ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ބަދަލުކޮށް، ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ތިން ދިވެއްސަކު މާލެއިން އިއްޔެ ހައްޔަރުކޮށްފި އެވެ. 

ފުލުހުން ބުނީ ކާނޭޝަން މަގުގެ ގޯޅިގަނޑެއްގައި ހުރި ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ނައްޓައި، އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ސައިކަލު ވަގަށް ގެންދަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް، އެމީހުންގެ ވަނަވަރު ފުލުހުން އަދި އާންމެއް ނުކުރެ އެވެ. 

ފުލުހުން ބުނީ އިއްޔެ ރޭ ފަތިހު 4:00 ޖަހަން ކައިރިވެފައި ހުއްޓާ މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ބީޓަކަށް ކާނޭޝަން މަގުގެ ގޯޅިގަނޑެއްގެ ތެރޭގައި ސައިކަލެއް ކައިރީ ތިން މީހަކު އުޅޭތަން ފެނިގެން އެ ސަރަހައްދަށް ގޮސް ބަލައިފާސްކުރި ކަމަށެވެ.

އެ ވަގުތު، އެތަނުން އެކަކު އެ ސައިކަލަށް އަރައިގެން ކާނޭޝަން މަގަށް ނެރެން އުޅެނިކޮށް ފުލުހުން އޭނާ ހުއްޓުވައި ސުވާލުކުރުމުން، އެ ސައިކަލަކީ އޭނާގެ ދައްތަގެ ފިރިމީހާގެ ސައިކަލެއް ކަމަށް ބުނި ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ އެ ވަގުތު ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑުގެ މައުލޫމާތު އޭނާ ދެއްކި ވާހަކައާ ދިމާވި ނަމަވެސް، އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ތުހުމަތުކުރެވިގެން ސައިކަލުގެ އިންޖީނު ނަންބަރު ޗެކްކުރި ކަމަށެވެ.

އިންޖީނު ނަންބަރު ދިމާނުވުމުން ފުލުހުންގެ ކޮމާންޑް ސެންޓަރު މެދުވެރިކޮށް ބެލިބެލުމުން އެ ސައިކަލުގެ އަސްލު ރަޖިސްޓްރީ ނަންބަރަކީ އެހެން ނަންބަރެއްކަން ކަށަވަރުވި ކަމަށް ފުލުހުން ބުންޏެވެ. 

އެ ގޯޅިގަނޑު ތެރޭގައި ސައިކަލު ޕާކުކޮށްފައި ހުރި ސަރަހައްދު ފުލުހުން އިތުރަށް ބެލުމުން އެ ސަރަހައްދުގެ ކާނުގަނޑެއްގެ ތެރެއަށް ސައިކަލުގެ އަސްލު ނަންބަރު ބޯޑު އެއްލާލާފައި އޮއްވާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އަދި ސައިކަލު ޓޯކޮށް، ސައިކަލު ވަގަށް ނެގުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތަޅުދަނޑި އާއި ފެނުނު އަސްލު ނަންބަރު ބޯޑު ވެސް ތަހުގީގުގެ ބޭނުމަށް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.