20 ޖެނުއަރީ 2025 - 10:13
ދައުލަތުގެ ހަރަދުތައް ހަމަޖައްސަން ބަޖެޓް ސަޕޯޓުގެ ގޮތުގައި، ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއް ކުންފުނި އެސްޓީއޯ މެދުވެރިކޮށް އެމެރިކާގެ ކުންފުންޏަކުން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން އެ ލޯނު ނެގީ މިދިޔަ އަހަރުގެ ނޮވެމްބަރު 8، ގަ އެވެ. އެ ލޯނު ނެގީ އެމެރިކާގެ މާލީ ކުންފުންޏެއް ކަމަށްވާ ކާގިލް ފައިނޭންޝަލް ސާވިސް އިންޓަނޭޝަނަލް އިންކޯޕަރޭޓެޑް (ސީއެފްއެސްއައި) މެދުވެރިކޮށެވެ.
އެސްޓީއޯ އިން ނެގި އެ ލޯނަށް ސަރުކާރުން ވަނީ ގެރެންޓީ ދީފަ އެވެ.
މިދިޔަ އަހަރު އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން ނެގި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ އަށް ވެސް ސަރުކާރުން ގެރެންޓީދީފައިވެ އެވެ. މިއީ، ކަރެންސީ ސްވޮޕް ފެސިލިޓީއަކަށް ގެރެންޓީދިން ފުރަތަމަ ފަހަރެވެ.
އެސްޓީއޯ އިން 50 މިލިއަން ޑޮލަރުގެ ލޯނެއް ނެގި އިރު މިދިޔަ އަހަރު އެމްއޭސީއެލް މެދުވެރިކޮށް ބީއެމްއެލް އިން ވެސް ސަރުކާރުން ވަނީ 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. އެފަހަރު އެ ލޯނު ނެގީ، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކި ބޮންޑުގެ ބައެއް ދެއްކުމަށެވެ.
މިދިޔަ އަހަރުގެ ބަޖެޓު ޑެފިސިޓް 15 ބިލިއަން ރުފިޔާއަށް އަރަ އެވެ. ކޮންމެ އަހަރެއްގެ ބަޖެޓު ޑެފިސިޓަށް ބޭނުންވާ ފައިސާ ސަރުކާރުން ހޯދަން އެންމެ ގިނައިން ވިއްކަނީ ޓީބިލެވެ. މިދިޔަ އަހަރު ވެސް ޑޮމެސްޓިކް މާކެޓުން ޓީބިލް ވިއްކައިގެން ބޮޑު އަދަދެއް ހޯދާފައިވެ އެވެ.
މިއަހަރު ވެސް ބަޖެޓު ފައިނޭންސިންގެ ގޮތުގައި 12 ބިލިއަން ރުފިޔާ ހޯދަން ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން 6.6 ބިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވަނީ ބޭރުގެ ބޭންކްތައް މެދުވެރިކޮށެވެ. އެ ފައިސާ ހަމަނުޖެހިއްޖެ ނަމަ، ރިޒާވަށް އިތުރު ޕްރެޝާ ކުރިމަތިވާނެ ކަމަށް މިދިޔަ އަހަރު ފަހުކޮޅު އެމްއެމްއޭ އިން ދެއްވި ބަޖެޓު ލަފާގައި ފާހަގަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
21 January 2025
ތިޔަހެރަ ފަޅުރަށްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާބަލަ. ލޯނާގެން ގައުމު ހަމަ ދަރަނިވެރިނުކޮށް.
ދުވެލި-
20 January 2025
ރައީސް ވިދާޅުވާ ގޮތާ ހިލާފަށް ދައުލަތުގެ އިދާރާ ތަކުން މަސައްކަތް ކުރަނީ ކީއްވެބާ؟ ރައީސް ވިދާޅުވީ ލޯނެއް ނުނަގާނަމޭ.
ޓިނު
20 January 2025
މިހާރު ސަރުކާރަށް ލޯނެއް ލިބޭނެގޮތެއްނެތީބާ؟ ދެންކުންފުނިތަކަށްވެސް ލޯނެއް ލިބޭނެގޮތް ނެތުނީމަ ކިހެނެއްބާ ހަދާނީ
ސަޅި ގައުމެއް
20 January 2025
ނުނަގާނެ ލޯނެއް.. ކޮބާތަ ކުރިން ލިބުނުހާ ގުރީން ސިގްނަލް ތައް
ސީޒަން ޖެކްޝަން
20 January 2025
ވިއްކާނެ އެއްޗެހި ހުސްވީތޯ؟