36 ރަށަކާއި ހަ ފަޅެއް އަދި ދެ ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް އިބޫގެ ސަރުކާރުން ދީފައިވާ ކަމަށް މެމްބަރު މަމްދޫހު ވިދާޅުވި.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. އެމަނިކުފާނާ ގުޅޭ މައްސަލައެއް އޮތްތޯ ބަލަން ޕީޖީގައި އެދެފި -- ފޮޓޯ: މިހާރު
11 ޑިސެމްބަރ 2024 - 15:56
ކުރީގެ ސަރުކާރުން އުފެއްދި ސެޓުލްމެންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޫކުރި ފައިސާގެ އަދަދުތަކާ ގުޅިގެން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ މައްސަލެއް އޮތްތޯ ބަލައި، އެކަން ތަހުގީގުކޮށް އަދި ދައުވާ ކޮށްދިނުމަށް ފްރޮސެކިއުޓާ ޖެނެރަލް އޮފީހަށް އަންގަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.
އެ މައްސަލަ އެ ކޮމިޓީގައި ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މަމްދޫހެވެ. ކެލާ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ޝަރީފު ތާއީދު ކުރެއްވި އެ މައްސަލަ ފާސްވީ ކޮމިޓީގެ ހަ މެންބަރުންގެ ވޯޓާ އެކުގަ އެވެ.
މެމްބަރު މަމްދޫހު ވިދާޅުވީ، ސެޓުލްމެންޓް ކޮމިޓީ މެދުވެރިކޮށް 36 ރަށަކާއި ހަ ފަޅެއް އަދި ދެ ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް އިބޫގެ ސަރުކާރުން ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ބަދަލު ދިނުމަށް އުފެއްދި ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ހައިސިއްޔަތު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި އޭރުގެ ރައީސް އޮފީސް މިނިސްޓަރުކަން ކުރެއްވި އަލީ ޝިޔާމުގެ އިތުރުން އެ ކޮމިޓީގައި ޝާމިލްވާ ހުރިހާ ބޭފުޅުންގެ އިހުމާލެއް އޮތްތޯ ބަލައި، ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަންގަން އެދެން ޖެހޭ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ، އިބޫގެ ސަރުކާރުން ރައީސް އޮފީހުގައި ސެޓުލްމެންޓް ކޮމިޓީއެއް ހަދައިގެން ރައްޔިތުންގެ މުދަލާއި ފައިސާ ބަދަލުގެ ގޮތުގައި ދިނުމަކީ ރާއްޖޭގެ ތާރީހުގައި ކުރިން ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ.
"ކޮމިޓީގައި އިންނަވާ ފައްޔާޒު އިސްމާއިލްގެ އާއިލާގެ ބޭފުޅަކަށް ވެސް އެތައް އަހަރަކަށް ރިސޯޓު ހަދަން ރަށްތައް ދީފައި އެބައޮތް. މީގެ ކުރިން ބަދަލުގެ ގޮތުގައި އެއްޗެއް ދެނީ ކޯޓު މަރުހަލާއެއްގެ ތެރެއިން،" އޭނާ ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، މިިފަދަ މައްސަލައެއް ބަލައި ދޭން އެދި ޕީޖީ އޮފީހަށް ފޮނުވުމަކީ ސިޔާސީ މަގުސަދުތަކެއް ހާސިލު ކުރުމަށް ސަރުކާރުގެ ޕާޓީގެ މެންބަރު ކުރައްވާ ކަމެއް ކަމަށެވެ.
"މިތަނަށް ގެނެސް [މާލިއްޔަތު ކޮމިޓީ] އަށް ގެނެސް ވަކި ބައެއްގެ ނަން ޖަހާފައި މައްސަލައެއް ބަލައިދޭށޭ ބުނީމަ އެ ވަނީ ސިޔާސީ ކަމަކަށް. ސިޔާސީ ބޭނުމެއްގައި ކުރާ ސިޔާސީ ކަމެއްމީ. ސަރުކާރުގެ ތެރެއިން މިކަން ކުރެވޭނެ ނިޒާމެއް އެބައޮތް،" އޭނާ ވިދާޅުވި އެވެ.
ގަޕޯ ވިދާޅުވިގޮތުގައި، ކޮމިޓީތަކަށް ބަޔަކު ހާޒިރުނުކޮށް ވެސް މައްސަލައެއް އޮތްތޯ ސަރުކާރުގެ ތެރެއިން ބެލޭނެ އެވެ.
މި ސަރުކާރުވެރިކަމާ ހަވާލުވުމަށް ފަހު، ކުރީގެ ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ހިލާފުވާ މައްސަލަތަކާ ގުޅިގެން، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައި އޮތް ސެޓްލްމަންޓް ކޮމިޓީ ވަނީ އުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
12 December 2024
ޢިބޫގެ މައްސަލަ ހަމަ އޭސީސީ އިން ތަހުގީގު ކޮށްފަ ޝަރިއަތަށް ފޮނުވަންވީ. ޢޭ އިންސާފަކީ. ޕިއެންސީ ގެ މަޖިލިސް ކޮމިޓީ އަކުން ހުކުމް ނުކުރެވޭނެ.
ގުދުގުދާބެއްޔާ
12 December 2024
މިއީ މޮޔަބައެއް! އިބޫއާއި ދައުވާކުރެވޭނެ އެއްވެސް ގޮތެއް ގާނޫނީ ގޮތުން ނޯންނާނެ! ސަބަބަކީ ފައިސާ ދިނުމައް ކޯޓުން ހުކުމް ކުރީމާ އިބޫ ފައިސާ ދޫކޮއްފަވަނީ! ފުރަތަމަ ޖެހޭނީ ގާޒީން ހައްޔަރުކުރަން!
ޑައިޖިން
12 December 2024
ސެޓްލްމެންޓް ކޮމިޓީން ފައިސާ ދޫކުރީ ކޯޓުން ބަލާފައިހުރި މައްސަލަތައް އެކަންޏެއްނޫން. އަދި ކޯޓުން ހުކުމް ނުކުރާ މައްސަލަތަކަށްވެސް ބޮޑެތި އަދަދުން ފައިސާއާއި ފަޅު ފަޅާއި ރަށްރަށް ދޫކޮށްފައި އެބަހުރި. ބައެއް ތަންތަނުގައި އެއްވެސް މަސައްކަތެއް ނުކޮށް ހުރުމުން ބާތިލްކޮށްފައި ހުރި އެގްރީމެންޓްތަކަށް އަލުން ރަށް އަދި ފައިސާވެސް ދީފައި އެބަހުރި. މައްސަލަ ބެލުން ރަގަޅު. ކުށެއް ނެތިއްޔާ އެނިމުނީނު! ނޫނީ އޮންނަން ޖެހޭނީ ޖަލުގައި!
ދެކޮޅު
12 December 2024
ދައުލަތުގެ އިދާރާތަކުން ކުރަމުން މިދަނީ ރައީސް ވައުދުވިގޮތްތަކާ ދިމާ އިދިކޮޅުކަންކަން. މައުލޫމާތެއް ހާމަ ނުކޮށްގެން އުޅޭކަށް ނުޖެހޭނޭ އާރުޓީއައި ލާކަށްވެސް ނުޖެހޭނެކަމަށް ރަށްޔިތުންނަށް ރައީސް ވައުދުވީ، އެކަމަކު ދައުލަތުގެ އިދާރާތަކުން ކަންކުރަނީ އަނެއްކޮޅަށް. ކުރީގެ ވެރިން ފަހަތުން ދުވެ އެމީހުން ޝަރީއަތް ހިންގާ ހެދުމެއް ނޯންނާނެކަމަށް ރައްޔިތުން އަރިހު ރައީސް ވައުދުވީ އެކަމަކު އެކުޅިވަރު އަނެއްކާވެސް މި ފެށެނީ. ދެން މަގުތައް ހަލަބޮލިކުރަންވީ
އަންދަލޫސިޔާ
12 December 2024
އިބޫ މި ސަރުކާރަށް ފާޑުކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެ، މިނިވަން މުއައްސަސާތަކުގެ ރައީސުން ކަނޑައަޅާނީ ރައީސުލް ޖުމްހޫރިއްޔާ ކަމުގައި ރައީސް ޑރ. މުޢިއްޒުގެ ސްޕަރ މެޖޯރިޓީއޮތް މަޖުލިހުން ނިންމައި އެކަން ރައީސް ޑރ. މުޢިއްޒު ތަސްދީޤްކުރެއްވީމަ. އެއީ ބާރުތައް ޖަމާކޮށް ޑިމޮކްރަސީ ހަލާކުކޮށް އަނިޔާވެރިކަން އިސްކުރުން.
ސައްޕޭ
12 December 2024
އުކުޅަހުގައި އޮތް ޤައިމީ މަޖްލިސްގައި އެމް.ޑީ.ޕީން ވަނީ އިބޫ ސަރުކާރުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ހުރިހާ މައްސަލަތަކެއް ބަލައިދިނުމަށް މިސަރުކާރުގައި އެދުމަށް ފާސްކޮށްފައި. މިހާތަކަށް އައި އިރުވެސް މިސަރުކާރުގައި އެ މައްސަލަތައް ބަލަން އެދިފައިނުވޭ! މާނަޔަކީ ޤައުމީ މަޖްލިސްއިން ފާސްކޮށްފައިވާ ކަމެއް ތަންފީޒު ނުކޮށް އޮތިއްޔޭ. މިއީ ޗެއަރ ޕަރސަން ޒިންމާ ނަގަން ޖެހޭނެ ކަމެއް! މިހާރު ސަރުކާރުން އެމައްސަލަ ބެލުމުން ދެއްކޭނެ ވާހަކައެއް ނެތް!
ހަސަންބެއްޔާ
11 December 2024
ސޯލިހުގެ އެކައުންޓްތަކާއި، ގުޅުންއޮތް މީހުންގެ އެކައުންޓްތަކާއި އަދި ވިޔަފާރިތަކާއި މުދާތަކަކީ ކޮބާހެއްޔެވެ؟ އަނބިކަންބަލުންގެ އާއިލާ އަކީ މާލޭގައި ފެށުނީއްސުރެ ވިޔަފާރިކޮށްގެން ފުޅާ ތަނަވަސްކަމެއް ހޯދާފައިވާ ބަޔެއްކަން ނޭނގޭ މީހަކު ނޫޅޭނެއެވެ. ދެން މަޖިލީހުގައި އެހާ ގިނަ ދުވަހު މަސައްކަތް ކުރީމާ މުސާރައަށް ބަލާނަމަ އަތުގައި ލާރި ނެތި ނުދާނެއެވެ. އެކަމުކު، މާލޭގައި ބޮޑު ހޮޓަލެއް ނާޅައެވެ. އެސްކްރޯ އެކައުންޓެއްގައި ފައިސާ ބަހައްޓަން ނުޖެހެއެވެ.
ބޮޑުމީހާ
11 December 2024
މިކަން ހިިގިގޮތް ބަލައި ފިޔަވަޅު އަޅަންޖެހޭ. ކޯޓުތައް ހުއްޓާ ހިތަށް އެރިގޮތަކަށް ބަދަލު ދިނުމަކީ ކަނޑައެޅިގެން ކޮރަޕްޝަންގެ އަމަލެއް.
މިއޮތީ
11 December 2024
މިހާރު މި އޮތް ސަރުކާރުގައި ތިބި ވެރިންގެ ސިޔާސީ ތަޖުރިބާ މަދެއް ނުވާނެ. އެކަމަކު ހައިރާންވާންޖެހޭ ކަމަކީ ކުރާ ކަންކަމުން އެހެން ވެރިންވެސް މާޒީގައި އެޅި ޅައެއްޗެހި އަޅާތަން ފެނުން. ރައްޔިތުން ވެރިކަން ދިނީ ފަސް އަހަރަށްކަން ހަނދާން ނެތޭހެން ހީވޭ. އަދި އެ ފަސް އަހަރަކީ ހިތު ހުރިހާ ކަމެއް ކުރަން އޮންނަ ފަސް އަހަރު ކަން ވެރި މީހާއަށް ވިސްނެނީ ކީއްވެ ކަމެއް ހަމަ ނޭންގޭ.
ކަތްދައްތަ
11 December 2024
މިޤައުމަށް ވެރިންގެ ގޮތުގައި އަންނަ ކޮންމެ މީހަކު އަންނަނީ ރައްޔިތުންގެ މުއްސަދިކަން ދަމައިގަންނަން. އެކަން ނޭގެނީ ރައްޔިތުންނަށް. ރައްޔިތުންނަށް ޙައްޤު މިންވަރުދޭން އައިސް އެންމެ ފުރަތަމަވެސް ގާތް މީހުންނަށް ރަށްތައް ބަހާލީ އާބިދާގޯތި މުޙައްމަދު. ދެން އެކުޅިވަރު އަންނަ ކޮންމެ މީހަކު ކުޅެމުން މިދަނީ.
ދޮޅި ހުސޭނު
11 December 2024
އިބޫ މިހާރުވެސް އަދި ކުރިންވެސް ބަސް ބުނެ ރައްޔިތުންނަށް ހިދުމަތްކުރީ މީހަކު ދައްކާ ބިރަކަށް ނުބަލާ. ސަރުކާރުގައި ތިބެމެ މިހާރު އެކަން ހަޖަމު ނުކުރެވުމަކީ މި ސަރުކާރުގެ ފެންވަރު ވަޒަންކުރެވޭ ކަމެއް. މަޖިލިސް ތެރެއިން ނޫނީ ބޭރުންވެސް ބިރު ދައްކަން ކޮންމެ ކަމެއް ކުރިޔަސް އެމް.ޑީ.ޕީއިން ފަސް އެނބުރި ބަލައެއް ނުލާނެ. އެއަށްވުރެ މާ ހަރުދަނާވާނެ. ކުރާ ކަންކަމުގައި ސާބިތުވެ ތިބޭނެ. ތާއީދު ކުރަންޖެހެނީ ހަމަ ހުރެފަ ހިތަށް އެރީމައެއް ނޫން.
ޢިބޫ
11 December 2024
ރިހާކުރު ފުޅިޔައް 3 އަހަރޯ ޢިބޫއައް 2 ބިލިޔަނޯ