އަލްހާން ފަހުމީ: އިންވެސްޓްކުރި ފައިސާ އާއި ފައިދާ ނުދިނުމުން ދައުވާކުރި މީހަކަށް ފަސް ލައްކަ ރުފިޔާ ދައްކަން އަލްހާންއަށް ވަނީ ހުކުމްކޮށްފައި - ފޮޓޯ: މިހާރު
20 ޑިސެމްބަރ 2025 - 09:10
ކިންގްސް ކެޕިޓަލް ކުންފުނިން ހިންގި ސްކީމެއްގައި ބައިވެރިވެ، ފައިސާ އިންވެންސްޓްކުރި މީހަކަށް ބަދަލު ދޭން އެ ކުންފުންޏާއި އޭގެ ހިއްސާދާރުން ކަމަށްވާ އަލްހާން ފަހުމީ އަދި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަލްހާނާއި ޝަހުބާންގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވަނީ 587،466ރ. 15 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
އަލްހާނާއި ޝަހުބާން އަދި ކިންގްސް ކުންފުނީގެ މައްޗަށް އަމިއްލަ މީހަކު ސިވިލް ކޯޓުގައި ދައުވާކުރީ އޭނާ ދެ ފަހަރެއްގެ މަތިން އިންވެސްޓްކުރި 120،000ރ. އާއި އެ ފައިސާ އިންވެސްޓް ކޮށްގެން ލިބެންޖެހޭ ފައިދާގެ ގޮތުގައި ނުލިބިވާ 390،840ރ. ހޯދުމަށެވެ.
މި ދައުވާ އުފުލުމާ އެކު، ޝަރީއަތް ހިންގުމަށް ތިން ފަހަރެއްގެ މަތިން އަލްހާނާއި ޝަހުބާން ކޯޓަށް ހާޒިރުވާން އަންގައި އިއުލާން ކުރި އެވެ. ނަމަވެސް، އެ އިއުލާނާ އެއްގޮތަށް އެ މީހުން ކޯޓަށް ހާޒިރުވެފައި ނުވާތީ، މައްސަލައިގެ ހުކުމް އިއްވީ ޣައިރު ހާޒިރުގަ އެވެ.
ސިވިލް ކޯޓުން ނިންމީ އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރާ ކަން ސާބިތުވާ ކަމަށާއި އެހެންކަމުން ދައުވާ ކުރާ ފަރާތުން އެދޭ ފައިސާއަކީ ދައުވާ ލިބޭ ފަރާތްތަކުން ދޭން ޖެހޭ ފައިސާތަކެއް ކަަމަށެވެ. އެ ފައިސާގެ އިތުރުން މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ހިނގި ހަރަދު ކަމަށްވާ 76،626ރ. ވެސް ކޯޓުން ވަނީ ނަގައިދޭން ނިންމައިފަ އެވެ.
އެހެންވެ، އެކު ޖުމްލަ 587،466ރ. ދައްކަން އަލްހާނާއި ޝަހުބާން އަދި ކިންގްސް ކެޕިޓަލް ކުންފުނީގެ މައްޗަށް ހުކުމް އިއްވި އެވެ.
ކިންގްސް ކެޕިޓަލްސްއިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ހިންގި އިންވެސްޓްމަންޓް ސްކީމްގެ މައްސަލާގައި އަލްހާނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން ހިންގި އެވެ. އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވީ ނޮވެމްބަރު 2023 ގަ އެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންސް އިން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ ތިން މީހުންގެ މައްޗަށް ޓެކުމުގެ ކުށުގެ 13 ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ.
ނަމަވެސް ކޯޓުގައި މައްސަލަ ހިނގަމުންދަނިކޮށް، ދައުވާ ލިބޭ ފަރާތުން ކުރި ކަމަށް ތުހުމަތު ކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 ފަރާތަކަށް ބަދަލުދީ، ހަލާސް ކޮށްފައިވާ ކަމަށް ބަޔާންކޮށް ދައުވާތައް އަނބުރާ ގެންދަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.
ޕީޖީން ބުނެފައިވަނީ ދައުވާތައް އަނބުރާ ގެންދިޔައީ ގެއްލުން ލިބުނު މީހުންގެ ތެރެއިން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ނަގައިދޭން އެދުނު އެންމެންނަށް ލިބެންޖެހޭ ފައިސާ އަނބުރާ ލިބިފައިވާތީ އާއި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް އެ މީހުން ބުނެފައިވާތީ ކަމަށެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާނާއި އާއިލާގެ ބައެއް ބޭފުޅުންގެ ކިންގްސް ކެޕިޓަލް ހޯލްޑިން އިން އޮންލައިން ޓްރޭޑިންގެ ނަމުގައި އެތައް ބައެއްގެ އަތުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި އެވެ. އޭގެ ތެރެއިން 65 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދެއްކޭ ހާލަތަށް ގޮސްފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ކިންގްސް އިން ކުރިން ހިންގި ސްކީމުން ވަނީ 1،864 މީހެއްގެ އަތުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާއިން ކްރިޕްޓޮ ކަރަންސީ ނުވަތަ ޑިޖިޓަލް ކަރަންސީގެ މުއާމަލާތްތަކެއް ހިންގައިފަ އެވެ. އަދި ސްކީމްގައި ބައިވެރިވި މީހުންގެ ފައިސާގެ ތެރެއިން ބައެއް، ކުންފުނީގެ ހިއްސާދާރުންގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި އެ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަލީ ބަލީ
20 December 2025
މި މީހުންނަކީ ދިވެހިރާއްޖޭގެ ގާނޫނު ނުހިގާ ބައެއްތަ؟ ކޯޓަށް ކީމަކާ ކޯޓަށް ހާޒިރެއްނުވޭ ހާޒިރު ކުރެވޭނެ ގޮތެއްވެސް ނެތް އަޅެ ފަހެ މީ އަރަތެއްނު
ނިޕް
20 December 2025
ގައިރު ގާނޫނީ ސްކީމެއްގެ މަންފާ ކޯޓުން ނަގައިދިނީ ހުއްދަވީތަ މިހާރު؟
ކަދަޑޭ
20 December 2025
މީހަކަށް ދޭންބުނި ލާރިއެއް ދޭން ޖެހޭނެ ސްކީމް ހުއްދަޔަސް ހުއްދަ ނޫނަސް
ސެއްލި
20 December 2025
މީހެއް އަތުން ނެގި ލާރި އަނބުރާ ދިނުން އޯކޭ. އެކަމު ލާރިނެގީ މަރުޖުއާނާ ހައްދަންކަމަށްވަންޏާ ދަނޑުގޮވާން ކޮށްގެން ލިބޭނެކަމަށް ބެލެވޭ ފައިދޭ ކޯޓުން ނަގައިދެންޏާ ހަށިވިއްކަން އެެއްބަސްވުން ހަދާފަ އެކަން ނުކޮށްގެން ބަދަލުވެސް ނަގައިދޭނެ
ރަސްގެފަންނު
20 December 2025
އަލްހާން ހިންގި ޕޮންޒީ ސްކީމްއަކީ ޤާނޫނާޚިލާފް ސްކީމަކަށް ވާއިރު އެ ސްކީމަށް އިންވެސްޓްކުރުމަކީވެސް ޤާނޫނާޚިލާފް ކަމަކަށް ވާއިރު އެ ފައިސާ ސަރުޢީ ނިޒާމްގެ ތެރެއިން ހޯދާދިނުމުގެ ބަދަލުގަ އެފައިސާއަކީ ދައުލަތަށް ނަގަންޖެހޭ ފައިސާ. އަދި ކުއްކޮށްގެން ހޯދާ ފައިސާ ހުއްދަނުވާއިރު އެ ސްކީމުން ލިބޭނެކަމަށް ބުނާ ފައިދާ ނަޤާދިނުމަކީ ޤާނޫނާ ޚިލާފް މަންފާއެއް ހޯދާދިނުން.
ބޯއީ
20 December 2025
ނޭންގި ކުރެވޭ ކުށަކީ ކުށެއްނޫން. އަލްހާނު ބުނީ ރެޖިސްޓަރ ކޮށްފައި އޮތް ކުންފުންޏަކުން ހިންގާ ހުއްދަ ވިޔަފާރިއެކޭ ކުރަނީ. އޭނަ ރާވިއްކުން އެއީ އިންވެސްޓަރުގެ މައްސަލަ އެއްނޫން. ދޭން ބުނި ލާރިއެއް ދޭންވާނެ
އެހެނެއްނޫން
20 December 2025
އަދި ރަނގަޅަށް އޮޅުން ނުފިލާ ތިޔައޮތީ.
ސިއްލަވާރު2
20 December 2025
ރައީސްކަމަށް ކުރިމަތިލާން މަވެސް މިވިސްނަނީ އެހެންވެ.. މަގޭ ބޮލުގަ މިލިއަނުން ދަރަނި އެޅިފަ އޮތީމަ.. އެކަމުން ސަލާމަތްވާން.. މީ މިމީހުންގެ ފެންވަރަކީ..
ކުރިނބި
20 December 2025
ދިވެހިރާއްޖޭގެ ގާނޫނުތަކަށްވުރެ މީނަ މާ ގަދަ. ގާނޫނުގެ އަތް ފޯރަނީ ކޮފީ ދަޅު ނަގާ މީހާ އަށާ ރިހާކުރު ފުޅި ނަގާ މީހާއަށް. އަދުލުގެ ނިޒާމްގައި އުޅޭ މީހުންނަށް ސަލާމް
ޑރ ވާންޗޯ
20 December 2025
އަނެއްކާވެސް ޕީޖީއަށް އިއުތިރާފުގެ އެއްބަސްވުމެއް ހަދާލާ!. މިގައުމުގަ މިލިއަނެއްދީގެންވެސް ޕީޖީއަކަށް ވެވޭތޯބަލަންވީ!!!!.
ހުޖީޒް
20 December 2025
މީނަ އަކީ ދިވެހިރާއްޖޭގެ ގާނޫނު ނުހިނގާ މީހެއް. ޕީޖީން ވެސް މައްސަލަ ނެގީ
ބަލްމާނު
20 December 2025
އަލްހާނު ބުނަނީ އެކައުންޓް ފުރީޒް ކުރީމަ ދިމާވި ކަމެއް ކަމަށް. ފްރީޒް ކުރިއިރު އެކައުންޓްގައި ފައިސާ ހުރި އަދަދެއް އެނގޭ މީހަކު ނެތް
އަރޮޅި 2025
20 December 2025
ހާދަ ބައިވަރު ބަޔަކަށޭ މީނަ ލަނޑު ދިނީ މިގައުމުގަ އިންސާފެއް ނެތް ކަމުގެ ފުރިހަމަ ނަމޫނާ އެއް މި އަލްހާން މިހެން މިނިވަންކަން މަތީ އުޅެވުމަކީ ، ކޮބާ އަދި ފުލުހުން 50 މީހުންގެ ބަޔާން ނަގާފަ މިމީހުން ވެސް ހަބަރެއް ހިލަމެއް ނުވޭ ކިހާ ދެރަ ހިތާމައިގެ ކޮޅެއް ނެތް
ފަޅުމަސް
20 December 2025
ކޯޓުން ދޮގެއް ހެދީތަ؟ ގައިމު ޕީޖީން ބުނީ އެ ސްކީމާ ގުޅޭ ހުރިހާ ފައިސާއެއް އަލްހާނު ދައްކާ ނިމިފައިވާ ކަމަށް.. ޖިނާއީ ދައުވާ ނުކުރަން ނިންމީ އެހެންވެ ކަމަށް.. ޕީޖީން އެކަން ޔަގީންކޮށްފައި އެވަނީ "ބިޔޯންޑް ރީޒަނަބަލް ޑައުޓް" އަށް ކަމަށް ގަބޫލުކުރަންޖެހޭ..