ބީއެމްއެލް އިސްލާމިކްގެ ބްރާންޗެއް: އަތޮޅު ތެރޭގެ ތިން ބްރާންޗެއް ވަނީ އިސްލާމިކް ބްރާންޗްތަކަކަށް ރީބްރޭންޑް ކޮށްފައި --- ފޮޓޯ/މިހާރު
22 ޖެނުއަރީ 2025 - 16:51
އަތޮޅު ތެރޭގައި ހުރި ބޭންކް އޮފް މޯލްޑިވްސްގެ ތިން ބްރާންޗެއް އެ ބޭންކުގެ އިސްލާމިކް ބްރާންޗްތަކަށް ރީބްރޭންޑް ކޮށްފި އެވެ.
ބީއެމްއެލްއިން މިކަން އިއުލާނުކުރީ ބީއެމްއެލް އިސްލާމިކަށް 10 އަހަރު ފުރުން ފާހަގަކޮށް، ނެރުނު ނޫސް ބަޔާނެއްގަ އެވެ. ބީއެމްއެލްއިން ބުނީ އެ ބެންކުގެ ބޭންކުގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން ބ. އޭދަފުށްޓާއި އދ. މަހިބަދޫ އަދި އައްޑޫ ސިޓީގެ ގަމުގައި ހުންނަ ބްރާންޗްތައް މިހާރު ބީއެމްއެލް އިސްލާމިކްގެ ބްރާންޗްތަކަކަށް ރީބްރޭންޑް ކޮށްފައިވާ ކަމަށެވެ. އަދި އެ ބްރާންޗްތަކުން ހިދުމަތް ދެމުން ދާނީ އިސްލާމިކް ބޭންކިންގެ ހިދުމަތްތަކަށް އިސްކަންދީގެން ކަމަށް ވެސް ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އަތޮޅުތަކުގެ ބްރާންޗުތަކަށް ގެނައި ބަދަލަކީ ކަސްޓަމަރުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށް ދިނުމުގެ ގޮތުން ގެނެސްފައިވާ ބަދަލެއް ކަމަށެވެ. އަދި އިސްލާމިކް ބޭންކަކުން ލިބޭނެ ހުރިހާ ހިދުމަތްތަކެއް އެ ބްރާންޗްތަކުން ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
" ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން، މި ބޭންކުން އެކައުންޓް، ކާޑު އަދި ފައިނޭންސިން ހިދުމަތްތައް ހިމެނޭހެން ހުރިހާ ހިދުމަތެއް ފޯރުކޮށްދެން. މި ބޭންކަކީ އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިން، ކޭޝް ފައިނޭންސިން، ހައިބްރިޑް ހޯމް ފައިނޭންސިން، އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފްކުރި ބޭންކް." އޭނާ ވިދާޅުވި އެވެ.
އޭނާ ވަނީ ރާއްޖޭގައި އިސްލާމީ ޝަރީއާގެ އުސޫލުން ކްރެޑިޓް ކާޑުގެ ހިދުމަތްދޭ ހަމައެކަނި ބެންކަކީ ބީއެމްއެލް އިސްލާމިކް ކަން ފާހަގަ ކުރައްވައިފަ އެވެ.
ބީއެމްއެލް އިސްލާމިކުގެ ހިދުމަތްތަކަކީ ޝަރީއާއާ އެއްގޮތްވާ ގޮތަށް ފަރުމާކޮށް ދެމުންދާ ހިދުމަތްތަކެކެވެ. އަދި ބީއެމްއެލް އިސްލާމިކްގެ ފަންޑަކީ މުޅިން ވަކި އެއްޗެއްގެ ގޮތުގައި ކަނޑައަޅައި، އެ ބޭންކުގެ ޕްރޮޑަކްޓުތައް ފަރުމާކޮށްފައި ވަނީ ބައިނަލްއަގުވާމީ ގޮތުން އިސްލާމިކް ބޭންކުތަކުގައި ބޭނުންކުރާ މިންގަނޑުތަކާ އެއްގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަދީއާ ރީޓެއިލް ސޭވިންގ
23 January 2025
އިސްލާމިކް ސޭވިންގ އެކައުންޓާއި އިސްލާމިކް ކުރެޑިޓުކާޑުވެސް ބޭންކުއޮފް މޯލްޑިވްސް އެބަދޫކުރޭ، ސޭވިންގ އެކައުންޓުގައި އިންޓްރެސްޓްވެސް އެބަދޭ، އޭތި ރިބާއަކަށްނުވޭތަ؟ ކިހިނެތް މިވަނީ، ނަންބޯޑަކުން ނުވަތަ ނަމަކުން ހުރިހާ ކަމެއް އިސްލާމްވަނީތަ؟ ސޭހަކު ނުވަތަ ބީއެމްއެލުން ނަމަވެސް ސާފުކޮށްދީބަލަ
ދަރަނި ދަންތުރަ
22 January 2025
ނަމުން އިސްލާމިކް ކިޔަސް، އިސްލާމިކެއް ނުވާނެ ރައްޔިތެއްގެ ހާލަތު ބަދަލުކުރުމުގެ ރޫހެއް ނެތި. ލޯނަށް ގޮތް ނިންމަނީ ބީއެމްއެލް ސެންޓްރަލްކޮށް. އެމްއެމްއޭގެ ކްރެޑިޓް އިންފޮމޭޝަން ރިޕޯޓް ދަރަނީގެ މައުލޫމާތަށް ތަބާވާ ނަމަ އޭކީ އިސްލާމިކެއް ނޫން. އޭގެ މަގުސަދަކަށް އޮތީ އެއްގޮތުން ނޫނީ އަނެއްގޮތުން ދަރަނި ދަންތުރަ ޖަހާ ދަރަނީގެ އަޅަކަށް ހެދުން. ރިބާގެ ކަސްތޮޅުން ނެއްޓޭނެ މަގެއް ނުދެއްކޭ.
ރިބާ22
22 January 2025
އިސްލާމީ ޝަރީޢަތާ ޚިލާފު ކަމެއް ރާއްޖޭގައި ޤާނޫނީ ގޮތުން ނުކުރެވޭނެ. ސާފުކޮށް ބުނަން ނުކުރެނަސް ބޭންކް އިންޓަރެސްޓަކީ ރިބާ ކަމަށް ދިވެހި ދައުލަތް ޤަބޫލެއް ނުކުރޭ. އަނެއްކާ މިއުޅޭ "ޢިލްމުވެރިން" ވެސް ހިތުގެ އަޑިން ގަބޫލެއް ނުކުރޭ. އެހެން ނޫންނަމަ އެކަން ހުއްޓުވަން ޝަރީއަތަށްވެސް ދާނެތާ ދޯ. ޙަޤީޤަަތަކީ ބޭންކް އިންޓަރެސްޓަކީ ރިބާއެއް ނޫން. މިކަމާގުޅިފައިވާ ނެރޭޝަންތައް ދިރާސާކުރުމުން އެކަން އެނގޭ. ރިބާއަކީ މުޅީން ތަފާތު މޮޑެލްއެއް.
ސަމީ
22 January 2025
ސަރީފު ވަރެއް ނެތް. ހިންގާލާނެ ސަރީފު. ބަލަންތިބޭ
ރާވެރިބެ
22 January 2025
ބީއެއެމްއެލްގެ ބްރާންޗް ތަށް ބޭރުފުށަށް ރީބްރޭންޑް ކޮށްފަ ‘އިސްލާމިކް’ ޖެއްސަސް ބީއެމްއެލް އަކީ ރިބާ ހިމެނޭ ގޮތަށް ހިންގާ ބޭންކެއް. ވީމަ އިސްލާމިލް ބްރާންޗް ތަކުގެ ވިޔަފާރި އިސްލާމިކް ބޭންކިންގެ އުސޫލްތަކާ އެއްގޮތަށް ވަކިން ހިންގާތޯ ކަސްޓަމަރުންނަށް ޔަގީންކަން ލިބޭނީ ކިހިނެތްތޯ؟
ބޭންކްމާމަ
22 January 2025
ނަމުން އެކަނި އިސްލާމިކް ލޯނެއްނަގާއިރު އިންޓްރެސްޓްވެސް ތަފާތެއްނެތް ލިގުމުގާއޮންނަ ގޮތްތަފާތަކީ.