ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފާޓިލިޓީ ސެންޓަރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ސެންޓަރުން ހިލޭ ކޮންސަލްޓޭޝަން ދޭ ފުުރުސަތު ހުޅުވާލައިފި އެވެ.
މި ފުރުސަތުގެ ދަށުން މި މަހުގެ 13 ވަނަ ދުވަހުން 17 ވަނަ ދުވަހުގެ ނިޔަލަށް އެ ހޮސްޕިޓަލްގެ ފާޓިލިޓީ ސެންޓަރުގެ ސްޕެޝަލިސްޓުންނަށް ދެއްކޭނެ އެވެ. ހިލޭ ކޮންސަލްޓޭޝަންގެ ފުރުސަތު ހޯދުމަށް އެ ހޮސްޕިޓަލުން އޮންލައިން ފޯމެއް މެދުވެރިކޮށް ރަޖިސްޓްރީކުރަން މިހާރު ވަނީ ހުޅުވާލައިފަ އެވެ. ޓްރީ ޓޮޕުން ބުނީ 130 ފަރާތަކަށް، ހިލޭ ކޮންސަލްޓްކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޓްރީ ޓޮޕުން ހުޅުވާލި މި ހާއްސަ ފުރުސަތުގެ ދަށުން ފުރަތަމަ ކޮންސަލްޓޭޝަންގެ އިތުރުން ފޮލޯއަޕް އެޕޮއިންޓްމަންޓް ހިލޭ ލިބޭނެ އެވެ. ޑޮކްޓަރަށް ދެއްކުމަށް ފަހު އިތުރު ޓެސްޓުތަކާއި ހިދުމަތްތައް ބޭނުންވާ ނަމަ، އެ ހިދުމަތްތަކަށް އެ ހޮސްޕިޓަލުގެ އާއްމު ރޭޓުތަކުގައި ޗާޖުކުރާނެ އެވެ. މި ޕްރޮމޯޝަނަށް އާސަންދަ ނުވަތަ އިތުރު އިންޝުއަރެންސެއް ބޭނުމެއް ނުކުރެވޭނެ އެވެ.
ޓްރީ ޓޮޕްގެ ފާޓިލިޓީ ސެންޓަރުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ "ފްރީ ފާޓިލިޓީ ކޮންސަލްޓޭޝަން" ނުވަތަ ދަރިމައިވުމާ ގުޅޭގޮތުން ހިލޭ ލަފާދޭ ކެމްޕޭނެއް ވެސް ފަށައިފަ އެވެ. މި ކެމްޕޭނުގެ މަގުސަދަކީ ދަރިމައިނުވުމުގެ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، މައްސަލައެއް އުޅޭ ނަމަ ވީހާވެސް އަވަހަށް ޑޮކްޓަރުގެ ލަފާ ހޯދުމަށް ހިތްވަރު ދިނުމެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރު ހުޅުވީ މެއި 29، 2023 ގަ އެވެ. މިއީ ރާއްޖޭގައި އައިވީއެފްގެ ހިދުމަތް ދޭން ފެށި ފުރަތަމަ ސެންޓަރެވެ. ދަރިމައިވުމުގައި މައްސަލަތައް ތަހައްމަލުކުރާ ފަރާތްތަކަށް ރާއްޖެއިން ބޭރަށް ނުގޮސް، އަމިއްލަ ގައުމުގައި ތިބެގެން ފަރުވާ ހޯދުމުގެ ފުރުސަތު މި ސެންޓަރުގެ ސަބަބުން ފަހިވެ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން އުފުލަންޖެހޭ ތަކުލީފުތަކަށް ބޮޑު ލުޔެއް ވަނީ ލިބިފަ އެވެ.
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މި ސެންޓަރުން ވަނީ ތާރީހީ ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ. އެގޮތުން، ރާއްޖޭގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ދަރިއަކު އުފަންވުމާއި، މިހާތަނަށް މި ސެންޓަރުގެ އެހީގައި 100 ވަނަ ކުއްޖާ އުފަންވުމަކީ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ. ޓްރީ ޓޮޕުން ބުނީ މި ސެންޓަރުގެ ތަޖުރިބާކާރު ޓީމުން ކުރާ މަސައްކަތަށް އާންމުންގެ އިތުބާރު އޮތްކަން ހާމަކޮށްދޭ ކަމަށެވެ.
މި ސެންޓަރުން ދޭ ހިދުމަތްތަކުގެ ތެރޭގައި އައިވީއެފް، އައިޔޫއައި، ދަރިމައިވުމުގެ މައްސަލަތައް ދެނެގަތުމަށް ކުރާ ޓެސްޓުތަކާއި، ފަރުވާގެ ޕްލޭން އެކުލަވައިލުމުގެ އިތުރުން ދަރިމައިވުމުގެ ސިއްހަތާ ގުޅޭ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. މި ސެންޓަރުގައި މަސައްކަތް ކުރާ ދާއިރާގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންގެ ޓީމުގައި ޑރ. އަނީތާ ގޯރު، ޑރ. ޒަކިއްޔާ އަހުމަދު އަދި ޑރ. ވަރްޝާ ރެންގަރާޖް ހިމެނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ ދަރިމައިވުމުގެ ފަރުވާގެ ޚިދުމަތް ރާއްޖޭގައި އިތުރަށް ފުޅާކޮށް، އެންމެ ފަހުގެ ވަސީލަތްތަކާއެކު އާއިލާތަކުގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި ދެމިތިބުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.