އުރީދޫގެ އުމްރާ ދަތުރު ލިބުނު މީހަކަށް އެކަމުގެ ލިޔުން ހަވާލުކުރަނީ --- ފޮޓޯ/އުރީދޫ
13 ޖުލައި 2025 - 14:53
އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ފަށާފައިވާ "ލިވް އަންލިމިޓަޑް" ކެމްޕެއިންގެ ތެރެއިން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދޭ ޕްރޮމޯޝަނުގައި މިހާތަނަށް ހަތަރު ނަސީބުވެރިން ހޮވާފައިވާ ކަމަށް އުރީދޫން ބުނެފި އެވެ.
ޖުމްލަ 19 މީހަކަށް އުމްރާ ދަތުރު ލިބޭ އެ ޕްރޮމޯޝަނުގައި ބާކީ 15 ނަސީބުވެރިން ކޮންމެ 20 ދުވަހަކުން ހޮވަމުން ދާނެ އެވެ. އެ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހަޅާފައިވަނީ ހައްޖު ދަތުރެކެވެ. އެއީ ނަސީބުވެރި އެއް ކަސްޓަމަރަކަށް ލިބޭ ދެ މީހެއްގެ ހައްޖު ދަތުރެކެވެ.
އުރީދޫން ދޭ ހައްޖާއި އުމްރާ ދަތުރު ޕްރޮމޯޝަނުގައި، އުރީދޫ މިހާރު ބޭނުންކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނީ 30 ދުވަހުގެ ތެރޭގައި 250ރ. އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދަށް ވުރެ މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރު ކޮށްގެންނެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 400ރ. އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދުން މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރު ކުރުމުންނެވެ.
އުރީދޫގެ އެ ޕްރޮމޯޝަނުގައި ޕްރިޕެއިޑާއި ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ތައާރަފުކުރި "ލިވް އަންލިމިޓަޑް" އަކީ ހަމައެކަނި ޝިއާރެއް ނޫން ކަމަށާއި އެއީ ކަސްޓަމަރުންނަށް ކުރާ ވައުދެއް ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ އުރީދޫގެ ކަނެކްޓިވިޓީއާ އެކު، ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން ފުރިހަމަވެގެން ދިއުން ކަމަށް ބުންޏެވެ.
އުރީދޫން އަންނަ މަހު ފާހަގަކުރާ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ލޯންޗުކުރި ކެމްޕެއިންގެ ދަށުން އިތުރު އޮފާތަކާއި ޕްރޮމޯޝަންތައް އަދި ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ. އެގޮތުން އަންނަ މަހުގެ ނިޔަލަށް އެކި ހަރަކާތްތައް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy