ހީނަރުކަމަކަށް ފަހު ޓޫރިޒަމް މަޑުމަޑުން ރަނގަޅުވާން ފަށައިފި

ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ސީޒަންގައި ގޮސްފައި ވިޔަސް، މިހާރު ޓޫރިޒަމް ރަނގަޅުވާން ފަށާފައިވާ ކަމަށް އެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފި އެވެ.


ރާއްޖޭގެ ޓޫރިޒަމް ސީޒަނަކީ ޔޫރަޕަށް ފިނި މޫސުން ކަމަށްވާ ނޮވެމްބަރުން އޭޕްރީލް މަހާ ދެމެދު އެވެ. ހާއްސަކޮށް، މި ދުވަސްވަރު އަންނަ ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އައިސް، ހުރިހާ ރިސޯޓުތަކެއްހެން ފުރައިލަ އެވެ. އެކަމަކު، މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުގެ ސީޒަނާ ދިމާކޮށް ވެސް ރިސޯޓުތައް ފުރިފައެއް ނުވެ އެވެ.

ގިނަ އަދަދެއްގެ ރިސޯޓުތަކެއް ހިންގާ ދިވެހި ކުންފުންޏެއްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ސީޒަނާ އަޅާބަލާއިރު މި އަހަރު އަދި ތަންކޮޅެއް ދަށެވެ. އެ ގޮތުން، އެ ކުންފުނިން ހިންގާ ބައެއް ރިސޯޓުތަކުގެ އޮކިއުޕެންސީ 78 ޕަސެންޓަށް މި ދުވަސްވަރު އަރާފައި ވިޔަސް، ހުރިހާ ތަނަކަށް ބަލާއިރު އޮކިއުޕެންސީ އުޅެނީ އެވްރެޖުކޮށް 70 ޕަސެންޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރަށް ވުރެ ހައެއްކަ ޕަސެންޓް ދަށް އަދަދެއް އެއީ. އޭގައި އެބަ އުޅޭ ވަރަށް ގިނަ ކަންކަން. މިސާލަކަށް ބޭރުގެ އިކޮނޮމިކް ކަންކަމާއި ހަނގުރާމަތައް. ސަޕްލައި އިތުރުވެ، ގިނަ ރިސޯޓުތަކެއް ހުޅުވުމަކީ ވެސް އޭގެ ސަބަބެއް،" އެ އޮފިޝަލް ވިދާޅުވި އެވެ.

ސޮނޭވާ އިން ރާއްޖޭގައި އަލަށް ހުޅުވި ޖާނީ ރިސޯޓުގެ މޫދު ކޮޓަރިއެއް: ގިނަ އާ ރިސޯޓުތަކެއް ހުޅުވުމަކީ ވެސް އޮކިއުޕެންސީ ދަށަށް ގޮސްފައިވާ ސަބަބެއް.-- ފޮޓޯ: ސޮނޭވާ

ރާއްޖޭގައި ހިންގާ ބޭރުގެ މަތީ ފަންތީގެ ރިސޯޓެއްގެ މެނޭޖަރަކު ވިދާޅުވީ އެ ރިސޯޓުގެ އޮކިއުޕެންސީ މި މަހު އުޅެނީ އެވްރެޖުކޮށް 73 ޕަސެންޓުގައި ކަމަށެވެ. މިހާރު ބުކިންސް ލިބެމުން އަންނަ ވަރަށް ބަލާ އިރު، އަންނަ މަހު އޮކިއުޕެންސީ އުޅޭނީ، އޭނާ ވިދާޅުވި ގޮތުގައި 70 ޕަސެންޓުގަ އެވެ.

އެކަމަކު އަލަށް ހުޅުވި ބައެއް ރިސޯޓުތައް މިހާރު ވަނީ ފުރެން ކައިރިވެފަ އެވެ. ބޭރުގެ ހޮޓާ ޗެއިނަކުން މި އަހަރުގެ ތެރޭގައި ހުޅުވި ރިސޯޓެއްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި މަހާއި އަންނަ މަހުގެ މެދަކާ ޖެހެންދެން އެ ރިސޯޓުގެ ހުރިހާ ކޮޓަރިތަކެއް ވަނީ ނަގައިފަ އެވެ.

"އަޅުގަނޑުމެން ބަލާ ގޮތުން މިހާރު ޓޫރިޒަމް ރަނގަޅުވަމުން އަންނަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެ އަށް ޓޫރިސްޓުން ގެންނަ ޓްރެވަލް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ލަތީފު ވިދާޅުވީ ޓޫރިސްޓުން އަންނަ އަދަދު އިތުރުވާ މިންވަރު މި އަހަރު މަޑުޖެހިފައިވާތީ، ރިސޯޓުތަކުގެ އޮކިއުޕެންސީ ވަނީ މިދިޔަ އަހަރަށް ވުރެ ތަންކޮޅެއް ދަށަށް ގޮސްފައި ކަމަށެވެ. އެ ގޮތުން، އެ އެޖެންސީއާ ގުޅުން އޮންނަ ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ މި މަހާއި އަންނަ މަހު އުޅެނީ، އޭނާ ވިދާޅުވި ގޮތުގައި، އެވްރެޖުކޮށް 70 ޕަސެންޓުގަ އެވެ.

ރިސޯޓުތަކުގެ އޮކިއުޕެންސީ ދަށްވެފައި ވަނީ، ގިނަ ރިސޯޓުތަކާއި ޓްރެވަލް އެޖެންސީތަކުން ބުނާ ގޮތުގައި، މި އަހަރު ގިނަ އާ ރިސޯޓުތަކެއް ހުޅުވުމާއި، އައި ޓޫރިސްޓުންގެ އަދަދު އިތުރުވީ މިންވަރު ދަށްވުމެވެ. އެހެންވެ، ޑިމާންޑަށް ވުރެ ސަޕްލައި އިތުރުވެފައިވާތީ، ވަކިވަކި ރިސޯޓުތަކުގެ އޮކިއުޕެންސީ ދަށަށް ދިޔައީ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އަދި އޭގެ ސަބަބުން، ބޮޑެތި ޑިސްކައުންޓްތަކެއް ދޭން ޖެހުމާ ގުޅިގެން މި އަހަރު ލިބުނު ފައިދާ ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައިވާ ކަމަށް ވެސް ބައެއް ރިސޯޓުތަކުން ބުންޏެވެ.

އެކަމަކު، މިހާރު ފެންނަ ކަންކަމަށް ބަލާ އިރު، ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވި ހީނަރުކަން ފިލާ ގޮސް، ޓޫރިޒަމް ކުރިއަރާ މިންވަރު ހަލުވި ވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ހާއްސަކޮށް، ކުރިން ދަށަށް ދިޔަ ޔޫރަޕްގެ މާކެޓުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، އެ ފަރާތްތަކުން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދާ އަދި ހަރަދު ކުރާ މިންވަރު ވެސް އިތުރުވާން ފަށާފައިވާކަން ފާހަގަކުރެ އެވެ.

"ބައެއް އާ މާކެޓުތައް، މިސާލަކަށް އިންޑިއާ އަދި މިޑްލް އީސްޓް، ވެސް އެބަ ރަނގަޅުވޭ. އެއީ ރަނގަޅު ކަމެއް. ސަޕްލައި އިތުރުވާ ވަރަކަށް ޑިމާންޑް މަތިކުރަން ވެސް މަސައްކަތް ކުރަން އެބަ ޖެހޭ،" ކުރިން ވާހަކަ ދެއްކި ރިސޯޓުގެ މެނޭޖަރު ވިދާޅުވި އެވެ.

ރާއްޖެއައި ޓޫރިސްޓުންތަކެއް މަގުމަތީގައި ހިނގާފައި ދަނީ: ބައެއް މުހިއްމު މާކެޓުތައް ވަނީ ރަނގަޅުވާން ފަށާފައި.-- ފައިލް ފޮޓޯ: މިހާރު

މިދިޔަ ފަސްވަރަކަށް އަަހަރު އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އައި އަދި ކުރިއަރާ މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައި އޮތް ޗައިނާ މާކެޓް މި އަހަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޗައިނާ އިން 30،714 މީހުން ރާއްޖެ އަޔަސް، މިދިޔަ އޮކްޓޯބަރު މަހު އެ އަދަދު ވަނީ 4.1 ޕަސެންޓް ދަށްވެ، 29،444 މީހުންނަށް ތިރިވެފަ އެވެ. އަދި ޗައިނާ އިން ރާއްޖޭގެ ޓޫރިޒަމް މާކެޓުގައި ހިއްސާ ކުރާ މިންވަރު ވެސް ވަނީ 25.1 ޕަސެންޓަށް ދަށް ވެފަ އެވެ.

އެކަމަކު ދެކުނު އޭޝިއާ ސަރަހައްދުން ހޯދަމުން އަންނަ ކުރިއެރުން ވަނީ ދަމަހައްޓައިފަ އެވެ. އެ ގޮތުން، އިންޑިއާ އިން އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅައި ބަލާއިރު މިދިޔަ އޮކްޓޯބަރު 45.1 ޕަސެންޓް އިތުރުވެ، 6،301 އަށް އަރާފައިވާ އިރު، މި އަހަރުގެ މިހާތަނަށް ބައި ލައްކަ އަށް ވުރެ ގިނަ އިންޑިއާ މީހުން ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 26.4 ޕަސެންޓް އިތުރު އަދަދެކެވެ.

މީގެ އިތުރުން، އަހަރުތަކަކަށް ފަހު ރަނގަޅުވާން ފަށާފައިވާ ޔޫރަޕް މާކެޓުން ވަނީ އޮކްޓޯބަރު މަހު ވެސް ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެ ގޮތުން، ޔޫރަޕް މާކެޓުގެ އެންމެ މުހިއްމު އެއް ގައުމު ކަމަށްވާ އިނގިރޭސިވިލާތުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅައި ބަލާއިރު މިދިޔަ އޮކްޓޯބަރު މަހު ވަނީ 18 ޕަސެންޓް އިތުރުވެ، 9،111 އަށް އަރައިފަ އެވެ. އަދި އިޓަލީ އާއި ފްރާންސް ފަދަ ރާއްޖޭގެ އެންމެ ޒަމާންވީ މާކެޓްތަކުން ވެސް ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ.

މި އަހަރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކުރިން ލަފާކުރިޔަސް، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ މާކެޓް ވަރަށް ބޮޑަށް ދަށްވުމުން މިދިޔަ އަހަރެކޭ އެއްވަރަށް 1.4 މިލިއަން ޓޫރިސްޓުން ގެންނަން މިހާރު ވަނީ އަމާޒު ހިފައިފަ އެވެ.

އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމް ރަނގަޅުކޮށް، ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި، ގިނަ ފެއާތަކެއްގައި ބައިވެރިވުމާއި ރާއްޖޭގައި ބައިނަލްއަގުވާމީ ޓޫރިޒަމް ފެއާއެއް ބޭއްވުމުގެ އިތުރުން ޓޫރިޒަމް އިޝްތިހާރު ކުރުމަށް ގެންގުޅޭ އުސޫލް ބަދަލުކުރުން ހިމެނެ އެވެ.

އެކަމަކު، ރާއްޖޭގެ ޓޫރިޒަމް ބޭރު ދުނިޔޭގައި އިޝްތިހާރު ކުރަން އަންނަ އަހަރަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެފައި ނުވާ ކަމަށް ބުނެ، ރާއްޖެ އަށް ޓޫރިސްޓުން ގެންނަ އެޖެންސީތަކުގެ ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ސަފާރީ ގެންގުޅޭ ފަރާތްތަކުގެ ޖަމިއްޔާ ކަމަށްވާ ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ވަނީ މި ހަފުތާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރާއްޖޭގެ ޓޫރިޒަމާ ގުޅޭ ގޮތުން އެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އިތުރު އަދި ވަރުގަދަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.