ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލު ގެނެސްފި އެވެ.

މިފަހަރު އަގު ބޮޑުކުރިއިރު ޕެޓްރޯލް ލިޓަރަކުން ވަނީ 1.95ރ. ބޮޑުވެފަ އެވެ. އަދި ޑީސަލް ލީޓަރަކުން 1.97ރ. ބޮޑުވި އެވެ.

އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ފިއުލް ސަޕްލައި މޯލްޑިވްސްގެ ސްޓޭޝަންތަކުން ޕެޓްރޯލް ލީޓަރެއް ދެން ލިބޭނީ 16.55 ރުފިޔާ އަށް ކަމަށެވެ. އަދި ޑީސަލް ލީޓަރެއް ލިބޭނީ 16.77 ރުފިޔާ އަށް ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައި ވަނީ މި އަހަރުގެ މާޗު މަހު، ރަޝިޔާ ހަނގުރާމައާ ގުޅިގެންނެވެ. އެ ފަހަރު ޕެޓްރޯލު ލީޓަރެއްގެ އަގު ވަނީ 14.60ރ. އަށް ބޮޑު ކޮށް ޑީސަލް ލީޓަރެއްގެ އަގު 14.80ރ. އަށް ބޮޑު ކޮށްފައެވެ.

އެސްޓީއޯ އިން ތެލުގެ އަގު ބޮޑު ކޮށްފައި ވާއިރު، މި ވަގުތު ދުނިޔޭގެ ބާޒާރުގައި ތެެޔޮ ފީފާއެއްގެ އަގު ހުރީ 106.19 ޑޮލަރުގައެވެ.