ސަރުކާރުން ޑައިވް ސެންޓަރުތަކާ ކޯސްތައް ހިންގުމަށް ހަވާލުކުރި ހަފްލާގައި ކުންފުންޏެއްގެ އޮފިޝަލަކާ އެކު އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދު. --ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
19 މެއި 2022 - 22:09
ސަރުކާރުން ތައާރަފްކުރި ކޮވިޑް-19 އެމަޖެންސީ އިންކަމް ސަޕޯޓު ޕްރޮޖެކްޓްގެ ދަށުން ހިންގާ އަޕްސްކިލިން އަދި ޓްރެއިނިން ޕްރޮގްރާމްގެ ޑައިވިން ދާއިރާގެ ކޯސްތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރީން ވަނީ މި ކޯސްތައް ހިންގާ 10 ސެންޓަރަކާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަ ނީޒާ އިމާދެވެ.
ޑައިވް ކޯސްތައް ހިންގުމަށް އެއްބަސްވި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ މޫދު ބުޅާ ޑައިވް ސެންޓަރު، ވޯޓާ ޕްރޫފް ލޮޖް މޯލްޑިވްސް، ޑައިވް ޑެސްކް ޕްރައިވެޓް ލިމިޓެޑް، އޯޝަން ޖަންކީސް، ޑައިވް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިިމިޓެޑް، ޑައިވާސް ލޮޖް މޯލްޑިވްސް، ނައިފަރު ސްކޫބާ ސެންޓަރު، ޕެޝަންސް ޕެރަޑައިވްސް ޕްރައިވެޓް ލިމިޓެޑް، އޯޝަން ވޯރިއާސް، ޑައިވް އިންސްޓިޓިއުޓް އަދި ވިލާ ކޮލެޖެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، މި ކުންފުނިތަކާ ގުޅިގެން ހަތް ކޯހެއް ހިންގާނެ އެވެ. އެއީ އޯޕަންވޯޓާ ޑައިވް ކޯސް، އެޑްވާންސް އޯޕަން ވޯޓާ ޑައިވް ކޯސް، އެމަޖަންސީ ފަސްޓް ރެސްޕޮންޑާ ކޯސް، ރެސްކިއު ޑައިވާ ކޯސް، ޑައިވް މާސްޓާ ކޯސް، އެސިސްޓަންޓް އިންސްޓްރަކްޓަާ ކޯސް އަދި އޯޕަން ވޯޓާ އިންސްޓްރަކްޓާ ކޯހެވެ.
އަޕްސްކިލިން އެންޑް ޓްރެއިނިން ޕްރޮގްރާމުގެ މަގްސަދަކީ ކޮވިޑްގައި އާމްދަނީއަށް ނޭދެވޭ އަސަރުކުރި މީހުން ވަޒީފާއަށް ނިކުތުމަށް ބޭނުންވާ ހުނަރާއި ތައުލީމު ދިނުމާ އެކު ވަޒީފާގެ ފުރުސަތު ހޯދަދިނުމެވެ.
މި ޕްރޮގްރާމްގެ ދަށުން އެކައުންޓިން ދާއިރާގެ ފުރުސަތުތަކެއް ވެސް ވަނީ ހުޅުވާލައިފަ އެވެ. އަދި އަންނަ ހަފްތާތެރޭ އައިޓީ އަދި ޑައިވިން ދާއިރާގެ ކޯސްތަކަށް ޖޮބްސެންޓަރު މެދުވެރިކޮށް ކުރިމަތިލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އިންކަމް ސަޕޯޓުގެ ދަށުން ހިންގާ އެޕްރެންޓިސް ޕްރޮގްރާމުގައި ބޭނުންވާ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުންވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އެމްއޭސީއެލް، އެސްޓީއޯ، ވެމްކޯ، އެމްޓީސީސީ އަދި އެޗްޑީސީ އާއި ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy