ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކެއް ފޮނުވައިގެން ބޭރު ކުންފުނިތަކަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ މުދާ ހޯދި މައްސަލާގައި 109 އަހަރަށް ޖަލަށް ލާފައި ހުރި ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

ސައްހަ ނޫން ޓީޓީތަކެއް އެކި ފަރާތްތަކަށް ފޮނުވައިގެން 1.9 މިލިއަން ރުފިޔާގެ މުދާ ހޯދި މައްސަލާގައި ޝިފާއު 2023 ވަނަ އަހަރު ހައްޔަރުކޮށް، އޭނާގެ މައްޗަށް 23 ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއަކާއި މަނީ ލޯންޑްރިންގެ ހަތް ދައުވާއެކެވެ. 

އެ ދައުވާތައް ސާބިތުވެ 109 އަހަރަށް ޖަލަށް ލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިިދޔަ އަހަރު ޑިސެމްބަރު މަހު އެވެ. 

ޝިފާއު ގެއަށް ދޫކޮށްލީތޯ އާއި ސަބަބަކީ ކޮބައިތޯ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާނާ ނޫސްވެރިއަކު ސުވާލުކުރުމުން ވިދާޅުވީ ޖަލުތަކާ ބެހޭ ގާނޫނުގައި ވަގުތީ ގޮތުން މީހަކު ގެއަށް ބަދަލު ކުރެވިދާނެ ހާލަތްތަކެއް އޮންނާނެ ކަމަށެވެ.

އޭގެ ތެރޭގައި ޖަލުގައި އޮވެގެން ބޭސްފަރުވާ ނުކުރެވޭނެ ފަދަ ހާލަތްތަކާއި ޑޮކްޓަރެއް ވަކި ތަނަކަށް ގެންގޮސްގެން ފަރުވާ ދިނުމަށް ލަފާދޭ ނަމަ އެކަން އެގޮތަކަށް ކުރުން ވެސް އޮންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ތި ދެންނެވި ފަރާތް [ޝިފާއު] މެޑިކަލް އިޝޫއެއްގައި ފުރަތަމަ އެއް މަސްދުވަހަށް ދެން އެއަށްފަހު މެޑިކަލް  ކޮންޑިޝަން ރިކަވާ ނުކުރެވޭ ކަމަށްވާ ނަމަ އިތުރު ދެ މަސްދުވަސް ދޭ ގޮތަށް އެއް މަސް ދުވަހަށް މިހާރު ގެއަށް ބަދަުކޮށްފައި ވަނީ،" އިހުސާން ވިދާޅުވި އެވެ.

އޭނާ ގޭބަންދަށް ބަދަލުކުރުމަށް ކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް އުޅޭތޯ ބަލާނެ ކަމަށައި އެ ކަންކަމާ ހިލާފުވެއްޖެ ނަމަ ވަގުތުން ޖަލަށް ބަދަލުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޝިފާއުއަށް އިއްވި ޖަލު ހުކުމަކީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާތަނަށް އިއްވި ދެ ވަނައަށް އެންމެ ދިގު ޖަލު ހުކުމެވެ. އެއީ މަނީ ލޯންޑްރިންގެ ދައުވާތަކުގައި 70 އަހަރުގެ ޖަލު ހުކުމަކާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާތަކުގައި 30 އަހަރުގެ ޖަލު ހުކުމަކާއި ސައްހަ ނޫން ލިޔުން ދިނުމުގެ ދައުވާތަކުގައި ނުވަ އަހަރުގެ ޖަލު ހުކުމެކެވެ.

އެ މައްސަލާގައި ޝިފާއުގެ މައްޗަށް 109 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، އޭނާއަށް ލުއި އަދަބެއް ދޭން ދައުލަތުން އޭނާއާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ކުރިން ހެދި އެވެ. ނަމަވެސް އެ އެއްބަސްވުމަކީ އެ މައްސަލާގެ ކަން ހިނގާފައިވާ ގޮތަށް ރިއާޔަތްކޮށްގެން ހަދާފައިވާ އެއްބަސްވުމަކަށް ނުވާތީ އެ އެއްބަސްވުން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި އެވެ.

އޭގެކުރިން މި ސަރުކާރުގެ ސިޔާސީ މަގާމަކަށް ވެސް ޝިފާއު އައްޔަންކުރި އެވެ. ނަމަވެސް އެ މައްސަލަ މީޑިއާގައި ފެންމަތިވުމުން އޭނާ މަގާމުން ވަކިކުރި އެވެ.

ޝިފާއުއަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން 2023 ވަނަ އަހަރު ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން އޭނާ ދޫކޮށްލުމުން އޭނާ ރާއްޖެއިން ބޭރަށް ދިޔަ އެވެ. އެހެންވެ، އޭނާ ހައްޔަރުކުރަން އިންޓަޕޮލް ރެޑްނޯޓިސް ނެރެފައި ވަނިކޮށް އޭނާ އެނބުރި ރާއްޖެ އައުމުން އަލުން ހައްޔަރުކުރީ އެވެ.