ރާއްޖޭގެ ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ދުރުރާސްތާ ނުވަތަ ނެޝަނަލް ސްޓްރެޓަޖީ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ސްޓެޓިސްޓިކްސް (އެންއެސްޑީސީ) މިއަދު އިފްތިތާހުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާރު އިސްމާއީލް އިފްތިތާހުކޮށްދެއްވި މި މަގުޗާޓުގައި ވަނީ މިހާރުން ފެށިގެން 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ކަންކަމެވެ.
މިއަދުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)ގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވިދާޅުވީ ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ދަށުން ގައުމީ އުފެެއްދުންތެރިކަމުގެ މިންގަނޑު، ނުވަތަ ޖީޑީޕީ ރީބޭސް ކުރުމާއި ކޮންސިއުމާ ޕްރައިޒް އިންޑެކްސްގެ ބުރަދަން ބަދަލުކޮށް ޕްރޮޑިއުސާ ޕްރައިޒް އިންޑެކްސް އަލުން އެކުލަވާލާނެ ކަމަށެވެ.
އޭގެ ތެރޭގައި، އިމާރާތްކުރުމުގެ ދާއިރާގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަތުމުގެެ ގޮތުން ކޮންސްޓްރަކްޝަން ޕީޕީއައިއެއް އެކުލަވާލުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް އަހަރު މި ޕްލޭންގެ ދަށުން އެމްބީއެސް އިން ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި އިގްތިސާދީ ހަރަކާތްތަކުގެ ބޯހިމެނުމެވެ.
"މި ބޯހިމެނުމުގެ މަގްސަދަކީ ސަރުކާރާއި އަމިއްލަ ފަރާތްތައް ގައުމީ ފެންވަރުގަ އާއި ރަށު ފެންވަރުގައި ނިންމަން ބޭނުންވާ ނިންމުންތައް ތަފާސްހިސާބު ފުޅާ ދާއިރާއެއްގައި ބޭނުންކޮށްގެން ނިންމުމަށް މަގުފަހިކޮށްދިނުން،" އައިޝަތު ވިދާޅުވި އެވެ.
ދައުލަތުގެ އިދާރީ ބޭނުމަށް މައުލޫމާތު އިންޓަގްރޭޓްކޮށް ލޭބާ މާކެޓާއި ވިޔަފާރީގެ ތަފާސްހިސާބު އެކުލަވާލުމުގެ މަސައްކަތާއި ތިމާވެއްޓާ ގުޅުން ހުރި ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ވެސް އެމްބީއެސް އިން ކުރާނެ އެވެ.
ތަފާސްހިސާބާ ބެހޭ ގައުމީ ނިޒާމެއް އެކުލަވާލީ މިދިޔަ ޖުލައި މަހު ތަސްދީގުކުރެއްވި ތަފާސްހިސާބުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައިވާ ގޮތުން ރާއްޖޭގައި ތަފާސްހިސާބާ ބެހޭ ގައުމީ ނިޒާމެއް ގާއިމުކޮށް، އެ ދާއިރާ ތަރައްގީ ކުރުމާއި ގައުމުގެ އިގުތިސާދީ އިޖްތިމާއީ އަދި ތިމާވެށީގެ ހާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ގައުމީ ފެންވަރުގައި އެއްކުރަން ޖެހެ އެވެ. އަދި މި މައުލޫމާތު ރާއްޖޭގެ އެންމެންނަށް އިތުބާރުހުރި ގޮތެއްގައި އެއްހަމައެއްގައި ފޯރުކޮށްދޭންޖެހޭނެ އެވެ.