18 ނޮވެމްބަރ 2022 - 06:08
ޓްރީ ޓޮޕް ހޮސްޕިޓަލުގެ "ހިތާނީ ކޭމްޕު 2022" ގައި ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޓްރީ ޓޮޕުން ބުނި ގޮތުގައި ހިތާނީ ކޭމްޕަށް ނަން ނޯޓު ކުރެވޭނީ އަންނަ މަހުގެ 25ގެ ނިޔަލަށެވެ. އެ ކޭމްޕަކީ އަންނަ މަހުގެ 15 އިން ޖެނުއަރީ 7 އަށް ކުރިއަށް ގެންދަން ރާވާފައިވާ ކޭމްޕެކެވެ.
ކޭމްޕާއި ގުޅޭ ގޮތުން އެ ހޮސްޕިޓަލުން ކޮށްފައިވާ ސޯޝަލް މީޑިއާ ޕޯސްޓު.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ކޭމްޕުގައި، އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން ކަމަށްވާ ޑރ. އަބްދުﷲ އުބައިދު އާއި ޑރ. އިބްރާހިމް މޫމިން އާއި ޑރ. މައުމޫން އާސިމް އާއި ޑރ. ރިޝީ ކާންތް އާރިޔަލް އަދި ޑރ. އުކަތަމް އަބްދުއްލާޔެވް މަސައްކަތް ކުރައްވާނެ އެވެ. އަދި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު ޑރ. މެހްމެތު އޮޑާ ވެސް އެ ކޭމްޕުގައި ހަރަކާތްތެރިވާނެ އެވެ.
އެ ހޮސްޕިޓަލުން ބުނީ އެ ކޭމްޕުގެ އަމާޒަކީ އެންމެ ފުރަތަމަ ކޮންސަލްޓޭޝަން އިން ފެށިގެން ފޮލޯ-އަޕް އާ ހަމައަށް އެންމެ ފުރިހަމަ އަދި ފަސޭހަކަމާ އެކު ހިދުމަތްތައް ހޯދޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުން ކަމަށެވެ.
ޓްރީ ޓޮޕްގެ ހިތާނީ ޕެކޭޖްގެ އަގަކީ 4،000ރ. އެވެ. އެއީ އާސަންދަ އަށް ކެނޑުމަށް ފަހު ދައްކަން ޖެހޭ އަދަދެވެ.
ޓްރީ ޓޮޕްގައި މިއަހަރުގެ ސްކޫލް ބަންދާ ދިމާކޮށް ބޭއްވި ހިތާނީ ކޭމްޕަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy