ސަރުކާރުން ނަގާ ލޯނުތަކަށް އަނބުރާ ދައްކަން ފައިސާ ރައްކާ ކުރަން ކުރީގެ ސަރުކާރުން އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ދެ މަސް ތެރޭ 163 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.
އެ ފަންޑަށް މި އަހަރު ޖުމްލަ 870 މިލިއަން ރުފިޔާ ޖަމާކުރަން ބަޖެޓުގައި ވަނީ ކަނޑައަޅައިފަ އެވެ. މިހާތަނަށް ޖަމާ މި ކުރީ އޭގެ 18 ޕަސެންޓެވެ. މިދިޔަ އަހަރު ނިމުނު އިރު އެ ފަންޑަށް ވަނީ 820 މިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް އެސްޑީއެފް އަށް ވަނީ 6.4 ބިލިއަން ރުފިޔާ ޖަމާވެފަ އެވެ.
ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2017 ގައި ސޮވަރިން ފަންޑު ހެދިއިރު އެ ފަންޑުން އިންވެސްޓް ކުރުމަކީ އޭރުގެ މަގުސަދެއް ނޫނެވެ. އޭރުގެ ބޭނުމަކަށް ވެފައި އޮތީ ބޭރުގެ ލޯނުތައް ދައްކަން ސަރުކާރަށް ދަތިވާ ހާލަތުތަކުގައި ސޮވަރިން ފަންޑުގެ ފައިސާ އިން ލޯނު ދެއްކުމެވެ.
ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގަ އާއި އިގުތިސާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި އުފެއްދި ފަންޑެކެވެ. އެއީ އެމްއެމްއޭގެ ރިޒާވާ މުޅިން ތަފާތު، އެކަމަކު ފައިސާ ރައްކާ ކުރުމަށްޓަކައި އުފައްދާފައިވާ ފަންޑެކެވެ.
އެސްޑީއެފްގައި ހުންނަ ފައިސާގެ ގާތްގަނޑަކަށް 70 ޕަސެންޓު ސަރުކާރުން މިހާރު އިންވެސްޓްކުރަނީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ޓީބިލަށެވެ. ބޭންކްތަކުގައި ފިކްސްޑް ޑިޕޮސިޓްގެ ގޮތުގައި ވެސް ފައިސާ އިންވެސްޓް ކުރެ އެވެ.
އެ ފަންޑު ކުރިން ބަލަހައްޓަމުން އައީ އެމްއެމްއޭއާ އެކު ހަދާފައިވާ ހާއްސަ ކޮމިޓީއަކުންނެވެ. އެހެންނަމަވެސް މިދިޔަ މަހު ވަނީ އެ ފަންޑު ބެލެހެއްޓުމުގެ ހުރިހާ ބާރެއް ފިނޭންސް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.
ސަރުކާރުން ހަދާފައިވާ މި ފިސްކަލް ރިޒާވްގެ 90 ޕަސެންޓް ހުރީ ރުފިޔާ އިންނެވެ. އެ ފަންޑުގައި ޑޮލަރުން ހުރީ 10 ވަރަކަށް ޕަސެންޓެވެ. ކުރިން ޑޮލަރުން ހުރި އެ ފަންޑުގައި ހުރި ޑޮލަރު މާރުކުރީ 2020 ވަނަ އަހަރު ޑޮލަރުގެ ތާށިކަން ބޮޑުވެ، އެމްއެމްއޭގެ އެދުމުގެ މަތިން ކަމަށް ސަރުކާރުން ބުނެ އެވެ.