މީރާއަށް އާމްދަނީގެ ގޮތުގައި ދެއްކި މިންވަރު 19 ޕަސެންޓް އިތުރުވެއްޖެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ޖަމާކުރިއިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 19 ޕަސެންޓް އިތުރު އަދަދެއް ކަމަށް ބުނެފި އެވެ.


ދައުލަތުގެ ޓެކްސް އިދާރާއިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ އިދާރާއަށް ދައްކާފައި ވަނީ 1.1 ބިލިއަން ރުފިޔާ އެވެ. އަދި ޑޮލަރުން އާމްދަނީގެ ގޮތުގައި 32.9 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެ އޮތޯރިޓީން ބުނީ އެއީ ކުރިން ލަފާކުރި މިންވަރަށްވުރެ 50 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބިފައި ވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 550 މިލިއަން ރުފިޔާ މީރާ އަށް ދައްކާފައިވެ އެވެ. އޭގެ ތެރެއިން 361 މިލިއަން ރުފިޔާ ލިބިފައި ވަނީ ޓޫރިޒަމް ޖީއެސްޓީގެ ގޮތުގަ އެވެ.

މިދިޔަ މަހު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބިފައި ވަނީ ބޭންކް ޕްރޮފިޓް ޓެކްސްއިންނެވެ. އެ ޓެކްސްގެ ގޮތުގައި 311.9 މިލިއަން ރުފިޔާ މީރާއަށް ދައްކާފައިވެ އެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖެނުއަރީން ފެށިގެން މެއި މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 6.3 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 5.6 ބިލިއަން ރުފިޔާ އެވެ.