އަލްހާން ފަހުމީ: ހައި ކޯޓުން ވެސް ހުކުމްކުރީ އަލްހާން އާއި ދެ ކޮއްކޮގެ ދައުވާ ކުރިއަށް ގެންދޭނެ ކަމަށް - ފޮޓޯ: މިހާރު
13 މެއި 2025 - 12:36
ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއެއްގެ މައްޗަށް ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.
ކިންގްސް ކެޕިޓަލްސް އިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ހިންގި އިންވެސްޓްމަންޓް ސްކީމްގެ މައްސަލާގައި އަލްހާނާއި އޭނާގެ ދެ ކޮއްކޮ ކަމަށްވާ ޝަހުބާން ފަހުމީ އަދި ޝަޒްބާން ފަހުމީގެ ޓެކުމުގެ 13 ދައުވާއެއް ދައުލަތުން ކުރެ އެވެ.
އެ ދައުވާތައް އެ ތިން މީހުންގެ މައްޗަށް ނުކުރެވޭނެ ކަމަށް ބުނެ، ދައުވާތައް ބޭރު ކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅުމެއް ހުށަހެޅި އެވެ. އެއީ ދައުވާގައި ބުނާ އަމަލަކީ ކުންފުނީގެ ފަރާތުން ކޮށްފައިވާ ކަމެއް ކަމަށް ވާއިރު، އޭގެ ޒިންމާ ފަރުދީ ގޮތުން އުފުލަން ނުޖެހޭނެ ކަމަށް ބުނެ އެވެ.
ނަމަވެސް، ކްރިމިނަލް ކޯޓުން ނިންމީ އެ ކޯޓުގައި 13 ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށެވެ. ދަށު ކޯޓުގެ އެ ނިންމުން އަލްހާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. އެ މައްސަލާގައި އިއްޔެ އެ ކޯޓުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ދަމަހައްޓައިފަ އެވެ.
ހައި ކޯޓުން ބުނީ ކްރިމިނަލް ކޯޓުގެ ނިންމުން ބަދަލު ކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އަލްހާންގެ ފަރާތުން ހުށަހެޅި ކަންކަމާ ގުޅޭ ގޮތުން މުޅި ދައުވާއާ މެދު ގޮތެއް ކަނޑައަޅާއިރު ގޮތް ނިންމުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި ގޯހެއް ނެތް ކަމަށް ހުކުމްގައިވެ އެވެ. އަދި މައްސަލާގައި ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަން ފާހަގަކޮށް ހައި ކޯޓުން ބުނީ ހެއްކާ ގުޅޭ ގޮތުން ބަހުސްކޮށް، ހެކި ވަޒަން ކުރެވޭނީ ވެސް މުޅި މައްސަލަ ކުރިއަށް ގެންގޮސްގެން ކަމަށެވެ.
އަލްހާނާއި އޭނާގެ ދެ ކޮއްކޮގެ ފަރާތުން ދައުވާ ރިވިއު ކޮށްދޭން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ވެސް ހުށަހެޅި އެވެ. އެކަމަކު، އެ އޮފީހުން ވެސް ނިންމީ ދައުވާތައް ރިވިއު ކުރާނެ ތަނެއް ނެތް ކަމަށެވެ.
އަލްހާންގެ ފަރާތުން ކޯޓަށް ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ ކުންފުންޏަކީ ވަކި ޝަހުސެއް ކަމަށާއި ކުންފުނީގެ އަމަލުތަކުގެ ޒިންމާ ވެސް ނަގަން ޖެހޭނީ ކުންފުނިން ކަން ކުންފުންޏާ ބެހޭ ގާނޫނުން ސާފުކޮށް އެނގެން އޮވޭ ކަމަށެވެ.
ކުންފުންޏާ ބެހޭ ގާނޫނުގެ 75 ވަނަ މާއްދާ އޮތް ގޮތުން ޖިނާއީ ކުށެއް ވިޔަސް، ދައުވާ އުފުލަން ޖެހޭނީ ކުންފުނީގެ މައްޗަށް ކަން އެނގޭ ކަމަށް އަލްހާންގެ ވަކީލް ވިދާޅުވެފައިވެ އެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި ސަން ކުންފުނީގެ މައްޗަށް އަދި އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލާގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާ އުފުލީ އެ އުސޫލުކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހެންކަމުން މި މައްސަލާގައި ވެސް ދައުވާގައި ބުނާ ކަންކަމަކީ ކުންފުނި ކުރި ކަމަށް ބުނާ އަމަލުތަކަކަށް ވާތީ، ދައުވާ އުފުލަން ޖެހޭނީ ކުންފުނީގެ މައްޗަށް ކަމަށް ވަކީލު ގަބޫލު ކުރައްވަ އެވެ. އޭގެ ޒިންމާ ހިއްސާދާރުން ވެސް އަދި ޑިރެކްޓަރުން ވެސް ފަރުދީ ގޮތުން އުފުލަން ނުޖެހޭނެ ކަމަށާއި ޖަވާބުދާރީވާން ވެސް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލްހާންގެ ދެ ކޮއްކޮ ކަމަށްވާ ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ ވަކީލް އާޒިމާ ޝަކޫރު ވެސް ވިދާޅުވެފައިވަނީ "ކޯޕަރޭޓް ވެއިލް" އަކީ ގާނޫނުތަކުން ކަނޑައަޅާފައިވާ ކަމެއް ކަމަށާއި ކުންފުންޏެއްގެ އަމަލަކަށް ފަރުދީ ގޮތުން ޒިންމާ ނުކުރެވޭނެ ކަމަށެވެ. އެކަން ކުރެވޭނީ "ކޯޕަރޭޓް ވެއިލް" ނަގާ ހާލަތުގައި ކަމަށާއި އެ ހާލަތަކީ ކުންފުނި ބޭނުންކޮށްގެން މަކަރާއި ހީލަތް ހަދާ ކަމަށް ސާބިތުކުރެވޭ ހާލަތް ކަމަށް އާޒިމާ ވިދާޅުވި އެވެ.
ނަމަވެސް، ދައުލަތުގެ ވަކީލް ހައްވާ ނަހީ ވިދާޅުވީ މި ދައުވާތައް ކުރަނީ ކުންފުންޏަކުން ކުރި ކުށަކާ ގުޅިގެން ނޫން ކަމަށާއި ދައުވާތައް ކުރީ ކުންފުނި ބޭނުންކޮށްގެން ކުންފުނީގެ ނަމުގައި އެ ތިން މީހުން ކުރި ކުށާ ގުޅިގެން ކަމަށެވެ. އެހެންކަމުން، ފަރުދީ ގޮތުން އެ ކަމުގައި ޒިންމާ އުފުލަން ޖެހޭނެ ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި "ކޯޕަރޭޓް ވެއިލް" ނެގުމަށް ކަމަށް ބުނެ، ވަކި އަޑުއެހުމެއް ބާއްވައިގެން އެ ކަންކަން ސާބިތުކޮށްދިނުމަކީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި ފަރުދީ ގޮތުން ކުށުގެ ޒިންމާ އުފުލަން ޖެހޭނެ ކަން ސާބިތުވާ މިންވަރަށް މައްސަލާގައި ހެކި ހުށަހަޅާފައިވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.
އެހެންކަމުން މައްސަލާގައި ގާޒީ ގޮތެއް ކަނޑައަޅުއްވާއިރު، ކުށަށް ޒިންމާ އުފުލަން ޖެހޭ މިންވަރު ކަނޑައެޅޭނެ ކަމަށް ވަކީލް ވިދާޅުވި އެވެ. މީގެ ކުރިން ވެސް ކުންފުނީގެ ނަމުގައި ފަރުދީ ގޮތުން މީހުން ހިނގާފައިވާ އަމަލުތަކާ ގުޅިގެން ދައުވާ އުފުލާފައިވާނެ ކަމަށް ވިދާޅުވި އެވެ. އޭގެ އެއް މައްސަލައަކީ ސީލައިފް މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) އަށް ކުރި ދައުވާތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑު
13 May 2025
ދެން ކުންފުންޏަކުން މީހަކު މަރަން މީހަކަށް ލާރި ފޮނުވާފަވެސް ބުނަންވީ ކުންފުނިން ކުރިކަމެކޭ ހިއްސާދާރުންނާ ބެހޭ ކަމެއްނޫނޭ. ކުންފުނި ޒިންމާދާރުކުރުވާށޭ. ތިމަންނަމެން ޖަވާބުދާރީވާންޖެހޭ ކަމެއްނޫނޭ. ކުންފުންޏަކީ ބަލަގަ އެކަނި ހިނގާބިނގާވެ ކައިބޮއި ހަދާ ޖަނަވާރަކަށް ކިޔާ ނަމެއްތަ؟
ދަމްބަރ
13 May 2025
ބޭބެމެންނޭ މަވެސް ޖެހުނިން. 2 ލައްކަ ވެއްޖެ ވިޔަފާރި ކުރަންދީފައި. މީތިކޮޅު ލިބޭގޮތަށް ހުކުމް ކޮށްދެއްވާތި. ކިންގު ފައިސާ ސަރުކާރަަށް އަތުލާފަ ވިޔަސް ދޭތި.
ލައިޓް
13 May 2025
މީނާގެ އަވާގައި އަދިވެސް ދިވެހިން ޖެހުމުގެ ފުރުޞަތު އެބައޮތް! ޖަލައްލުން އަވަސްކުރަންޖެހޭ!
ބަޑިތަކުރު
13 May 2025
"ކޯޕަރޭޓް ވެއިލް" ނަގާ ހާލަތުގައި ކަމަށާއި އެ ހާލަތަކީ ކުންފުނި ބޭނުންކޮށްގެން މަކަރާއި ހީލަތް ހަދާ ކަމަށް ސާބިތުކުރެވޭ ހާލަތް ކަމަށް އާޒިމާ ވިދާޅުވި އެވެ. މިހެން އާޒިމާ ވިދާޅުވިއިރު ނޭނގޭބާ މިއުޅެނީ މަކަރާއި ހީލަތް ހަދައިގެން އެތައް ބަޔެއްގެ އަތުން ފައިސާތަކެއް ފޭރިގަނެގެންކަމެއް.
މާރިނދަ
13 May 2025
މަގޭ ހިތައްއަރަނީ ކުރީދުވަހު އާޒިމާއިން މަޤާމުގައި މިއަދު އާޒިމާ އިންނެވިނަމަ ތިޔަ ގޮތަށް ނިންމާފަ މައްސަލަ ފޮނުވާލާނަންތޯ؟ އެތައް ބައެއްގެ ފައިސާ އެކުންފުނިން އަލްހާނު ފަހުމީގެ އާއިލާއިން ފައިސާ ނަގައިގެން އެމީހުންގެ ބޮޑެތި ދަރަނިތައް ދައްކަން އެފައިސާއިން ބޭނުންކުރިކަން އެނގި ސާބިތުވާވަރަށް ހެކި ހޯދިފައިވާއިރުވެސް.
ވެއިލް
13 May 2025
ތި ކުންފުނީގެ ހިއްސާދާރުންނަކީ އަލްހާނާ އޭނަގެ ކޮއްކޮކަން އޮންލައިން ކޮށް އެހެރީ އެނގެން. އެހެންވީމަ ތި ކުންފުނީގެ ކޯޕަރޭޓް ވެއިލް އެއް ނެތް. ވެއިލް ނެތްތާކު ވެއިލް ނަގާކަށް ނުޖެހޭނެ. މީ އާޒިމާ އަށް ދޭ ލީގަލް އެޑްވައިސްއެއް. ކޮންމެވެސް ކުއްޖަކު އާޒިމާއަށް ކިޔާލަދިނުން އެދެން.
ކަހެރުވައް
13 May 2025
ހެހެހެހެހެ. އަލްހާނު ހަމަތޯ އެންނު ފުރަތަމަ ބަލަންވީ.! އަލްހާނު ތިބުނާގޮތުން އަލްހާނުގެ ގޭތެރޭގަ ބަޔަކު މަސްތުވާ ތަކެތި ބޭނުންކޮަށްފިއްޔާ އެކަމުގެ ޒިންމާ ނަގަންޖެހޭނީ ގޭގެ ނަންބޯޑު..
ޑރ ވާންޗޯ
13 May 2025
އަލްހާން އެބުނާގޮތުންވިއްޔާ އަލްހާނުގެ ކުންފުނީގެ ނަމުގަ ހުރިފައިސާޔަކާ އެސެޓެއް ބަޔަކު ކަޓުވާލިޔަސް އަލްހާނަކަށް ދައުވާއެއްނުކުރެވޭނެ. ކުންފުނި (އިމާރާތް) ދާންޖެހޭނީ ކޯޓަށްވެސް.
ރަދީފްއޮފިޝަލް / އެއްބަސްވުން
13 May 2025
ހެހެހެހެހެ.ކޮބާ ބްރޯ ދައުލަތާ އެކީގަ އިއުތިރާފް އެއްބަސްވުމެއްގަ ސޮއި އަޅާލީމަ ދެމިގަނެވޭނެ.އަދި ތާއީދުކުރާކަމަށް ބުނެ ޓްވީޓްކޮށްފަ ޓީވީ ޗެނަލްތަކުގަ ވާހަކަ ދެއްކީމަ އިސާހިތަކު ހުދު ފޮތިކޮޅަކަށް ބަދަލުވެދާނެ.ވ.ވެދުން.
ޑރ ވާންޗޯ
13 May 2025
އަލްހާނަށް ބުނަނީ ކުންފުނިހަދައިގެން ރައިއްޔަތުން ދަވާލައިގެން ދިޔަޔަސް ޒިންމާވާންޖެހޭނީ ކުންފުންޏޭ (އިމާރާތް) . ކުންފުނިހެދެނީ ވަކިމީހަކު ނުވަތަ ބަޔަކު ޒިންމާވެގެންކަމެއް، ކުންފުނީގެ ޒިންމާނަގަންޖެހޭ މީހަކު ހުންނަކަމެއް ބުރާންތިކަމުން ނޭގުނު.
ޔޫޖިން
13 May 2025
ގާނޫނީ ގޮތުން ދެއްކެން އޮތް ހުރިހާ ބަހަނާއެއް ދައްކައިގެން ވެސް މި ބަލަނީ މީގެން ބޯ ދަމައިގަނެވޭތޯ. އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން. މިހާރުވެސް އަލްހާން ގެންދަނީ މީހުންނަށް ގުޅައިގެން މައްސަލަ ނަގައިދިނުމަށް އެދި އެކި ކަހަލަ ބަހަނާ ދައްކަމުން.