އުރީދޫގެ މިދިޔަ އަހަރުގެ އާމްދަނީ 1.9 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

އެ ކުންފުނީގެ އޮޑިޓް ކުރި މާލީ ބަޔާންތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ އާމްދަނީ ވަނީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ މިދިޔަ އަހަރުގެ އާމްދަނީއަކީ 560 މިލިއަން ރުފިޔާ އެވެ.

އުރީދޫން މިދިޔަ ހަފުތާގައި ބޭއްވި ބޯޑު ބައްދަލުވުމުގައި ވަނީ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 3.04ރ. ބަހަން ނިންމައިފަ އެވެ. މި ފަހަރު ހިއްސާއަކަށް ބަހަން ނިންމީ އޭގެ ކުރީ އަހަރުގެ އަދަދަށް ވުރެ 34 ލާރި އިތުރު އަދަދެކެވެ. އުރީދޫން 2021 ވަނަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 2.70ރ. އެވެ.

އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވާނީ އަންނަ މަހު އެވެ.

އުރީދޫން ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އާއްމުންނަށް ހިއްސާ ވިއްކަން ފެށީ 2016 ވަނަ އަހަރު އެވެ. އެ ކުންފުނިން މިހާތަނަށް ހިއްސާއަކަށް އެންމެ ބޮޑު އަދަދެއް ދޫކުރީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ހިއްސާ އަކަށް 3.30ރ. ބެހި އެވެ. އެއީ މިހާތަނަށް އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ވެސް ލިބުނު އަހަރެވެ. އެ އަހަރު އުރީދު އަށް ވަނީ ގާތްގަނޑަކަށް 600 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ.