ--ފޮޓޯ:މިހާރު

އޭނާ ވިދާޅުވީ، އެ ކުންފުންޏަށް ލިބުނު ގެއްލުމާއި ކުންފުނީގެ ނަމާއި އަނބުރަށް އަރާއިގެންފައި ވާތީ އޭގެ ދައުވާ ކުރާނެ ކަމަށާއި ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ.

އަލްހާން ވިދާޅުވީ، ރާއްޖޭގެ ގާނޫނުއަސާސީގައި މަނާ ކަންކަން ބަޔާންކޮށްފައިވާ ކަމަށާއި ފޮރެކްސް އާއި އެހެން އޮންލައިން ޓްްރޭޑް ކުރުމަކީ މަނާކަމެއް ކަމަށް ނެތް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އަކަށް ވެސް ނެތް އަޅުގަނޑުމެން ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށް ބުނެ އަޅުގަނޑުމެންގެ އެކައުންޓް ޑީއެކްޓިވޭޓް ކުރެވޭނެ ކަމަކަށް. ބޭންކް ގާނޫނުގައި އޮންނަނީ މިވެނި ގާނޫނެއްގެ ދަށުން ރަޖިސްޓާ ކުރަން ޖެހޭ ފަންޑެއް ކަމަށް މިހާރު މި ހިންގަނީ. އެހެން ނަމަވެސް، އަޅުގަނޑުމެން އޮންނާނީ މިއީ ފަންޑެއް ނޫނޭ، އޮންލައިން ޓްރޭޑިން އޭ ބުނެފައި. އޮންލައިން ޓްރޭޑިން އަކީ ގާނޫނުއަސާސީން މަނާކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ މިކަން ހާމަކޮށް 2017 ވަނަ އަހަރު އެމްއެމްއޭ އިން ބަޔާނެއް ނެރެފައިވާ އިރު އޭގައި ވެސް ފޮރެސް ޓްރޭޑިން ކުރުން އާންމުވެފައިވާ ކަމަށާއި މިކަމާ ގުޅޭ ގާނޫނާއި ގަވައިދުތައް ހެދިފައި ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މިކަން ކުރާނެ ގަވައިދެއް އުސޫލެއް ނެތުމަކީ މިކަން ހުއްޓުވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިވްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
ކިންގްސް ކެޕިޓަލް ހޯލްޑިވްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

އަލްހާންގެ ކުންފުނިން ފޮރެކްސް ޓްރޭޑިން ވިޔަފާރި ފުޅާ ދާއިރާއެއްގައި ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭގެ ފަހުން މިދިޔަ ތިން މަސް ތެރޭ، އެ ކުންފުނި މެދުވެރިކޮށް ފޮރެކްސް އަށް އިންވެސްޓް ކުރި އެއްވެސް މީހަކަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ކުންފުނިން ހިންގަނީ "ޕޮންޒީ ސްކީމް" އެއް ކަމަށް އެމްއެމްއޭ އިން ތުހުމަތު ކުރާ އިރު އެފަދަ ސްކީމެއްގެ އެއްވެސް ސިފައެއް ފޮރެކްސް ޓްރޭޑިންގައި ނުހުންނާނެ ކަމަށެވެ.

"އެއް ގޮތަކުން ވެސް އެކަކު އަތުން ލާރި ނަގައިފަ އަނެކަކު އަތަށް ދީގެން އެބުނާ ޕޮންޒީ ސްކީމެއް ނޫން މި ހިންގަނީ. މިކަން ކުރަނީ ޕެންޝަން ސްކީމް ހިންގާ ގޮތަކަށް ނޫން މިކުރަނީ. ބޭންކް އޮފް މޯލްޑިވްސް ހިންގާ ގޮތަކަށް ވެސް ނޫން މިކުރަނީ. އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ ހިންގާ ގޮތަކަށް ވެސް ނޫން. އެތަން ތަން އެ ހިންގަނީ ޕޮންޒީ ސްކީމަކަށް،" އޭނާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 2000 މީހުން އެ ކުންފުނި މެދުވެރިކޮށް ފޮރެކްސް ޓްރޭޑް ކުރަން އިންވެސްޓް ކޮށްފައވާ އިރު މި އުނދަގޫތަކާ އެކު ވެސް އެ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ އަނބުރާ ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.