ޓްރީ ޓޮޕް ހޮސްޕިޓަލުން ގަމު ރީޖަނަލް ހޮސްޕިޓަލާއި ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ބޭއްވި ލ. އަތޮޅުގެ މަލްޓި ސްޕެޝާލިޓީ ކޭމްޕް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
މިދިޔަ ހަފްތާ ބަންދުގައި ބޭއްވި މި ކޭމްޕަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފެންވަރު ރަނގަޅު ސްޕެޝަލިސްޓުންގެ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ބޭއްވި ހަރަކާތެކެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޖުމްލަ 492 މީހުންނަށް ސްޕެޝަލިސްޓު ޑޮކްޓަރުންގެ މަޝްވަރާ އާއި ފަރުވާ ވަނީ ދީފަ އެވެ.
މި ކޭމްޕްގައި ހިތުގެ ބަލިތަކާއި ހަކުރުބައްޔާއި ހޯމޯންގެ ބަލިތަކާއި ކަރުންމަތީގެ ބަލިތައް އަދި އާންމު އޮޕަރޭޝަންގެ އިތުރުން ކަށީގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމަކުން ބަލިމީހުން ބަލައި، ސިއްހީ ސްކްރީނިން އާއި ހޭލުންތެރިކުރުވުމުގެ މައުލޫމާތު ވަނީ ދީފަ އެވެ.
އެ ކޭމްޕުގައި، ބަލި މީހުން ބެލުމުގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށާއި ސިއްހީ ކަންކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ގަމުގެ ދަރިވަރުންނަށް ހާއްސަ ސެޝަނެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އަދި ގަމު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ތަމްރީނު ސެޝަނެއް ވެސް ބޭއްވި އެވެ.
މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ބޭއްވި 18 ވަނަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެވެ. މީގެ ކުރިން އެ ހޮސްޕިޓަލުން ވަނީ ހއ، ށ، މ، ދ، ތ، ލ، ގއ، އަދި ގދ އަތޮޅުގައި ވެސް މިފަދަ ކާމިޔާބު ކޭމްޕްތަކެއް ބާއްވައިފަ އެވެ.