ރާއްޖެއަށް ގަވައިދާ ހިލާފަށް ރަން އެތެރެކުރި މައްސަލައެއްގައި ޖަލަށްލާފައިވާ މީހަކު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، އޭނާގެ މައްޗަށް ކުށް ސާބިތުކޮށްފައިވަނީ ގޯސްކޮށް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
ހަށިގަނޑުގައި ފޮރުވައިގެން ދެ ކިލޯގެ ރަން އެތެރެކުރި މައްސަލަގައި ކުށް ސާބިތުވީ ސްރީ ލަންކާގެ މީހެއް ކަމަށްވާ މުހައްމަދު ސުލައިމްހާންގެ މައްޗަށެވެ. އޭނާގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
އެހެންވެ، އިއްޔެއަކީ އޭނާ ހުކުމް ތަންފީޒުކޮށް ނިމޭ ދުވަހެވެ. ހައި ކޯޓުގައި މައްސަލައިގެ އިސްތިއުނާފު އޮއްވައި އޭނާ ރާއްޖޭން ޑީޕޯޓްކޮށްލަން ވެސް އިމިގްރޭޝަނުން މަސައްކަތްކުރިކަން އެނގިފައިވެ އެވެ.
ސުލައިމްހާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރި މި މައްސަލައިގައި އިއްޔެ އިއްވި ހުކުމްގައި ބުނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބަޔާންކުރާ އަމަލަކީ ކަސްޓަމްސްގެ ގާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއްކަން ޔަގީންވާ ގޮތަށް އެ މުދަލަކީ ހުއްދަ ހޯދަން ޖެހޭ މުދަލެއްކަން ނުވަތަ ޑިއުޓީ ދައްކަންޖެހޭ މުދަލެއްކަމާއި ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ނިޔަތުގައި ގެނައިކަމުގެ ރުކުން ދައުވާގައި ބަޔާންކޮށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.
އެހެންކަމުން، ސުލައިމްހާން ކުށްވެރިކޮށްފައިވަނީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތަށް ނޫން ކަމަށް ހައި ކޯޓުން ކަނޑައެޅި އެވެ.
އޭނާގެ މައްޗަށް އޮތް ހުކުމް ހައި ކޯޓުން ބާތިލްކުރިއިރު، ކްރެކްޝަނަލް ސާވިސްއިން އިއްޔެ ހައި ކޯޓަށް އޭނާ ގެންދިޔައީ ބަންދުން ދޫކޮށްލުމުގެ ހުރިހާ އިޖުރާއަތެއް ފުރިހަމަ ކުރުމަށްފަހު އެވެ.
އެނގިފައިވާ ގޮތުގައި ހައި ކޯޓުގެ ހުކުމަށް ފަހު، ކޯޓު ތެރޭގައި އޭނާ ވަނީ ވަރަށް ހިތާމަކޮށް ރޮއެފަ އެވެ. އެއަށް ފަހު ކޯޓުން މިނިވަނެއްގެ ގޮތުގައި ނުކުމެގެން ދިޔައީ އެވެ.