އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ފަށާފައިވާ "ލިވް އަންލިމިޓެޑް" ކެމްޕެއިންގެ ބޮޑު އިނާމަކަށް ހުށައަޅާފައިވާ ހައްޖު ދަތުރު ހޯދުމަށް، އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް ފަސް ހަފްތާއަށް ވެފައިވާ ކަމަށް އުރީދޫން ބުނެފި އެވެ.
އުރީދޫން މިދިޔަ އަހަރު ފެށި އެ ކެމްޕެއިންގެ ދަށުން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދަނީ ދެމުންނެވެ. އެގޮތުން އެ ޕްރޮމޯޝަނުގެ މުއްދަތު ޖުމްލަ 19 އުމްރާ ދަތުރު ދޭން ހަމަޖެހިފައިވާ ވާއިރު، 16 އުމްރާ ދަތުރުގެ ނަސީބުވެރިން މިހާރު ވަނީ ހޮވައިފަ އެވެ. އަދި އެ ޕްރޮމޯޝަނުގައި ދޭ ހައްޖު ދަތުރަކީ ޕްރޮމޯޝަނުގެ 20 ވަނަ ނަސީބުވެރިޔާއަށް ހުށަހަޅާފައިވާ ބޮޑު އިނާމެވެ.
އުރީދޫން ދޭ ހައްޖާއި އުމްރާ ދަތުރު ޕްރޮމޯޝަނުގައި އުރީދޫ މިހާރު ބޭނުންކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނީ 30 ދުވަހުގެ ތެރޭގައި 250ރ. އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދަށް ވުރެ މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރު ކޮށްގެންނެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 400ރ. އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދުން މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރު ކުރުމުންނެވެ.
އޭގެ އިތުރުން ފާއިތުވި 30 ދުވަހުގެ ތެރެއިން މަދުވެގެން 25 ދުވަހު އުރީދޫގެ ހިދުމަތްތައް ބޭނުން ކޮށްގެން ވެސް އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
އެ ޕްރޮމޯޝަނުގައި ޕްރިޕެއިޑާއި ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ތައާރަފުކުރި "ލިވް އަންލިމިޓަޑް" އަކީ ހަމައެކަނި ޝިއާރެއް ނޫން ކަމަށާއި އެއީ ކަސްޓަމަރުންނަށް ކުރާ ވައުދެއް ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ އުރީދޫ ކަނެކްޓިވިޓީއާއެކު، ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން ފުރިހަމަވުން ކަމަށް އުރީދޫން ބުންޏެވެ.