ފިނޭންސް މިނިސްޓްރީ: އެސްޑީއެފް ފަންޑް މެނޭޖްކުރި ގޮތުން އޮޑިޓް ރިޕޯޓުގައިވަނީ ކަންބޮޑުވުން ފާޅުކޮށްފައި --- ފޮޓޯ/މިހާރު
13 ޖުލައި 2025 - 18:19
ސޮވަރިން ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް) 2023 ވަނަ އަހަރުގެ ނިޔަލަށް މެނޭޖް ކޮށްފައި ހުރީ ކުރިއަށް ހުރި ބޮޑެތި ދަރަނިތައް ދެއްކޭނެ ޕްލޭނެއް ނެތި، އެ ދަރަނި އަދާކުރެވޭނެ ގޮތަށް ނޫން ކަމަށް ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އެސްޑީއެފް ފަންޑް 2017 އިން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް މެނޭޖްކުރި ގޮތާ ގުޅޭގޮތުން ހެދި އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ ފަންޑުގައި 2023 ވަނަ އަހަރުގެ ނިޔަލަށް 7.5 ބިލިއަން ރުފިޔާ ހުރި ކަމަށެވެ. އޭގެ ތެރެއިން 65 ޕަސެންޓް ހުރީ ދިވެހި ރުފިޔާ އިން ކަމަށާއި އަދި ދަރަނި އަދާކުރަން ހެދި އެ ފަންޑުގެ 35 ޕަސެންޓު ހުރީ ޑޮލަރުން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް އޮފީހުން 2023 ވަނަ އަހަރުގެ ހިސާބުތަކާ ހަމައަށް ނެރުނު އެ ރިޕޯޓުގައި، އެފަންޑުގެ ސައިޒު 7.5 ބިލިއަންގައި ހުރި ކަމަށް ދެއްކި ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް "މިހާރު" އިން މިދިޔަ ފެބްރުއަރީ މަހު ހޯދި މައުލޫމާތުން އެނގޭ ގޮތުން އެ ފަންޑުގެ ސައިޒު މިހާރު ހުރީ 8.9 ބިލިއަން ރުފިޔާގަ އެވެ.
އެ ފަންޑުގައި މިވަގުތު ހުރި ފައިސާ އަކީ މިއަހަރުގެ ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާގެ 55 ޕަސެންޓެވެ. މިއަހަރާއި އަންނަ އަހަރުގެ ޖުމްލަ ދަރަނި އަދާކުރުމަށް ގާތްގަނޑަކަށް 32 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް ދަރަންޏަށް ހޭދަކުރާނެ އެންމެ ބޮޑު އަދަދެކެެވެ. އެއީ މިއަހަރުގެ ބަޖެޓުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ ޖުމްލަ އާމްދަނީގެ 80 ޕަސެންޓެވެ. މިއަހަރު އާމްދަނީގެ ގޮތުގައި 39 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އޮޑިޓް އޮފީހުން ބުނީ، ފަންޑަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 88 ޕަސެންޓް ހުރީ ޓީ ބިލުގައި އިންވެސްޓްކޮށްފައި ކަމަށެވެ. ސަރުކާރުން ވިއްކާ ޓީބިލުގެ ބޭނުމަކީ ހިންގުމުގެ ހަރަދުތައް މެނޭޖު ކުރުމެވެ. އާންމުކޮށް އެ ފަންޑަށް އިންވެސްޓްކޮށްފައިވާ ޓީބިލުތަކުގެ މުއްދަތުތައް ހަމަވާ ވަރަކުން ރޯލްއޯވާ ކުރެ އެވެ. އެހެންވެ، އެއީ އެ ފަންޑުގެ ފައިސާ އިންވެސްޓްކުރަން އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ސަރުކާރުން 2017 ވަނަ އަހަރު އުފެއްދި އެސްޑީއެފްގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ބޮޑެތި ދަރަނިތައް އަދާކުރާނެ ފަންޑެއް ހެދުން ކަމަށާއި މިއަހަރާއި އަންނަ އަހަރު އަދާކުރަން ޖެހޭ ދަރަނިތަކަށް އެ ފަންޑު މެނޭޖްކޮށްފައި ހުރި ގޮތުން އެންމެ ފުރިހަމައަށް ބޭނުން ނުކުރެވޭނެ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެ ފަންޑު އެންމެ ހަރުދަނާ ގޮތެއްގައި މެނޭޖްކުރުމަށްޓަކައި އުސޫލުތައް އެކުލަވާލެވިފައެއް ނުވެ އެވެ. އަދި އެ ފަންޑުގެ ހިސާބުތައް ވެސް ބަލަހައްޓާފައި ހުރީ އެކައުންޓިންގެ އެންމެ ފުރިހަމަ ސްޓޭންޑާޑުތައް ނުހިފަހައްޓާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.
އޮޑިޓް އޮފީހުން ބުނީ، އެންމެ ފުރިހަމައަށް އެސްޑީއެފް މެނޭޖްކުރުމަށްޓަކައި ލީގަލް ފްރޭމްވޯކެއް ބޭނުންވާ ކަމަށެވެ. އަދި އެ ފަންޑުގެ އިންވެސްޓްމެންޓް ޕޮލިސީ އާއި ރިސްކް މެނޭޖްމެންޓް ފްރޭވޯކެއް އެކުލަވާލުމަށްފަހު އެކަން ފިނޭންސް މިނިސްޓްރީން އާންމުކުރަން ޖެހޭ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅޭ1
14 July 2025
ކާނެވަރަކަށް ކައިގެން ދެން އަތް ނުލެވޭނެ ހިސާބަށް ދިޔައިމަ ނޫނީ ތިއޮޑިޓަރަށް އެއްވެސް ކަން ބޮޑުވުމެއް ނާދޭ. ރައްޔިތުންގެ ފައިސާ ހެސް ކިޔާފަ ތަޅާ ބުރުއްސާލަނީ ދަރަނި ނަގަނީ ހުސް ވައްކަން ކުރަނީ އޮޑިޓަރު ކަންބޮޑުވާން ފަށާނީ ދައުރު ނިމި އާރައީސަކު އައިމަ އެކަނި؟
ދިވެހިން ހަގީގަތް ގަބޫލުކުރަން ނުވޭތޯ
13 July 2025
"މިއަހަރާއި އަންނަ އަހަރުގެ ޖުމްލަ ދަރަނި އަދާކުރުމަށް ގާތްގަނޑަކަށް 32 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް ދަރަންޏަށް ހޭދަކުރާނެ އެންމެ ބޮޑު އަދަދެކެެވެ." މިއީ ކުރީގެ ވެރިންގެ މިސްމެނޭޖްމަންޓް ނޫން ކޯންޗެއްތޯއެވެ؟ އެވެރިން މިހާލަތަށް ގައުމު ވައްޓާލާފައި އޮތުމުން މިއަދު އަތާއަނގަޔާ ކިރިޔާވެސް ދިމާވާކަންވެސް ނަސީބު. ދަރަނި ދެއްކުން ނޫން އެހެން ވާހަކައެއް ދައްކަން ހިތަށްވެސް އެރުވޭކަށް ނެތް މިހާރު.
ނުވާތީ ބާއޭ
13 July 2025
ޕެންޝަން އޮފީސް މެނޭޖް ކުރާގޮތް އޮޑިޓް އޮފީހުން ނުބަލަނީ އެއީ ދައުލަތުގެ މުއައްސަސާއަކަށް ނުވާތީ ބާ