ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ)ތަކެއް ފޮނުވައިގެން ބޭރު ކުންފުނިތަކަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ މުދާ ހޯދި ހުސައިން ޝިފާއުގެ މައްޗަށް 109 އަހަރުގެ ޖަލު ހުކުމް އިއްވާފައިވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް އޭނާގެ ވަކީލް ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ސައްހަ ނޫން ޓީޓީތަކެއް އެކި ފަރާތްތަކަށް ފޮނުވައިގެން 1.9 މިލިއަން ރުފިޔާގެ މުދާ ހޯދި މައްސަލާގައި ޝިފާއު 2023 ވަނަ އަހަރު ހައްޔަރުކޮށް، އޭނާގެ މައްޗަށް 23 ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއަކާއި މަނީ ލޯންޑްރިންގެ ހަތް ދައުވާއެކެވެ.
އެ ހުރިހާ ދައުވާއެއް ސާބިތުވެ އޭގެ އަދަބުތަކުގެ ޖުމްލަ އެއްކޮށްލުމުން 109 އަހަރުގެ ޖަލު ހުކުމަކާއި ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއަކަށް އަރަ އެވެ.
މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާތަނަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ. އެއީ މަނީ ލޯންޑްރިންގެ ދައުވާތަކުގައި 70 އަހަރުގެ ޖަލު ހުކުމަކާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާތަކުގައި 30 އަހަރުގެ ޖަލު ހުކުމަކާއި ސައްހަ ނޫން ލިޔުން ދިނުމުގެ ދައުވާތަކުގައި ނުވަ އަހަރުގެ ޖަލު ހުކުމެކެވެ.
އެ މައްސަލަ ޝިފާއުގެ ފަރާތުން އިސްތިއުނާފުކުރުމުން މިއަދު ހައި ކޯޓުގައި ވަނީ ޝަރީއަތް ފަށައިފަ އެވެ. ހައި ކޯޓަށް ޝިފާއުގެ އިސް ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.
ޝިފާއުގެ ދިފާއުގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ އެކެއްގެ މައްޗަށް ކަނޑައަޅާ ޖުމްލަ އަދަދު އެހާ ދިގު މުއްދަތަކަށް، ބުއްދި ގަބޫލުނުކުރާ އަދަދަކަށް މި މައްސަލައިގައި ގޮސްފައިވަނީ ގާނޫނުލްއުގޫބާތުގެ 1006 ވަނަ މާއްދާ ތަތުބީރުކުރަން ޖެހޭ ގޮތަށް ކޮށްފައި ނެތުމުން ކަމަށެވެ.
އެ މާއްދާގައި ބުނަނީ ކުށްވެރިޔާގެ މައްޗަށް ސާބިތުވާ ކޮންމެ ކުށަކަށްމެ އަދަބު ކަނޑައަޅާނީ އެ ކުށަކަށް ވަކިން، އެ ކުށެއްގެ ދަރަޖަ އާއި އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމަށްފަހު، އެއީ އޭނާގެ މައްޗަށް ސާބިތުވި ހަމައެކަނި ކުށް ކަމަށް ބަލައިގެން ކަމަށެވެ.
ޝިފާއުގެ މައްޗަށް އަދަބުގެ މުއްދަތު އެތައް ގުނައެއް އިތުރުވެގެން ގޮސްފައި ވަނީ ގާނޫނުލްއުގޫބާތު ތަސައްވުރުކުރާ ގޮތަށް ނޫން ކަމަށް ސުއޫދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަރުގެ މައްސަލަތައް ފަދަ ބޮޑެތި ކުށްތަކަށް ވެސް ގާނޫނުގައި އެންމެ ބޮޑު އަދަބެއްގެ ގޮތުގައި އޮތީ 25 އަހަރެވެ.
"އަމަލީ ގޮތުން ތަންފީޒު ނުކުރެވޭނެ އަދަބެއް ކަނޑައެޅުމުގެ ބޭނުމެއް ނެތް. އެއެއް ނޫން ގާނޫނުލްއުގޫބާތު ޑިޒައިން ކުރެވިފައި އޮތް ގޮތަކީ. އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ މަރުގެ މައްސަލަތަކަށް ވެސް އޮންނަނީ 25 އަހަރު،" ސުއޫދު ވިދާޅުވި އެވެ.
"އެޔަކުންވާ ފައިދާއެއް އަޅުގަނޑެއް ނުދެކެން. އަދަބު ކަނޑައަޅާއިރު ތަންފީޒު ކުރެވޭނެ އަދަބެއް ކަނޑައެެޅުމަކީ ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ."
ސުއޫދު ވިދާޅުވީ ހައި ކޯޓުގެ ދައުރަކީ ގާނޫނު މާނަކުރުން ނޫން ކަމަށާއި ނަމަވެސް އިންސާފު ގާއިމުކުރުމަކީ އޮތް ކަމެއް ކަމަށްވާ ނަމަ، މާނަކުރުމުގެ ހަމަތަކުގެ ތެރެއިން ހައްލެއް ދެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ނަމަވެސް، ދައުލަތުން ބުނި ގޮތުގައި މި އަދަބު ކަނޑައަޅާފައިވަނީ ގާނޫނާ އެއްގޮތަށެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ 23 ދައުވާކޮށްފައިވަނީ ތަފާތު އެކި މުއާމަލާތަތްތަކާ ގުޅޭ ގޮތުން ކަމަށާއި މި މައްސަލަ އެއް މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހެޅީ ޝަރީއަތްތައް އަވަސްކުރަން ކަމަށެވެ. އެ ދައުވާތައް ވަކިވަކިން ވެސް ހުށަހަޅަން ވެސް ފުރުސަތު އޮތް ކަމަށާއި އޭރަށް ވެސް ނުކުންނާނީ އެއް ނަތީޖާއެއް ކަމަށެވެ.
އެހެންވެ، ދައުލަތުން އެދިފައިވަނީ 109 އަހަރުގެ ހުކުމް ކަނޑައަޅާފައިވަނީ ގާނޫނުގެ މަގުސަދާ އެއްގޮތަށް ކަމަށް ހައި ކޯޓުން ކަނޑައަޅައިދިނުމަށެވެ. ޝިފާއުގެ ފަރާތުން އެދެނީ އެ ހުކުމްތައް ބާތިލްކޮށްދޭށް، އަލުން އަދަބު ކަނޑައަޅަން ދަށު ކޯޓަށް މައްސަލަ ފޮނުވައިދިނުމަށެވެ.
އެ މައްސަލާގައި ޝިފާއުގެ މައްޗަށް 109 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިއިރު، އޭނާއަށް ލުއި އަދަބެއް ދޭން ދައުލަތުން އޭނާއާއެކު އިއުތިރާފްގެ އެއްބަސްވުމެއް ކުރިން ހެދި އެވެ. ނަމަވެސް އެ އެއްބަސްވުމަކީ އެ މައްސަލާގެ ކަން ހިނގާފައިވާ ގޮތަށް ރިއާޔަތްކޮށްގެން ހަދާފައިވާ އެއްބަސްވުމަކަށް ނުވާތީ އެ އެއްބަސްވުން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ކުރިން ނިންމި އެވެ.
އޭގެކުރިން މި ސަރުކާރުގެ ސިޔާސީ މަގާމަކަށް ވެސް ޝިފާއު އައްޔަންކުރި އެވެ. ނަމަވެސް އެ މައްސަލަ މީޑިއާގައި ފެންމަތިވުމުން އޭނާ މަގާމުން ވަކިކުރި އެވެ.
އެ މައްސަލަތަކުގައި ޝިފާއު 2023 ވަނަ އަހަރު ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން އޭނާ ދޫކޮށްލުމުން އޭނާ ރާއްޖެއިން ބޭރަށް ދިޔަ އެވެ. އެހެންވެ، އޭނާ ހައްޔަރުކުރަން އިންޓަޕޯލް ރެޑްނޯޓިސް ނެރެފައި ވަނިކޮށް އޭނާ އެނބުރި ރާއްޖެ އައުމުން އޭނާ އަލުން ހައްޔަރުކުރި އެވެ.